ފަަލަސްތީނުގެ ހާރިޖީ ވަޒީރާ  ޝާހިދު ބައްދަލުކުރައްވައިފި
ފަަލަސްތީނުގެ ހާރިޖީ ވަޒީރާ ޝާހިދު ބައްދަލުކުރައްވައިފި

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ފަލަސްތީނުގެ ފޮރިން މިނިސްޓަރު ރިޔާދް މާލިކީއާ ބައްދަލުކުރައްވައިފި އެވެ.

ނިއުޔޯކްގައި، ފަލަސްތީނާއި މެދުއިރުމަތީގެ މައްސަލައިގައި ރޭ އޮތް އދ.ގެ އާއްމު މަޖިލީހުގެ ބަހުސްގެ ހަވާސާގައި އޮތް އެ ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ މެދުގައި އޮތް ޒަމާންވީ އެކުވެރި ގުޅުމުގެ މައްޗަށް ދެ ވަޒީރުން މަޝްވަރާކުރެއްވި އެވެ.

އެ ބައްދަލުވުމުގައި، ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމްކޮށް، ހައްގުތައް ހޯދުމަށް ރާއްޖެއިން އަބަދުވެސް ވަކާލާތުކޮށް ތާއީދުކުރާނެކަން ޝާހިދު ތަކުރާރުކުރެއްވި އެވެ.

ޝާހިދު ވިދާޅުވީ ފަލަސްތީނުގެ މައްސަލައިގައި ދިވެހި ސަރުކާރުން ދެކޭ ގޮތް ބަދަލުނުވާނެ ކަމަށާއި، ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް ބައިނަލްއަގްވާމީ މުޖްތަމައުގައި ރާއްޖެއިން ކުރަމުންދާ މަސައްކަތް ހުއްޓާނުލައި ކުރާނެ ކަމަށެެވެ.

ފަލަސްތީނާއި މެދުއިރުމަތީގެ މައްސަލައިގައި އދ.ގެ އާއްމު މަޖިލީހުގައި ރޭ ބޭއްވި ބައްދަލުވުމުގެ ފަހުން، ހަމަލާ ބަދަލުކުރުން ހުއްޓާލާނެކަމަށް އިޒްރޭލުން ހާމަކުރުމުން އެކަމަށް ޝާހިދު މަރުހަބާ ދެންނެވި އެވެ. އަދި މި ދަނޑިވަޅުގައި ފަލަސްތީނުގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ބައިނަލްއަގްވާމީ މުޖްތަމައުގެ އެހީތެރިކަން އިހުނަށްވުރެ ބޮޑަށް ބޭނުންވާނެކަމަށް ވިދާޅުވެފައިވެ އެވެ.

ފަލަސްތީނުގެ ފޮރިން މިނިސްޓަރު ވެސް ވަނީ މި ދަތި ދަނޑިވަޅުގައި ދިވެހި ރައްޔިތުންގެ ކިބައިން ފަލަސްތީނުގެ ރައްޔިތުން ހިތްވަރު ލިބިގަންނަކަމަށް ވިދާޅުވެފަ އެވެ.

އެ ބައްދަލުވުމަށް ފަހު ޝާހިދު ވަނީ ރޭ ބޭއްވި އދ. ގެ އާއްމު މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި އެހެން ބައެއް އިސްލާމީ ގައުމުތަކުގެ ހާރިޖީ ވަޒީރުންނާއެކު ވަކިވަކިން ބައްދަލުކުރައްވައިފަ އެވެ.