އެޕަލް އިން ފަލަސްތީނުގެ ހައްގުގައި ބަހެއް ބުނަން ކުންފުނީގެ މުސްލިމު މުވައްޒަފުން އެދެފި
އެޕަލް އިން ފަލަސްތީނުގެ ހައްގުގައި ބަހެއް ބުނަން ކުންފުނީގެ މުސްލިމު މުވައްޒަފުން އެދެފި

ފަލަސްތީނާ ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ ބޮޑެތި ޖަރީމާތަކާ ދެކޮޅަށް އެޕަލް ކުންފުނިން އެއްވެސް ވާހަކައެއް ނުދައްކާތީ އެތަނުގެ މުސްލިމު މުވައްޒަފުން ކަންބޮޑުވުން ފާޅުކޮށް ކުންފުނީގެ ސީއީއޯ ޓިމް ކުކަށް ސިޓީއެއް ފޮނުވައިފި އެވެ.

ހާހެއްހާ މުވައްޒަފުން ސޮއިކޮށް މިދިޔަ ހޯމަ ދުވަހު ފޮނުވި އެ ސިޓީ ވާޖް އޮންލައިންގައި ވަނީ އާންމުކޮށްފަ އެވެ. އެ ސިޓީ ލިޔެފައި ވަނީ ދި އެޕަލް މުސްލިމް އެސޯސިއޭޝަންގެ ނަމުގަ އެވެ. އޭގައި ވަނީ ފަލަސްތީނުގެ ރައްޔިތުންގެ ދިފާއުގައި އެޕަލް އެއްވެސް އެެއްޗެއް ނުބުނެ ހިމޭނުން އޮންނާތީ ހިތްދަތިވާ ކަމަށާއި އެކަމުގެ ސަބަބުން ކުންފުނީގެ މުސްލިމުން މުވައްޒަފުންގެ ތެރޭގައި ކަންބޮޑުވުންތައް އުފެދިފައިވާ ކަމަށެވެ. ސިޓީގައި މައިގަނޑު ގޮތެއްގައި އެދިފައި ވަނީ އިޒްރޭލުން ފޭރިގެންފައިވާ ފަލަސްތީނުގެ ބިންތަކުގައި އެ ގައުމުގެ ނިކަމެތި ރައްޔިތުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ އަމަލުތައް ކުށްވެރިކޮށް ރައްޔިތުންގެ ދިފާއުގައި ވާހަކަ ދައްކައި އެ ގައުމާ އެކު އެޕަލް އޮތްކަން ހާމަކޮށް ދިނުމަށެވެ.

ސިޓީގައި ބުނެފައިވާ ގޮތުގައި ކުށެއް ނެތް އެތައް ބައެއްގެ ފުރާނަ ކޮންމެ ދުވަހަކު އިޒްރޭލުން ދުއްވައިލަމުންދާ އިރު އެޕަލް އެއްވެސް އެއްޗެއް ނުބުނެ ހިމޭނުން އޮތުމަކީ ދުނިޔޭގެ ބޮޑު ކުންފުންޏެއްގެ ގޮތުން ވެސް އެންމެ ޒިންމާދާރު ގޮތެއް ނޫނެވެ.

އެޕަލް މުސްލިމުން އެސޯސިއޭޝަންގެ ސިޓީގައި ފާހަގަކޮށްފައިވާ ގޮތުގައި އެޕަލް އަށް ސީދާ ވަކިކޮޅަކަށް ބުރަވެ އެއްޗެއް ބުނެވެން ނެތް ނަމަ ކުޑަމިނުން އިންސާނީ ހައްގުތަކާ ބެހޭ ގޮތުން އެއްޗެއް ބުނަން ޖެހޭނެ އެވެ.

މީގެ އިތުރުން ޓިމް އަށް ފޮނުވި ސިޓީގައި ވަނީ އެޕަލްގެ ފަރާތުން ހަތް ކަމަަކަށް އެދިފަ އެވެ.

އޭގެ ތެރޭގައި ފަލަސްތީނުގެ ރައްޔިތުންނަށް ވެސް މިނިވަންކަމާ އެކު ދިިރިއުޅުމުގެ ހައްގު އޮތްކަމާއި އދ އިން ވެސް ގަބޫލުކުރާ ގޮތަށް ފަލަސްތީނުގެ އެތައް ބިމެއް އިޒްރޭލުން ނުހައްގުން ފޭރިގެންފައިވާކަމާއި އިންސާނީ ހައްގުތައް ނިގުޅައިގެން ނުވާނެ ކަމަށް ގަބޫލުކުރާ ނަމަ އެ ވާހަކަ ކުޑަމިނުން ހާމަކޮށްދޭން އެޕަލް މުސްލިމު އެސޯސިއޭޝަނުން އެދިފައިވެ އެވެ.

"އެޕަލް ކަހަލަ ދުނިޔޭގެ ވަރުގަދަ ބޮޑު ކުންފުންޏަކުން ފަލަސްތީނު އިޒުރޭލު މައްސަލާގައި އެއްޗެއް ބުނުމުގެ ހިތްވަރު އޮތުމަކީ ދުނިޔޭގެ ސުލްހަ މަލަސްކަން ގާއިމުކުރަން ވެސް ލިބޭނެ އިތުރު ބާރަކަށް ވާނެ،" ސިޓީގައި ބުންޏެވެ. "އުންމީދުކުރަނީ އެޕަލް އިން މި މައްސަލާގައި ރަނގަޅު ގޮތެއް ނިންމާނެ ކަމަށް."

މިކަމާ ގުޅިގެން އެޕަލް އިން އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ.

މިދިޔަ ހަފުތާގައި ގޫގުލްގެ މުވައްޒަފުންތަކެއް ވެސް ވަނީ އިޒުރޭލުން ފަލަސްތީނަށް ދޭ ހަމަލާތައް ކުށްވެރިކުރުމަށާއި އެ ގައުމަށް އެހީވުމަށް ވެސް ގޮވާލައިފަ އެވެ.