21 މެއި 2021 - 16:24

ޓޫރިޒަމް އިންޑަސްޓްރީ އަކީ ސުލޫކީ ގޮތުން ރާއްޖޭގައި އެންމެ ރަނގަޅު އެއް ދާއިރާ ކަމަށާއި އެންމެ މީހަކު ކުރާ ކަމެއްގެ ސަބަބުން މުޅި ދާއިރާ އަށް ފާޑުކިޔުން ބަލައިނުގަނެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ވިދާޅުވެއްޖެ އެވެ.
މައުސޫމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ އަށް ގެވެށި އަނިޔާގެ ތުހުމަތުކުރުމާ އެކު، އޭނާ އަކީ ކުރިން ޓޫރިޒަމް ދާއިރާގައި މަސައްކަތް ކޮށްފައިވާ ބޭފުޅަކަށް ވާތީ އެކަމާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ފާޑު ކިޔާތީ ކަމަށް ބެލެވެ އެވެ. އެކަމާ ބެހޭ ގޮތުން މައުސޫމް ޓްވީޓެއް ވެސް ކުރައްވާފައިވެ އެވެ.
މައުސޫމް "މިހާރު" އަށް ވިދާޅުވީ މީހަކު ކުރާ ކަމެއްގެ ސަބަބުން މުޅި ދާއިރާގެ ނަން ހަޑިވާގޮތަށް ވާހަކަދައްކައިގެން ނުވާނެ ކަމަށެވެ. އަދި ޓޫރިޒަމް ދާއިރާ އަކީ ސުލޫކީ ގޮތުން ރާއްޖޭގެ އެންމެ ރަނގަޅު އެއް ދާއިރާ ކަމަށާއި މުޅި ދާއިރާއަށް ފާޑު ކިޔުން ބަލައި ނުގަންނާނެ ކަމަށް ވިދާޅުވި އެވެ.
"ޓޫރިޒަމް ދާއިރާ އަކީ ސުލޫކީގޮތުން އެންމެ ރަނގަޅު އެއް ދާއިރާ. އެހެންވީމާ އެންމެ މީހަކު އެހެން ކޮށްލާ ކަމެއްގެ ސަބަބުން މުޅީ ދާއިރާ ބަދުނާމުވާގޮތަށް ވާހަކަދެއްކުން ގޯސް. އެކަހަލަ ކަމެއްގައި ޒިންމާ ނަގަން ޖެހޭނީ އެ ފަރުދެއް އަމިއްލައަށް،" މި ވާހަކަ ދެއްކެވި ވަކި ސަބަބެއް ހާމަނުކުރައްވައި މައުސޫމް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ކޮވިޑްގެ ސަބަބުން ގައުމަށް ދަތިވެފައި މިވާ ވަގުތު ވެސް އެންމެ ބޮޑު ގުރުބާނީއެއްވާ އެއް ބަޔަކީ ޓޫރިޒަމް ދާއިރާގެ މުވައްޒަފުންނެވެ.
"މިހާރުވެސް އެންމެ ބޮޑު އެއް ގުރުބާނީއެއްވާ އެއްބަޔަކީ ޓޫރިސްޓު މުވައްޒަފުން. މި ދާއިރާގައި މަސައްކަތް ކުރުމަކީ ފަހުރުވެރިވާން ޖެހޭ ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.
ޓޫރިޒަމް މިނިސްޓަރުގެ މަގާމާ ހަވާލުވެވަޑައިގެންނެވުމުގެ ކުރިން މައުސޫމަކީ ވެސް ޓޫރިޒަމް ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ބޭފުޅެކެވެ.
އީސަ އަށް ކުރި ތުހުމަތުތަކާ އެކު ޓޫރިޒަމް ދާއިރާގައި އޭނާ އަދާކުރެއްވި ވަޒީފާތަކާ ގުޅުވައިގެންނާ ސޯޝަލް މީޑިއާގައި ބައެއް މީހުން ވާހަކަ ދައްކާފައިވެ އެވެ.