ފުވައްމުލަކުގައި ވެމްކޯއިން ހިދުމަތްދޭ ވަގުތުތަކަށް ބަދަލު ގެނެސްފި
ފުވައްމުލަކުގައި ވެމްކޯއިން ހިދުމަތްދޭ ވަގުތުތަކަށް ބަދަލު ގެނެސްފި

ފުވައްމުލަކުގައި ކޮވިޑް-19 ފެތުރެމުންދާތީ ވެމްކޯއިން އެ ރަށުގައި ހިދުމަތް ދެމުން އަންނަ ވަގުތުތަކަށް ބަދަލު ގެނެސްފި އެވެ.

ވެމްކޯއިން ނެރުނު ބަޔާނެއްގައި ބުނީ މާދަމާއިން ފެށިގެން އެ ކުންފުނިން ފުވައްމުލަކުގެ ގޭބިސީތަކުން ކުނި ނަގާނީ ހެނދުނު 9:00އާއި މެންދުރު 12:00އާ ދެމެދު ކަމަށެވެ. އެހެންކަމުން 9:00 ޖަހާއިރު ހުރިހާ ގޭބިސީތަކުން ވެސް ޑަސްބިން ބޭރށް ނެރފައި ބެހެއްޓުމަށް އެ ކުންފުނިން ވަނީ އެދިފަ އެވެ.

މި ބަދަލާއެކު އެ ސިޓީގައި މި ވަގުތު މޮނިޓަރިންގައި ތިބި ގޭބިސީތަކުން ކުނި ނަގާނީ ވެމްކޯގެ ސްޕެޝަލް ޓާސްކް ފޯސް އިންނެވެ. އެހެންކަމުން އެފަދަ ގެތަކުން ކުނި ބޭރަށް ނެރޭއިރު ދެ ކޮތަޅަށް ލައި ލީކު ނުވާގޮތަށް ކޮތަޅު ބަންދު ކުރުމަށް ވަނީ އެދިފަ އެވެ.

ވެމްކޯއިން ބުނިގޮތުގައި އެ ކުންފުނީގެ ފުވައްމުލަކު އޮފީސް މާދަމާއިން ފެށިގެން ބަންދުވާނެ އެވެ. އަދި މި މުއްދަތުގައި ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް އެ ކުންފުނިން ވަނީ މައާފަށް އެދިފަ އެވެ.

ފުވައްމުލަކުގެ ގެތަކުން ކުނި ނަގާ ގަޑިތަކަށް ބަދަލު ގެނައީ އެ ސިޓީގައި ކޮވިޑް-19 ފެތުރުމުންދާތީ އެ ކުންފުނީގެ މުވައްޒަފުންނާއި ރަށުގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަމަށް ވެމްކޯއިން ބުންޏެވެ.