21 މެއި 2021 - 14:27

އިޒްރޭލުން ފަލަސްތީނަށް އަރައިގަނެ، އެތައް ބަޔަކު ޝަހީދުކޮށް ހިންގާ ޖަރީމާތައް މުޅި އިސްލާމީ އުއްމަތާ ގުޅޭ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
ފަލަސްތީނުގެ މައްސަލަ އަށް ހާއްސަ ކޮށްފައިވާ މިއަދުގެ ހުތުބާގައި ބުނީ، އެއީ ދާހިލީ ކަމެއް ނޫން ކަމަށެވެ. އެއީ ހުރިހާ މުސްލިމުންގެ މައްސަލައެއް ކަމަށާއި މުސްލިމުންގެ ބިމަކަށް ކާފަރުން އަރައި ބިން ފޭރިގެންފި ނަމަ އެ މީހުންގެ ކެކުޅުންތަކަށް އިޖާބަ ދޭން ޖެހޭނެ ކަމަށް ބުންޏެވެ. އަދި އެ ބިން މިނިވަން ކުރުމަށްޓަައި ހުރިހާ މުސްލިމުން އެކަތިގަނޑަކަށް ވެގެން މަސައްކަތް ކުރަންޖެހޭނެ ކަމަށް ވެސް ބުންޏެވެ.
އިޒްރޭލުން ހިސާރުކޮށްފައި އޮންނަ ގާޒާ އަށް ވަރުގަދަ ހަމަލާތައް ދެމުން ގެންދާތާ 11 ދުވަސް ފަހުން ރޭ ފަތިހުން ފެށިގެން އިޒްރޭލުން އިސްވެ އެ ހަމަލާތައް ވަނީ ހުއްޓާލައިފަ އެވެ. މި ފަހަރުގެ ހަމަލާތައް ހުއްޓާލިއިރު ފަލަސްތީނުގެ 250 މީހަކު ވަނީ މަރުވެފަ އެވެ. އޭގެ ތެރެއިން ގިނަ މީހުން މަރުވީ ގާޒާއިންނެވެ.
ހަމަލާތައް ހުއްޓައިލީ މިސްރުން މެދުވެރިއެއްގެ ބައި އަދާކޮށްގެން، ފަލަސްތީނުގެ ޖަމާއަތްތަކާ އެކު ބޭއްވި ވާހަކަތަކަށް ފަހުގަ އެވެ.
ހުތުބާގައި ބުނިގޮތުގައި، މަސްޖިދުލް އަގްސާ އާއި މަސްޖިދުލް ހަރާމް ބިނާކުރުމާ ދެމެދު ހުންނާނީ 40 އަހަރުގެ ފަރަގެކެވެ. އެ ކަމުން ވެސް ވެސް މާތްﷲގެ ރިސާލަތާއި އެ ދެ މިސްކިތުގެ ގުޅުން ވަރަށް ރަނގަޅަށް އެނގޭކަން ފާހަގަކުރި އެވެ.
"މި މުގައްދިސް ބިމުގެ މައްސަލަ އިސްލާމީ އުއްމަތުގެ މައްސަލައަކަށް ނުވާންވީ ކީއްވެ ހެއްޔެވެ؟ އެއީ މުސްލިމުންގެ ފުރަތަމަ ގިބްލަ އެވެ. މުސްލިމުންގެ އެންމެ މުގައްދަސް ތިން ހަރަމްފުޅުގެ ތެރެއިން އެއް ހަރަމްފުޅެވެ. ދަތުރު ހަދައިގެން ދިއުމަށް އަންގާފައިވާ ތިން މިސްކިތުގެ ތެރެއިން އެއް މިސްކިތެވެ،" ހުތުބާގައި ބުންޏެވެ.
ކީރިތި ރަސޫލާ ސުވަރުގެ ވަޑައިގަތުމުގެ ކުރިން ފަލަސްތީނު މިނިވަންކުރުމަށް އުސްމަތު ބުނު ޒައިދުގެފާނުގެ ވެރިކަމުގައި ލަޝްކަރެއް އެކުލަވައިލެއްވި އެވެ. ނަމަވެސް ފަލަސްތީނު މިނިވަން ކުރެވުނީ އުމަރުގެފާނުގެ ދައުރުގަ އެވެ. އެ ކަލޭގެފާނުގެ ހިލާފަތުގައި ގުދުސް މިނިވަންވެ، އެ ރަށުގެ ތަޅުދަނޑި އުމަރު ބުނުލް ހައްތާބުގެ އަތްޕުޅަށް އެރީ ރޯމަނުންގެ އަނިޔާވެރިކަމާއި އަޅުވެތިކަމުގެ ދަށުގައި އެ ބިން އޮންނަތާ 700 އަހަރު ފަހުންނެވެ.
އެއް ވަނަ ބޮޑު ހަނގުރާމައަށް ފަހު އިނގިރޭސީންގެ ދަށަށް ފަލަސްތީނު ދިޔައީ މުސްލިމުންގެ އެއްބައިވަންތަކާއި އެކުވެރިކަން ނެތުމުގެ ސަބަބުން ކަމަށް ހުތުބާގައި ބުންޏެވެ. އޭގެ ފަހުން ޔަހޫދީންގެ ހީލަތްތެރިކަމުން، ފަލަސްތީނުގައި އެ މީހުންގެ ވަތަނެއް އުފެއްދުމަށް އެހީތެރިވުމުގެ ވައުދެއް އިނގިރޭސިންގެ އަތުން ހޯދި ކަމަށް ބުންޏެވެ.
