19 ނޮވެމްބަރ 2016 - 20:34

މެންޗެސްޓާ (ނޮވެމްބަރު 19) – އޮލިވާ ޖިރޯ ފަހު މިނެޓުގައި ވައްދާލި ލަނޑާ އެކު އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އާސެނަލް އިން ވާދަވެރި މެންޗެސްޓާ ޔުނައިޓެޑާ 1-1 އިން އެއްވަރުކޮށްފި އެވެ.
މި ނަތީޖާއާ އެކު 25 ޕޮއިންޓް ހަމަކޮށް އާސެނަލް ލީގުގެ ތިން ވަނަ އަށް އެރި ނަމަވެސް މިރޭ ކުޅޭ ކްރިސްޓަލް ޕެލަސް އަތުން މެންޗެސްޓާ ސިޓީ ބަލިނުވެ ފަރުޖައްސާލައިފި ނަމަ އާސެނަލް އަނެއްކާ ވެސް ހަތަރު ވަނަ އަށް ވެއްޓޭނެ އެވެ. އަނެއްކޮޅުން ޔުނައިޓެޑް 19 ޕޮއިންޓާ އެކު އަދިވެސް ހަ ވަނައިގައި އޮތްއިރު މިރޭގެ މެޗުތަކަށް ފަހު އެ ޓީމު އަނެއްކާ ވެސް ފަހަތަށް ސޮއްސާލާނެ އެވެ.
މެންޗެސްޓާގެ ޝަރަފްވެރި އޯލްޑް ޓްރެފޯޑުގައި ޕްރިމިއާ ލީގު މެޗަކުން ޔުނައިޓެޑް އަތުން އާސެނަލް މޮޅުނުވެ 10 އަހަރު ވެފައިވާއިރު އާސެނަލްގެ ކޯޗު އާސެން ވެންގާ އަށް ޔުނައިޓެޑުގެ ކޯޗު ހޯސޭ މޮރީނިއޯގެ މައްޗަށް 12 މެޗުން ކުރި ހޯދިފައެއް ނުވެ އެވެ. އެކަމަކު މިރޭގެ މެޗުން އެއްވަރުވުމަކީ ވެސް ވެންގާ އަށް މޮޅެއް ފަދަ އެވެ. ސަބަބަކީ ވެންގާ އަށް ޕްރިމިއާ ލީގު ކާމިޔާބުނުކުރެވި 12 އަހަރުވެފައިވާތީ އެކަމަށް، މެޗުގެ ކުރިން މޮރީނިއޯ ޖޯކުޖަހައި ދިމާކޮށްފައިވާތީ އެވެ. މެޗުގެ ކުރިން ދެ ކޯޗުން ސަލާމްކުރިއިރު ވެސް ހަތަރުކަޅި ހަމަކޮށްފައެއް ނުވެ އެވެ.
މި މެޗުގައި މެންޗެސްޓާ ޔުނައިޓެޑުން ލީޑު ނެގީ 68 ވަނަ މިނެޓުގައި ހުއާން މަޓާ ކާމިޔާބުކުރި ލަނޑުންނެވެ. މިއީ ޗެލްސީގެ ކުރީގެ މިޑްފީލްޑަރު އާސެނަލް ކޮޅަށް ޖެހި ހަތަރު ވަނަ ގޯލެވެެ. ޕައުލް ޕޮގްބާ ދިން ބޯޅައެއް، ބޭރު ރޮނގު ކައިރިން އަންދަރު ހެރޭރާ އޭރިއާ ތެރެ ހުރަސްކޮށްލުމުން މަޓާ ވަނީ އެ ބޯޅަ ގޯލުގެ ތިރީ ކަނަށް ވައްދާލައިފަ އެވެ.
އޭގެ ކުރިން ފުރަތަމަ ހާފުގައި ޔުނައިޓެޑުން ޕެނަލްޓީއަކަށް ވަރަށް ބޮޑަށް އެޕީލްކުރި އެވެ. އެކަމަކު 38 ވަނަ މިނެޓުގައި އާސެނަލްގެ ނަޗޯ މޮންރެއަލް ގައިގައި ޖެހި ޔުނައިޓެޑުގެ އެންޓޯނިއޯ ވެލެންސިއާ އޭރިއާ ތެރެއަށް ވެއްޓުނު ނަމަވެސް ރެފްރީ ނިންމީ ޕެނަލްޓީއެއް ނޫން ކަމަށެވެ.
ޔުނައިޓެޑުން މައިކަލް ކެރިކް އަރުވައިގެން ކުޅުމުން ޕޮގްބާ އަށް ވަނީ މި މެޗުގައި އެޓޭކުގައި ބައިވެރިވުމުގެ ފުރުސަތު ލިބިފަ އެވެ. އަނެއްކޮޅުން އަނިޔާގެ ސަބަބުން ނުކުޅެވިދާނެ ކަމަށް ބެލެވުނު އާސެނަލްގެ އަލެކްސިސް ސަންޗޭޒް ވެސް ކުޅުނެވެ.
އާސެނަލްގެ ނަސީބު އަތުގައި ހިފީ ބަދަލު ކުޅުންތެރިޔާ ޖިރޯ އެރި ހިސާބުންނެވެ. އެލެކްސް އޮކްސްލޭޑް ޗެމްބަލައިން އަރިމަތިން ނެގި ހުރަހަށް އޭރިއާ ތެރެއިން، ފުންމައިގެން އަރައި ޖިރޯ ވަނީ ބޯޅަ ބޮލުން ގޯލް ތެރެއަށް ވައްދާލައިފަ އެވެ. މިއީ މެޗުގައި އާސެނަލުން ތަނަވަސްކުރި ހަމައެކަނި އުފެއްދުންތެރި ފުރުސަތެވެ.
މިރޭގެ މެޗާ އެކު އާސެނަލް ވަނީ ހުރިހާ މުބާރާތެއްގައި ބަލިނުވެ 17 މެޗު ފުރިހަމަކޮށްފަ އެވެ. އަނެއްކޮޅުން ޔުނައިޓެޑް ލީގުގައި އެންމެ ފަހުން ކުޅުނު ނުވަ މެޗުގެ ތެރެއިން އެންމެ ދެ މެޗުން މޮޅުވެފައިވާއިރު އެ ޓީމަށް ދެން އޮތީ ބުރާސްފަތި ދުވަހުގެރޭ ޔުރޮޕާ ލީގުގައި ފެނަބާޗޭއާ ދެކޮޅަށް ކުޅޭ މުހިއްމު މެޗެވެ. --އޭއެފްޕީ