21 މެއި 2021 - 22:41

ކޮވިޑު-19 އަށް ޕޮޒިޓިވް މީހުން ޑޮކްޓަރަށް ދެއްކުމާއި ފްލޫ ކްލިނިކްތައް ހިންގުމަށް އަމިއްލަ ފަރާތްތަކަށް ހުޅުވާލައިފި އެވެ.
ހެލްތު މިނިސްޓްރީން ރޭ ކުރި އިއުލާނުގައި ބުނީ ގިނަ ބަޔަކަށް ބަލި ޖެހެމުންދާތީ އާސަންދައިގައި ރަޖިސްޓްރީވެފައިވާ އަމިއްލަ ހޮސްޕިޓަލްތަކާއި ކްލިނިކްތަކުން އެ މީހުން ޑޮކްޓަރަށް ދެއްކުމުގެ އިންތިޒާމް ހަމަޖައްސަން ނިންމާފައިވާ ކަމަށެވެ.
ޑޮކްޓަރަށް ދައްކަން ހަމަޖައްސާފައިވަނީ އާސަންދައިން ކަނޑައަޅާ އަގެއްގައި އަދި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހަމަޖައްސާ މީހުންނަށެވެ. އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ އާދިއްތަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން[email protected]އަށް އީމެއިލަކުން އަންގަން އެދިފައި ވެ އެވެ.
އެ މިނިސްޓްރިން ރޭ ކުރި ދެ ވަނަ އިއުލާނުގައި ވަނީ ހަލުއިކަމާއެކު ކޮވިޑާއި އަރިދަފުސް ރޯގާ ފެތުރެމުންދާތީ، އާސަންދައިގައި ރަޖިސްޓްރީވެފައިވާ އަމިއްލަ ހޮސްޕިޓަލްތަކާއި ކްލިނިކްތަކުން ފްލޫ ކްލިނިކް ހިންގުމަށް ހުޅުވާލަން ނިންމައިފަ އެވެ.
ފްލޫ ކްލިނިކްތައް ހިންގަން ވާނީ ހެލްތު މިނިސްޓްރީ އާއި އެޗްޕީއޭއިން ކަނޑައަޅާ ޝަރުތުތަކާ އެއްގޮތް ސަރުކާރުން ކަނޑައަޅާ އަގެއްގަ އެވެ.
އެ ކްލިނިކް ހިންގަން ޝައުގުވެރިވާ އަމިއްލަ ހޮސްޕިޓަލްތަކާއި ކްލިނިކްތަކުން އަންނަ އަންގާރަ ދުވަހުގެ ކުރިން[email protected]އަށް އީމެއިލް ކުރަން އަންގާފައި ވެ އެވެ.
ބަލީގެ ހާލަތު ގޯސްވެ ސިއްހީ ދާއިރާއަށް ނުކަތާ ވަރަށް މީހުން ދަނީ ކޮވިޑަށް ޕޮޒިޓިވްވަމުންނެވެ. އެއާއެކު، އެ ބަލީގައި މަރުވާ މީހުންގެ އަދަދު ވެސް ވަރަށް ބޮޑަށް އިތުރުވެފައި ވެ އެވެ. އެހެންވެ، ސިއްހީ އެހީތެރިންނަށް ސަރުކާރުން މީގެ ކުރިން ގޮވާލާފައި ވެ އެވެ.