މެސީ ސީޒަން ނިންމާލައިފި، ކުރިމަގާމެދު ގޮތެއް ނުނިންމާ
މެސީ ސީޒަން ނިންމާލައިފި، ކުރިމަގާމެދު ގޮތެއް ނުނިންމާ

ބާސެލޯނާ (22 މެއި) - އަންނަ މަހު ކޮންޓްރެކްޓް ހަމަވާ، ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީގެ ކުރިމަގާ ބެހޭގޮތުން ގޮތެއް ނުނިންމައި، އޭނާ ސީޒަން ނިންމައިލައިފި އެވެ.

މި ސީޒަންގައި ބާސާ ކުޅޭ ފަހު މެޗުގައި، މިރޭ ނުކުންނާނީ އެއީބާ އާ ދެކޮޅަށެވެ. ނަމަވެސް މިރޭ ގެ މެޗަށް ނެގި ސްކޮޑްގައި މެސީގެ ނަން ނުހިމަނައި ބާސާއިން ވަނީ އޭނާއަށް ޗުއްޓި ދީފަ އެވެ. ބާސާއިން މެސީ އަށް ޗުއްޓި ދިނީ އަންނަ މަހު އޭނާގެ އަމިއްލަ ގައުމު އާޖެންޓީނާގައި ބާއްވާ، ކޮޕާ އެމެރިކާގެ ކުރިން އަރާމު ކޮށްލަން ވަގުތު ކޮޅެއް ދިނުމުގެ ގޮތުންނެވެ.

އޭނާ އަށް ޗުއްޓީ ދިން ނަމަވެސް، ބާސާގައި މެސީގެ ކުރިމަގާ ބެހޭގޮތުން އޮތީ ސުވާލު އުފެދިފަ އެވެ. ބާސާ އާއެކު 2017 ގައި މެސީ ހެދި އެއްބަސްވުން އަންނަ މަހު 30 ގައި ހަމަވާނެ އެވެ. އެއަށް ފަހު އޭނާ ބޭނުންވާ ޓީމަކަށް ހިލޭ ބަދަލު ވެވޭނެ އެވެ.

އޭނާގެ ކޮންޓްރެކްޓް އާ ކުރުމުގެ މަޝްވަރާތައް ކުރިއަށް ދާ ކަމަށް ބާސާގެ ރައީސް ޔޮއާން ލަޕޯޓާ ވަނީ ކުރިން ވިދާޅުވެފަ އެވެ. ނަމަވެސް މިހާތަަނަށް ވަކި އެއްބަސްވުމަކަށް އާދެވިފައެއް ނުވެ އެވެ.