22 މެއި 2021 - 13:16

ކޮވިޑު-19 އަށް ޕޮޒިޓިވްވުމުން ހުޅުމާލެ ކޮވިޑް ފެސިލިޓީ އަށް ގެންދަނިކޮށް ރޭ ދެ މީހަކު ފިލައިފި އެވެ.
އެ ދެ މީހުންނަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި އެންމެ ފުރަތަމަ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ދެ މީހުންނެވެ. ނަމަވެސް ކޮވިޑަށް ޕޮޒިޓިވްވެފައި ތިބުމުން ފުލުހުންގެ ބަންދުން ދޫކޮށްލުމަށް ފަހު ފެސިލިޓީ އަށް ގެންދިއުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާ ހަވާލުކުރީ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އެޗްޕީއޭގެ ބެލުމުގެ ދަށުން ފެސިލިޓީ އަށް ގެންދަނިކޮށް ފިލާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެ ދެ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެ މީހުން ފިލީ ކިހިނެއް، އަދި ކޮން ހިސާބަކުން ކަމެއް ފުލުހުން ނުބުނެ އެވެ.
ހަރުކަށި ފިކުރާ ދެކޮޅަށް މި ފަހުން ފުލުހުން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކުރި ބައެއް މީހުން ވެސް ކޮވިޑަށް ޕޮޒިޓިވްވެފައި ވެ އެވެ. އެހެންވެ މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދިއުމުގައި ދަތިތަކެއް ކުރިމަތިވެފައި ވެ އެވެ.
އެ ތުހުމަތުތަށް މާލެ އާއި ރަށްރަށުން މީހުން ހައްޔަރުކުރި އެވެ. އޭގެ އިތުރުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާގެ ތުހުމަތަށް ވެސް މާލެ އާއި ބ. ދަރަވަންދޫން ބަޔަކު ހައްޔަރުކުރި އެވެ. އެ ތަނުން ބައެއް މީހުން ހައްޔަރުކުރި އިރު ކޮވިޑަށް ޕޮޒިޓިވް އެވެ. އަދި މި މީހުންނާ ކޮންޓެކްޓުވި ބައެއް ފުލުހުން އެކަހެރިކުރަން ޖެހިފައި ވާއިރު، އޮޕަރޭޝަންގައި ބައިވެރިވާ ބައެއް ފުލުހުން ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ.