21 މެއި 2021 - 12:16

ކޮވިޑް ބަލީގައި ދެ ވަނަ މީހަކު މިއަދު ނިޔާވެއްޖެ އެވެ.
އެޗްޕީއޭ އިން ބުނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން އައި އުމުރުން 80 އަހަރުގެ ދިވެހި އަންހެނަކު ނިޔާވެފައިވާ ކަމަށެވެ. މިއަދު ހެނދުނު 10:54 ގައި ނިޔާވި އެ މީހާ އަކީ މި ބަލީގައި ރާއްޖެ އިން ނިޔާވި 118 ވަނަ މީހާ އެވެ.
ކޮވިޑް ބަލީގައި މިއަދު ފުރަތަމަ ނިޔާވީ އުމުރުން 77 އަހަރުގެ ދިވެހި ފިރިހެނެކެވެ. ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން އައި އެ މީހާ ނިޔާވީ ރޭ ފަތިހު 4:06 ގަ އެވެ.
މި އަދަދުތަކާއެކު ކޮވިޑް-19 ގައި މި މަހުގެ މިހާތަނަށް އެކަނިވެސް 45 މީހަކު ނިޔާވެއްޖެ އެވެ. މިއީ ރާއްޖޭގައި މި ބަލީގައި އެންމެ ގިނަ މީހުން ނިޔާވި މަހަށް ވެސް މިހާރު ވަނީ ވެފަ އެވެ.
ރާއްޖޭގައި ކޮވިޑްގެ ކޭސްތައް އިންތިހާއަށް އިތުރުވެ، އިއްޔެ ވެސް ވަނީ ރިކޯޑް އަދަދަކަށް އާ ކޭސްތައް ފެނިފަ އެވެ. ކުރީ ދުވަސްތަކުގެ ސާމްޕަލްތަކާއި އަދި އިއްޔެ ސާމްޕަލްތަކާ އެކު 2،000 ވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓީވްވެފައިވެ އެވެ.