22 މެއި 2021 - 14:27

އައްޑޫ ފްލައިން ސްކޫލުގެ މައްސަލަ ހައްލުނުވެ ދިގުލައިގެން ދާތީ އެ ސްކޫލު ބޭރުކުރުމަށްފަހު އެހެން ހައްލެއް ހޯދައިދިނުމަށް ބައެއް ދަރިވަރުން ގޮވާލައިފި އެވެ.
ތާވަލާ އެއްގޮތަށް ކުރިއަށް ދާނަމަ ގާތްގަނޑަކަށް ދޮޅު އަހަރުން ޕައިލެޓް ޓްރެއިނިން ނިމޭނެ އެވެ. ނަމަވެސް ފަސް އަހަރުވެގެން ދިޔައިރު ވެސް އޭޝިއަން އެކަޑަމީ އޮފް އެއޮރޮނޯޓިކްސް (އޭއޭއޭ)ގައި ކިޔަވާ ދަރިވަރުން ކޯހެއް ފުރިހަމައެއް ނުވި އެވެ. އެއާއެކު، އެ ދަރިވަރުންގެ އާއިލާތަކަށް ވަނީ ބޮޑު ތަކުލީފަކާ ކުރިމަތިވެފަ އެވެ.
ކަންބޮޑުވުންތައް ހިއްސާކޮށް "މިހާރު" އާ ވާހަކަދެއްކި ދަރިވަރަކު ބުނީ އެ ސްކޫލުގައި ދުއްވާނެ ބޯޓެއް ވެސް މި ވަގުތު ނެތް ކަމަށެވެ. މި ފަހުން ވެސް 14 އިންޖިނިއަރުންނާއި ޓެކްނީޝަނުން ވަޒީފާއިން ވަކިވެގެން ދިއުމުން ތަމްރީނުތައް އަލުން ފެށޭނެ ދުވަހެއް ނޭނގޭ ކަމަށް ވެސް އޭނާ ބުންޏެވެ.
"މި ކަމަށް އެހެން ހައްލެއް ބޭނުންވާ ކަމަށް ދަރިވަރުން އެންމެ ފަހުން މި ނިންމީ. އައްޑޫ ފްލައިން ސްކޫލު ބޭރުކުރަން އެންމެ ފަހުން ދަރިވަރުން މި ގޮވާލަނީ،" އެ ދަރިވަރު ބުންޏެވެ.
"ސްކޫލުން ކޯސް ފުރިހަމަކުރެވޭނީ ކޮން ދުވަހަކުންތޯ އެހީމަ އެއަށް ޖަވާބެއް ނުދޭ. އަޅުގަނޑުމެން އެތައް ހާސް ރުފިޔާއެއް އެތަނުގައި ވީއިރު ސްކޫލުން ރިފަންޑު ވެސް ނުކޮށްދޭ."
އޭނާ ބުނީ މި ހާލަތުގައި ރާއްޖޭން ބޭރުގެ އެހެން ފްލައިން ސްކޫލަކާ ވާހަކަދައްކައިގެން، އޭއޭއޭގައި ކިޔަވަމުން އަންނަ ދަރިވަރުންނަށް ކިޔެވުން ކުރިއަށްގެންދެވޭނެ ގޮތް މަގު ފަހިކޮށްދެވޭނެ ކަމަށެވެ.
އެ މައްސަލަތަކާ ގުޅިގެން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ދެއްވި ހިޔާލަކީ ބަދަލު ހޯދަން އޭއޭއޭ ގޮވައިގެން އެ ހުރިހާ ދަރިވަރުން ކޯޓަށް ދިއުމެވެ.
"ތި ކުދިންނަށް ތި އޭއޭއޭ އިން ކޮމްޕެންސޭޝަން ދޭންޖެހޭ. ލައްކަ އަހުވަ ދައްކައިފީނު،" ރޮޒެއިނާގެ ރޭގެ ޓްވީޓުގައި ވެ އެވެ.
"ފިޔަނެތް ޕައިލެޓް" ގެ ނަމުގައި ޓްވީޓުކުރި ދަރިވަރަކު ބުނީ އޭޝިއަން އެކަޑެމީގައި ކިޔަވަން ފެށީ ވަރަށް ފޮނި އުއްމީދުތަކާ އެކު ކަމަށެވެ. ރަނގަޅު އާމްދަނީއެއް ލިބި، ނިކަމެތި ހާލުން އަރައިގަނެ ރަނގަޅު ފެންވަރުގެ ދިރިއުޅުމެއް ލިބޭނެ ކަމުގެ އުއްމީދުގައި ކަމަށް ބުންޏެވެ.
