22 މެއި 2021 - 14:48

ސަރުކާރު ވައްޓާލާނެ ކަމަށް ލިޔެފައި ހުރި ލިޔުންތަކެއް ފުލުހުންގެ މައި މަރުކަޒު ތެރެއަށް އެޅި މައްސަލައެއްގައި ފުލުހުންގެ ވަޒީފާއިން ވަކިކުރި މީހަކަށް 91،000ރ. ގެ ބަދަލެއް ދޭން ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
ސަރުކާރު ވައްޓާލާނެ ކަމަށް ބުނެ ލިޔެފައި ހުރި ލިޔުންތަކެއް ނޮވެމްބަރު، 2016 ގައި ފުލުހުންގެ މައި މަރުކަޒަށް އެޅި މައްސަލައެއްގައި އެ ފުލުސް މީހާ ހައްޔަރުކޮށް، ސަސްޕެންޑް ކުރުމަށް ފަހު އޭނާ ވަޒީފާއިން ވަކިކުރީ ޖެނުއަރީ، 2017 ގަ އެވެ.
އެ މީހާ ވަޒީފާ އަނބުރާ ހޯދަން ދައުވާ ކުރުމުން ސިވިލް ކޯޓުން މިދިޔަ ބުދަ ދުވަހު ކުރި ހުކުމުގައިވަނީ ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުގައި އޭނާ އެކަމަށް އިއުތިރާފްވެފައިވާއިރު، އަޅާފައިވާ ކަރުދާސްތަކުން އޭނާގެ ފިންގަޕްރިންޓް ފެނިފައިވާ ކަމަށެވެ. އަދިި އެކަން އޭނާކުރީ އޭރު ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައި ހުރި އަދި މިހާރުގެ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދުގެ އެދުމަކަށް ކަމަށް އޭނާ ފުލުހުންނަށް ދީފައިވާ ބަޔާނުގައި އޮތް ކަމަށް އެ ހުކުމުގައިވެ އެވެ. އެހެންވެ، ހުކުމުގައިވަނީ އޭނާ ވަޒީފާއިން ވަކި ކުރުމުގައި މައުޟޫއީ އަދުލުވެރިކަން ގާއިމް ކޮށްފައިވާތީ އޭނާއަށް އަލުން ވަޒީފާދޭން ނުޖެހޭ ކަމަށެވެ.
އެކަމަކު އޭނާ ވަކި ކުރުމުގައި އިޖްރާއީ އަދުލުވެރިކަން ގާއިމް ކޮށްފައިނުވާ ކަމަށް ހުކުމުގައިވެ އެވެ. އެގޮތުން ފުލުހުންގެ ވަޒީފާއާބެހޭ ގަވާއިދުގެ ދަށުން، އޭނާ ވަޒީފާއިން ވަކިކުރަން ފޮނުވަންޖެހޭ ކޮމިޝަނާ އޮފް ޕޮލިސްގެ ލިޔުމެއް ހޯމް މިނިސްޓަރަށް ފޮނުވާފައިވާ ކަން އެނގެން ނެތްކަން ވަނީ ފާހަގަކޮށްފަ އެވެ. އެހެންކަމުން އޭގެ އަދުލުވެރި ބަދަލެއްގެ ގޮތުން ހަ މަސް ދުވަހުގެ މުސާރަ އާއި އިނާޔަތްތަކަށްވާ 91،000ރ. އެއް މަސް ތެރޭގައި އޭނާއަށް ދައްކަން ދައުލަތުގެ މައްޗަށް ހުކުމްކުރީ އެވެ.