"އެ ވައުދާ ގުޅިގެން ދުނިޔޭގެ އެކި ހިސާބުތަކުގައި ތިބި ޔަހޫދީން ފަލަސްތީނުގެ ބިމަށް ގެންގޮސް ވަޒަންކުރުވި އެވެ. އިނގިރޭސީންނާއި ހުޅަނގުގެ ގައުމުތަކުގެ އެހީގައި ހަތިޔާރާއި ތަމްރީނު ހޯދައި ޔަހޫދީން ފަލަސްތީނުގެ ބިމަށް ވެރިވެގަތީ،" ހުތުބާގައި ވެ އެވެ.
ޖޫން 1967 ގައި އަރަބިންނާއި އިޒްރާއިލާ ދެމެދު ހިނގި ހަ ދުވަހުގެ ހަނގުރާމައިގައި އިޒްރޭލުން އިރުމަތީ ގުދުސް ހިފި އެވެ. އެކަމާ ބައިނަލްއަގުވާމީ މުޖުތަމައު ދެކޮޅު ހަދަމުންދާ އިރު ވެސް އިޒްރޭލުން ބުނަމުންދަނީ އެއީ ހިފާފައިވާ ބިމެއް ނޫން އެ ތަނާ އިޒްރޭލާ ވަތްކެއް ނުކުރެވޭނެ ކަމަށެވެ. އެ އަށް ފަހު 1980 ވަނަ އަހަރު އިޒްރޭލުން ވަނީ އެ މީހުންގެ ވެރި ރަށަށް ގުދުސް ހަދައިފަ އެވެ.
ގުދުސްގައި އެންމެ ފުރަތަމަ ވަޒަންވެރިވީ އަރަބިކަރައިގެ ކަންޣާނީ ގަބީލާގެ ޔަބޫސީންނެވެ. އީސާގެފާނުގެ ދުނިޔެއަށް ވަޑައިގަތުމުގެ 2،500 އަހަރު ކުރިން ފެށިގެން އަރަބިން އެ ބިމުގައި އުޅެމުން ދަނިކޮށް ބަނީ އިސްރާއީލް ގާބައިގެ ބުންޔާމީން ދަރިކޮޅާއި ޔަހޫޒާ ދަރިކޮޅުގެ މީހުން އެ ބިމަށް އައިސް ބަނޑަހަ ޖެހި އެވެ. އަދި އެ ބިމުގައި ދާވޫދުގެފާނާއި ސުލައިމާނުގެފާނު ބިނާކުރެއްވި ހައިކަލު ހޯދުމުގެ ނަމުގައި މަސްޖިދުލްއަގްސާ ވަށައިގެން ކޮންނަމުން ދިޔަ އެވެ.
އެއީ މާތް ހަރަމްފުޅު ނެތިކޮށްލުމުގެ ނުބައި މަގުސަދުގައި ބައިނަލްއަގްވާމީ ހުރިހާ ގަރާރުތަކަށް ގޮންޖަހަމުން ކުރިއަށްގެންދާ މަޝްރޫއެކެވެ.
"އދ. ގެ އާއްމު މަޖިލީހުން އެތައް ފަހަރަކު މި ކަން ކުށްވެރިކޮށްފައި ވިޔަސް އެމެރިކާގެ ނުފޫޒުގެ ސަބަބުން އިސްރާއިލާ ދެކޮޅަށް ފިޔަވަޅަށް އެޅުމަށް ދުނިޔެ ވަނީ ނުކުޅެދިފަ އެވެ،" ހުތުބާގައި ބުންޏެވެ.
"ފަލަސްތީނު މީހުންނާ ދެކޮޅަށް އިސްރާއިލުން ހިންގާ ލާއިންސާނީ އަމަލުތަކަކީ ނަސްލު ނައްތާލުމުގެ ހަނގުރާމައެކެވެ. ތަފާތު ސިފަސިފައިގައި އެ މީހުން މި ހަނގުރާމަ ކުރެ އެވެ. މީގެ ތެރޭގައި ނަމާދަށް ނުދެވޭ ގޮތަށް ފަލަސްތީނުގެ މިސްކިތްތައް ހިސޯރުކުރުމާއި އެ މީހުން ބަނޑަށް ޖައްސައި ކަނު އަނދިރީގައި ބޭތިއްބުމާއި ސާފު ބޯފެނާއި ފާހަނާ ކުރެވޭނެ ވަސީލަތްތައް ހަލާލުކޮށް މުވާސަލާތީ ވަސީލަތްތަކާއި އަސާސީ ހިދުމަތްތަކުން މަހުރޫމް ކުރުމާއި ޖަމާއީ އަދަބުތައް ތަންފީޒުކުރުން ހިމެނެ އެވެ،"
ގުދުސްގެ މައްސަލައަކީ އިސްލާމް ދީނާ ވަކިނުކުރެވޭނެ މައްސަލައެއް ކަމަށާއި ގުދުސް އަކީ މުސްލިމުންގެ ބިމެއް ކަމަށް ހުތުބާގައި ބުންޏެވެ.