"މައިންބަފައިން މުސްކުޅި ވި ދުވަހު ހައްޖު އަދި އުމްރާ އަށް ވެސް ފޮނުވޭނެ ކަމުގެ އުންމީދުގައި. ވީރާނާ ވަމުންދާ ގެ މަރާމާތުކޮށް މައިންބަފައިންނަށް ދިރިއުޅުމުގައި ބާކީ އޮތް ކުޑަ ދުވަސްކޮޅު ހިތްފަސޭހަ ތަނަވަސް ތަނަކަށް ހެދުމުގެ އުންމީދުގައި. ކޯސް ނިމޭނެ އެއްވެސް އުންމީދެއް ނެތް. ހުވަފެން ތައް ހުވަފެނަށް ވެއްޖެ. އަތުގައި ލޯ ލާރިއެއް ނެތި ދަރަނިވެރި ވެއްޖެ. ހާލަތު ގޯހުން ގޯހަށް. ކާކު ޒިންމާ ވާނީ؟" އޭނާގެ ޓްވީޓުގައި އުފެއްދި ސުވާލަކީ މިއީ އެވެ.
ފްލައިން ސްކޫލުގެ ޖެނެރަލް މެނޭޖަރަކަށް މިދިޔަ ޖެނުއަރީ މަހު ހަމަޖެއްސެވި މުހައްމަދު ފަޒީލް ރަޝީދު "މިހާރު" އަށް މިއަދު ވިދާޅުވީ އެ ސްކޫލުގެ ކަންކަން ރަނގަޅުކުރަން އޭނާ މަސައްކަތްކުރެއްވި ނަމަވެސް ސަރުކާރުގެ އެއްބާރުލުމެއް ނުލިބޭ ކަމަށެވެ.
"އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާ އަށް އެ އޮތީ އޭޕްރީލް 1ގައި ވުޒާރާތަކުން ކޮށްދޭން ހުރި ކަންކަން ނުކޮށްދީގެން ސިޓީއަކުން އެޑްރެސްކޮށްފައި، ކުދިންނަށް ކުދިންގެ ހައްގުތައް ލިބުމަށް ކަންތައްތަކެއް ކޮށްދޭންޖެހޭއޭ. އެޕޮއިންޓްމަންޓެއް ދެއްވާށޭ. މިއަދާ ހަމައަށް އައިއިރު އެއަށް ޖަވާބެއް ނުލިބޭ،" ފަޒީލް ވިދާޅުވި އެވެ.
ކުރިން ލިބެމުން ދިޔަ ޑޮލަރު މާރުކުރުމުގެ އުސޫލަށް ބަދަލުތައް ގެނައުމުން އުނދަގޫތަކާ ކުރިމަތިވި ކަމަށާއި އެ ޑޮލަރަށް ހުއްދަ ދިނީ ގާތްގަނޑަކަށް ހަ މަސް ފަހުން އެއީ ވެސް ސްޕެއާ ޕާޓްސް ގެނައުމަށް 200،000 ޑޮލަރު ކަމަށް ފަޒީލް ވިދާޅުވި އެވެ.
މިދިޔަ މަހުގެ ތެރޭގައި ސްޕެއާ ޕާޓްސްތައް ހަމަވިއަސް މުވައްޒަފުންނަށް ޑޮލަރުން މުސާރަ ނުދެވިގެން އެ ހިތްހަމަނުޖެހުންތަކާއެކު އިންޖީނިއަރުންނާއި ޓެކްނީޝަނުންނާއެކު 11 މުވައްޒަފަކު ވަޒީފާއިން ވަކިވެގެން ގޮސްފައިވާކަން ފަޒީލް ފާހަގަކުރެއްވި އެވެ.
އެ މުވައްޒަފުން ދިއުމުގެ ކުރިން އެހެން ބަޔަކު ރެކްރޫޓުކުރުމަށްޓަކައި އިކޮނޮމިކް މިނިސްޓްރީއަށް ހުށަހެޅުމުން އެ މިނިސްޓްރީން ދިން ޖަވާބަކީ ފްލައިން ސްކޫލުގެ ކޮންޓްރެކްޓުގެ މުއްދަތު އިތުރުކުރުމެވެ.
ފްލައިން ސްކޫލާއެކު މިހާރު ވެފައިވާ އެގްރިމެންޓު އަންނަ ޖުލައިގައި ހަމަވާނެ އެވެ.
"އަޅުގަނޑުމެން އަތުގައި ބާރެއް ނެތޭ ކޮންޓްރެކްޓް އެކްސްޓެންޑު ކުރާކަށް. ކޮންޓްރެކްޓް އެކްސްޓެންޑް ނުކުރެވޭ ކަމަށް ވަންޏާ އަޅުގަނޑުމެން ކީއްތޯ ކުރަނީ އެ މީހުން [ރާއްޖެއިން ބޭރުން] ނުގެނެވޭ ކަމަށް ވަންޏާ. އެ މީހުން ނުގެނެވޭ ކަމަށް ވަންޏާ ކިހިނެއްތޯ އެއާކްރާފްޓް އޮން ކުރެވޭނީ. މިހާރު ވެސް އަޅުގަނޑުމެން އަތުގައި ތިން އެއާކްރާފްޓް އޮންކުރެވޭ ވަރަށް ސްޕެއާ ޕާޓްސް އެބަހުރި. ނަމަވެސް މިއަދު މި އޮތީ ސަރުކާރުން މިއަށް އަހައްމިއްޔަތުކަމެއް ނުދީގެން އަޅުގަނޑުމެންނަށް މި އޮތީ އެއާކްރާފްޓުތަކަށް މީހުން ނުގެނެވިފައި މިކަން ކުރުމަށްޓަކައި،" ފަޒީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސްކޫލުގައި ވެސް ކަންތައްތައް އެބަހުރި ކަމަށެވެ. އެ ކަންތަކަށް ހައްލެއް ގެނައުމަށް ގެންނަން ޖެހެނީ ސަރުކާރާ ގުޅިގެން ޓެކްނިކަލް ޑިވެލޮޕްމަންޓް ކަމަށާއި ނަމަވެސް ލޯނު ހޯދަން ވެސް ކުރިމަތިވެފައިވާ ހުރަހަކީ ކޮންޓްރެކްޓް އާ ނުކޮށްދިނުން ކަމަށް ފަޒީލް ވިދާޅުވި އެވެ. އަދި އެކަންކަމަށް ސަރުކާރުގެ އެއްބާރުލުމެއް ނުލިބޭ ކަމަށް ވިދާޅުވި އެވެ.
