22 މެއި 2021 - 14:53

ކޮވިޑް-19 ފެތުރޭތީ ހެލްތް ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާފައިވާ އުސޫލޫތަކާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ކޮށްފައިވާ އިއުލާނާ އެއްގޮތަށް މާދަމާ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޭ ހިދުމަތްތަކަށް ބަދަލުތަކެއް ގެނެސްފި އެވެ.
ބޭންކުން ބުނީ ބޭންކުގެ ބްރާންޗްތައް ހުޅުވާނީ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހުގެ ހެނދުނު 8:30 އިން މެންދުރު 12:30 އަށް ކަމަށާއި އެކަމަކު ނަމަވެސް ބޭންކުން ދޭ ބައެއް އަސާސީ ހިދުމަތްތައް ކަމަށްވާ ޗެކް ޕްރޮސެސް ކުރުމާއި ޓީޓީ އަދި ޕޭރޯލް ހިދުމަތް ހަފުތާގެ ކޮންމެ ދުވަހަކު ވެސް ލިބޭނެ ކަމަށެވެ.
އެގޮތުން ރާއްޖޭން ބޭރަށް ފައިސާ ޓްރާންސްފާކުރުން ނުވަތަ ޓީޓީގެ ހިދުމަތް ހެނދުނު 11:00 ގެ ކުރިން ލިބޭ ހުށަހެޅުންތައް އެ ދުވަހު ޕްރޮސެސް ކުރުމަށްވަނީ ހަމަޖެހިފަ އެވެ. ބީއެމްއެލްގެ އެކައުންޓަކަށް މުސާރަ ޖަމާކުރާ ނަމަ މެންދުރު 12:00 ގެ ކުރިން ހުށަޅެމުން އެ ދުވަހު ޕްރޮސެސް ވާނެ އެވެ.
އެހެން ބޭންކެއްގެ އެކައުންޓަކަށް މުސާރަ ޖަމާކުރާނަމަ އެދުވަހު ޕްރޮސެސްކުރެވޭނީ ހެނދުނު 11:00 ގެ ކުރިން ލިބޭ ހުށަހެޅުންތަކެވެ.
މީގެ އިތުރުން ހެނދުނު 9:30 ގެ ކުރިން އޭޓީއެމް މެދުވެރިކޮށް ޖަމާ ކުރާ ކްލިއަރިން ޗެކެއް ނަމަ އެދުވަހު ޕްރޮސެސް ވާނެ އެވެ. މެންދުރު 12:00 ގެ ކުރިން ޖަމާ ކުރާ ބީއެމްއެލް ޗެކެއް ނަމަ އެދުވަހު ޕްރޮސެސް ވާނެ އެވެ.
ބޭންކް ހުޅުވާ ދުވަސްތައް މަދުކޮށްފައިވަނީ ރާއްޖޭގައި ކޮވިޑްގެ ހާލަތު އަނެއްކާވެސް ގޯސްވުމުންނެވެ. ބޭންކުން ބުނީ މާލޭ އިން ހިދުމަތް ހޯދާ ނަމަ ކިއުބީ އެޕް މެދުވެރިކޮށް އޮންލައިން ކޮށް ނަންބަރު ނެގޭނެ އެވެ.