ބަންސާލީގެ "ހީރާ މަންޑީ" ގައި މަދޫރީގެ މުޖުރާ ލަވައެއް
ބަންސާލީގެ "ހީރާ މަންޑީ" ގައި މަދޫރީގެ މުޖުރާ ލަވައެއް

ސަންޖޭ ލީލާ ބަންސާލީ 2002 ގައި ގެނެސްދިން "ދޭވްދާސް" ގައި މަދޫރީ ޑިކްސިޓް ކުޅުނީ ބެލުންތެރިން އޭނާގެ ޖާދުގައި ވަރަށް ބޮޑަށް ޖެއްސުވި ރޯލެކެވެ. އޭގެ ލަވަތަކުގައި މަދޫރީ ދެއްކި ހުނަރުގެ ވާހަކަ ނެށުމާއި ލަވައިގެ ވާހަކަ ދެކެވޭ އިރު މިހާރު ވެސް ދައްކަ އެވެ.

ނެޓްފްލިކްސްއާ ގުޅިގެން ބަންސާލީ ޕްރޮޑިއުސްކުރަން ހަމަޖެހިފައިވާ ވެބް ސީރީޒް "ހީރާ މަންޑީ" ގެ ވަރަށް ހާއްސަ މުޖުރާ ލަވައަކަށް މަދޫރީ އެއްބަސްވި ކަމަށް މިހާރު ވާހަކަ އެބަ ދެކެވެ އެވެ. ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި މަދޫރީ ލަވަ އަށް އެއްބަސްވެފައިވާތީ، ބަންސާލީ ހުރީ ވަރަށް އުފަލުންނެވެ. ކުރިން އަޑުތައް އަރާފައިވާ ގޮތުން މީގެ ލަވައެއް ބަންސާލީ އެންމެ ފަހުން ގެނެސްދިން ތިން ފިލްމު ކަމަށްވާ "ޕަދުމާވަތު" އާއި "ބަޖިރާއޯ މަސްތާނީ" ގެ އިތުރުން "ރާމް-ލީލާ" ގެ ބަތަލާ ދީޕިކާ ޕަދްކޯން ގަބޫލުނުކުރުމުން ދެ މީހުންގެ ދެމެދުގައި ކުނި ޖެހިފައިވެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ބަންސާލީ 2015 ގައި ޕްރޮޑިއުސްކުރި "ހަވާއީޒާދާ" ގެ ޑައިރެކްޓަރު ވިބޫ ޕޫރީ ހަދާ "ހީރާ މަންޑީ" ގެ މައިގަނޑު ބަތަލާއިންގެ ރޯލުތަކަށް ސޮނާކްޝީ ސިންހާ އާއި ހުމާ ގްރޭޝީ މިހާރު ވަނީ ހަމަޖައްސައިފަ އެވެ. ނަމަވެސް މިކަމާ ބެހޭ އެއްވެސް ވާހަކައެއް އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ. "ހީރާ މަންޑީ" ގެ މިއުޒިކް ހަވާލުކޮށްފައި ވަނީ "ދޭވްދާސް" ގެ އިތުރުން ބަންސާލީގެ 1999 ގެ "ހަމް ދިލް ޗުކޭ ސަނަމް" ގެ ވެސް މިއުޒިކް ހެދި އިސްމާއީލް ދަރުބާރާ އެވެ. އެހެންވެ މިއީ ވެސް މި ސީރީޒް ހާއްސަވާ އެއް ސަބަބެވެ.

ބަންސާލީ މިހާރު އަންނަނީ އާލިއާ ބަޓާ އެކު "ގަންގޫބާއީ "ކަތިއަވާޅީ" ގެނެސްދޭން ތައްޔާރުވަމުންނެވެ. އެ ފިލްމުގެ ހާއްސަ ލަވައަކުން ހުމާ ފެންނާނެ އެވެ.

ބަންސާލީ ހަދަން ނިންމާފައިވާ އިތުރު ޕްރޮޖެކްޓްތަކުގެ ތެރޭގައި "ބައިޖޫ ބަވްރާ" އާއި "އިޒުހާރު" އަދި "އިންޝާﷲ" ހިމެނެ އެވެ. ރިޕޯޓްތައް ބުނާ ގޮތުން "އިޒުހާރު ހަދާނީ ޝާހްރުކާ އެކީގަ އެވެ. އަދި "އިންޝާﷲ" ހަދާނީ އާލިއާ އާއި ރިތިކް ރޯޝަނާ އެކީގަ އެވެ.

މަދޫރީގެ ކުރިއަށް އޮތް ޕްރޮޖެކްޓަކީ ނެޓްފްލިކްސްގެ ވެބް ސީރީޒް "ފައިންޑިން އަނާމިކާ" އެވެ.