ކުދިންގެ ކިޔެވުމުގެ މެދުތެރެއިން ސިލަބަސް ބަދަލުވުމުން ސަރުކާރާއި ސްކޫލާ ދޭތެރޭގައި މައްސަލަ އޮތް ކަމަށާއި އެކަމަށް ސިވިލް އޭވިއޭޝަނުން ވެސް އެކަމަށް އަޅާނުލި ކަމަށް
އޭނާ ވިދާޅުވި އެވެ. މިިދިޔަ މަހާ ހަމައަށް މަސައްކަތްކުރީ އެކަމަށް ކަމަށާއި މިހާރު އެ މައްސަލައަށް ހައްލު ގެނެސްފައިވާ ކަމަށް ފަޒީލް ވިދާޅުވެ އެވެ.
މީގެ 12 އަހަރުން ކުރިން ފެށިގެން ހިންގަމުން އަންނަ ފްލައިން ސްކޫލުން މިހާތަނަށް 563 ދަރިވަރުންނަށް ޕައިލެޓް ލައިސަންސް ދީފައި ވެ އެވެ.
ފަޒީލް ވިދާޅުވީ އެ ސްކޫލަށް މީގެ ކުރިން މައްސަލައެއް ދިމާނުވާ ކަމަށެވެ. މިހާރު މި ދިމާވި މައްސަލަތަކުގެ ފެށުމަކީ ކުރީގެެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ދެއްކި ވާހަކަތަކަށް ބިނާކޮށް ކޯހަށް އެއްފަހަރާ 70 ކުދިން ނެގުމެވެ. އެ ވާހަކަައަކީ 70 ދަރިވަރުން ނަގައިފިނަމަ ކޮންޓްރެކްޓްގައި ދިގު މުއްދަތެއް ޖަހައިދޭނެ ކަމަށް އެ ސަރުކާރުން ބުނުމެވެ.
ނަމަވެސް އޭގެ ފަހުން ކޮވިޑުގެ ކަންތައް ކުރިމަތިވެ މި ސަރުކާރުން ވެސް އެގްރިމެންޓުގެ މުއްދަތު އިތުރުނުކޮށްދިނުމުން "ރިހޭ ފައިމައްޗަށް ފޮއި ވެއްޓިގެން" އުޅެނީ ކަމަށް ފަޒީލް ވިދާޅުވި އެވެ.
ފްލައިން ސްކޫލުގެ އެގްރިމެންޓު އަންނަ ޖުލައިގައި ހަމަވާނެ އެވެ. އެކަމަކު އެ ބޭފުޅުން ތިބީ އައްޑޫ ފްލައިން ސްކޫލު ހުއްޓާލާ ގޮތަކަށް ނޫންކަމަށް އޭނާ ވިދާޅުވި އެވެ.
އައްޑޫ ފްލައިން ސްކޫލު މައްސަލައިގައި ސަރުކާރުން އެކި ނިންމުންތައް ނިންމިއަސް އެކަމުން ދަރިވަރުންނަށް ވީ ފައިދާއެއް ނެތެވެ. މައްސަލައަކަށް އަދި ވެސް ހައްލެއް ނުލިބެ އެވެ. މި ފަހުން ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ފްލައިން ސްކޫލުގެ މައްސަލަ ދިގުލައިގެން ދިއުމުގައި ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އިހުމާލެއް ވޭތޯ ބެލުމަށް މިނިވަން އޮޑިޓެއް ހެދުމަށް ނިންމަވައިފަ އެވެ.
އެކަންކަމުގެ އިތުރުން ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އޮޑިޓްގައި ފާހަގަކޮށްފައިވާ ކަންކަމާ ގުޅިގެން އެ ތަނުގެ ހެޑް އޮފް ޕައިލެޓް ޓްރެއިނިން އާއި އެކައުންޓެބަލް މެނޭޖަރުގެ މައްސަލަ އިތުރަށް ބަލައި ފިޔަވަޅު އެޅުމަށް ވެސް ރައީސް ނިންމެވި އެވެ.