22 މެއި 2021 - 15:00

މެންޗެސްޓާ (22 މެއި) - މެންޗެސްޓާ ސިޓީގެ އާޖެންޓީނާގެ ފޯވަޑް ސާޖިއޯ ކުން އަގުއޭރޯ ސްޕެއިންގެ ބާސެލޯނާ އަށް ބަދަލުވާން އެއްބަސްވެއްޖެ އެވެ.
އަގުއޭރޯ، 33 ބާސާ އަށް ބަދަލުވާން އެއްބަސްވީ މިހާރު އޭނާ އަށް ސިޓީން ލިބޭ މުސާރައިގެ ދެބައިކުޅަ އެއްބަޔަށް ވުރެވެސް ކުޑަކޮށެވެ. މުސާރައިގެ ގޮތުގައި އަގުއޭރޯއަށް އަހަރަކު 12 މިލިއަން ޔޫރޯ ސިޓީން ދެ އެވެ. ސްޕެއިންގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އަގުއޭރޯ ބާސާއަށް ކުޅެން އެއްބަސްވީ އަހަރަކު ފަސް މިލިއަން ޔޫރޯ އަށެވެ.
ސިޓީއާއެކު އަގުއޭރޯ ހަދާފައިވާ އެއްބަސްވުން، މި ސީޒަންގެ ނިޔަލަށް ހަމަވާނެ އެވެ. އެހެންކަމުން، އަގުއޭރޯ ބާސާއާ ގުޅޭނީ ހިލޭ ޓްރާންސްފާއެއްގަ އެވެ.
އެތުލެޓިކޯ މެޑްރިޑް ދޫކޮށް 2011 ވަނަ އަހަރު ސިޓީ އަށް ބަދަލުވި އަގުއޭރޯ ފަހަކަށް އައިސް ގިނަ މެޗުތަކުގައި ކުޅެފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ. ސިޓީއާ އެކު ހަތަރު ފަހު ޕްރިމިއާ ލީގު ކާމިޔާބުކޮށްފައިވާ އަގުއޭރޯ އަކީ އެ ކްލަބްގެ ތާރީހުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އެވެ. އޭނާ ވަނީ އެ ޓީމަށް 384 މެޗުން 257 ގޯލު ކާމިޔާބުކޮށްދީފަ އެވެ.
ބާސާއާއެކު ދެ އަހަރުގެ އެއްބަސްވުމެއްގައި، އޭނާ ސޮއި ކުރާނެ ކަމަށް ރިޕޯޓްތަކުން ބުނެ އެވެ. މި ސީޒަންގައި ބާސާ ކުޅުނީ ސެންޓާ ފޯވަޑެއް ނުލަ އެވެ. ސީޒަން ފެށުމުގެ ކުރިން ބާސާއިން ވަނީ މިދިޔަ ހަތް އަހަރު އެ ޓީމަށް ކުޅުނު ފޯވަޑް ލުއިސް ސުއަރޭޒް އެތުލެޓިކޯ އަށް ވިއްކާލައިފަ އެވެ. ސުއަރޭޒް ދަނީ އެތުލެޓިކޯގައި މޮޅު ކުޅުމެއް ދައްކަމުންނެވެ.
މި އަންނަ މަހު ކޮންޓްރެކްޓް ހަމަވާ ކެޕްޓަން ލިއޮނެލް މެސީ، ޓީމުގައި މަޑު ކުރުވަން ބާރު އެޅުމުގެ ގޮތުން އޭނާ ވަށައިގެން ރަނގަޅު އެޓޭކިން ޓީމެއް ބިނާކުރަން ކުރަން ބާސާއިން ބޭނުންވެ އެވެ. އަގުއޭރޯގެ އިތުރުން އޮލިމްޕިކް ލިޔޯން އަށް ކުޅެމުން ގެންދާ ހޮލެންޑްގެ ފޯވަޑް މެންފިސް ޑީޕާއީ ގެންނަން ވެސް ބާސާއިން ވަނީ ނިންމައިފަ އެވެ. ލިޔޯން އާއެކު އޭނާ ހަދައިފައިވާ އެއްބަސްވުން، މި ސީޒަނަށް ފަހު ހަމަ ވާނެ އެވެ.