21 މެއި 2021 - 15:28

ވޯލްޑް ކަޕް ކޮލިފިކޭޝަންގައި އަންނަ މަހު ޗައިނާގައި ކުޅޭ މެޗުތަކަށް ތައްޔާރު ވުމަށް ގަައުމީ ފުޓްބޯޅަ ޓީމަށް ރާއްޖޭގައި ޓްރެއިނިން ހެދުމުގެ ހުއްދަ، ކޮވިޑް ކޮންޓްރޯލްކުރުމުގެ ފިޔަވަޅުތަކާ ހެދި ނުލިބުމުން، ޓްރެއިނިން ކޭމްޕަށް އަރަބް އެމިރޭޓްސްގެ ދުބާއީ އަށް ފުރަން ތައްޔާރުވެއްޖެ އެވެ.
މިދިޔަ ހަފުތާގައި ޓީމު އެކީ ހޮޓެލް ޖެންގައި ކޭމްޕް ކުރުމަށް ފަހު، އެފްއޭއެމުން އެންމެ ފުރަތަމަ ހަމަޖެއްސީ މިދިޔަ ބުދަ ދުވަހު ގައުމީ ޓީމު ޗައިނާއަށް ފުރާ ގޮތަށެވެ. ނަމަވެސް ޕްލޭން ބަދަލުކޮށް ޓްރެއިނިން އަށް ޔޫއޭއީ އަށް ދާން އެފްއޭއެމުން ފަހުން ނިންމި އެވެ.
ޔޫއޭއީއަށް ފުރަން ހަމަޖެއްސީ އަންނަ ބުދަ ދުވަހު އެވެ. ގައުމީ ޓީމުގެ މެނޭޖަރު ޔާމީން އިބްރާހިމް އޭރު ބުނީ އެއަށްވުރެ އަވަހަށްވެސް ފުރޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މިހާރު ޓީމު ފުރުން ވަނީ މާދަމާއަށް އަވަސް ކޮށްފަ އެވެ. އޭނާ ބުނީ ޓީމުގެ ތިބި 25 ކުޅުންތެރިންގެ ތެރެއިން ވިސާ ހަމަޖެހުނީ 23 ކުޅުންތެރިއަކަށް ކަމަށެވެ. ކަމަށެވެ. އަށް އޮފިޝަލުންނާ އެކު ސްކޮޑްގެ 31 މެންބަރުން މާދަމާ ފުރާނެ އެވެ. ވިސާ އަދި ނުލިބޭ ކުޅުންތެރިން ވެސް ވިސާ ހަމަޖެހުނުހާ އަވަހަކަށް ޓީމާ ގުޅެން ފުރާނެ ކަމަށް ޔާމީން ބުންޏެވެ.
"އިރާދަކުރެއްވިއްޔާ މިރޭ ފަތިހު ޓީމު ފުރާނެ. އުނދަގޫ ދުވަސްވަރެއްގައި ވެސް ފުރުން އަވަސް ވީ [އެފްއޭއެމްގެ ރައީސް] ބައްސާމް އާއި [ޖެނެރަލް ސެކްރެޓަރީ] ޖަވާގެ މަސައްކަތުން،" ޔާމީން ބުންޏެވެ.
ޔޫއޭއީގައި ތަމްރީން ހެދުމަށް ފަހު ޓީމު ޗައިނާއަށް ދާނީ ޔޫއޭއީ މަގުން މިއަންނަ ހޮހިރު ދުވަހު އެވެ.
މާލޭގައި ތިބެގެން ދަނޑުގައި ޕްރެކްޓިސް ކުރުމުގެ ހުއްދަ ނުލިބޭތީ، އެކަމާ ކަންބޮޑުވާކަން ހާމަވާ ގޮތަށް ރޭ ބައްސާމް ވަނީ ވާހަކަ ދައްކަވައިފަ އެވެ.
"ހޮޓަލެއްގެ ބޯލްރޫމް ގައި ތިބެގެން ވޯލްޑް ކަޕް ކޮލިފިކޭޝަނަށް ތައްޔާރުވާން ޖެހިފައިވާ ފުރަތަމަ ޓީމޭ ބުނެވިދާނެ." ހޮޓެލް ޖެންގެ ބޯލް ރޫމްގައި ގައުމީ ޓީމު ޓްރޭނިން ހަދަމުންދާ ވީޑިއޯއެއް ޓްވިޓްކުރައްވައި ބައްސާމް ލިޔުއްވާފައިވެ އެވެ.
ކޮވިޑް-19 ގެ ބިރުވެރިކަން ރާއްޖޭގައި ބޮޑުވުމުން، ކުޅިވަރު ކުޅޭ ތަންތަން ވަނީ އެޗްޕީއޭގެ އެންގުމަށް ބަންދު ކޮށްފަ އެވެ.
ދަނޑުގައި ޓްރޭނިން ކުރިއަށް ގެންދިއުމުގެ ފުރުސަތު ނެތުމުން، ގައުމީ ކޯޗް މާޓީން ކޫޕްމަން ވެސް ވަނީ ކަންބޮޑުވުން ފާޅު ކޮށްފަ އެވެ. ކޫޕްމަން "މިހާރު" އަށް ބުނީ މިދިޔަ މަހު ލީގު މެދުކަނޑާލި ހިސާބުން ގިނަ ކުޅުންތެރިންނަށް ޕްރެކްޓިސް ކުރެވޭނެ ހާލަތެއް ނެތުމުން، ކުޅުންތެރިންގެ ފިޓްނަސްއަށް އަސަރު ކޮށްފައިވާ ކަމަށެވެ.
"އަހަންނަށް ހީވަނީ އަހަރެމެންނަށް ދަނޑުގައި ޓްރޭނިން ހަދަން ލިބޭނީ އެންމެ ހަ ދުވަސްހެން. މިވަރުގެ މެޗުތަކަކަށް ތައްޔާރުވާއިރު އެއީ އެކަށީގެންވާ ވަރުގެ މުއްދަތެއް ނޫން،" ގޮތްހުސްވެފައި ހުރި ކޯޗް ބުންޏެވެ.
"ދަނޑުގައި ޓްރޭނިން ހެދުމުގެ ހުއްދަ ލިބޭތޯ އެފްއޭއެމުން ވަރަށް މަސައްކަތް ކޮށްފި. ރާއްޖެ ނޫން ހުރިހާ ޓީމުތަކެއް ދަނީ މެޗުތަކަށް ރަނގަޅަށް ތައްޔާރު ވަމުން."