ހެންސަލްގެ ފިލްމުގައި ކާތިކަކީ އެއާ ފޯސް ޕައިލެޓެއް
ހެންސަލްގެ ފިލްމުގައި ކާތިކަކީ އެއާ ފޯސް ޕައިލެޓެއް

ނެޓްފްލިކްސް އިން ގެނެސްދޭން ނިންމާފައިވާ "ދަމާކާ" ގައި ނޫސްވެރިއެއްގެ ރޯލު ކުޅުނު ޒުވާން އެކްޓަރު ކާތިކް އާރިޔަން ފިލްމެއްގައި އެއާ ފޯސް ޕައިލެޓެއްގެ ރޯލު ކުޅެން ތައްޔާރުވާން ފަށައިފި އެވެ.

މި ފިލްމަކީ ކާތިކް ސޮއިކޮށްފައިވާ ޑައިރެކްޓަރު ހެންސަލް މެހެތާގެ ވަތަނީ ފިލްމެކެވެ. އެއާ ބެހޭ އެއްވެސް ވާހަކައެއް އަދި ރަސްމީކޮށް އިއުންލާންކޮށްފައި ނުވިޔަސް ފިލްމަކީ ސާޖިދު ނަދިއަދުވާލާ ޕްރޮޑިއުސްކުރާ ފިލްމެއް ކަމަށް ބޮލީވުޑް ހަންގާމާ އިން ބުންޏެވެ.

އެ ނޫހުން ބުނި ގޮތުގައި މިއީ ހަގީގީ ހާދިސާއެއް ފެނިގެންދާ ރެސްކިއު އޮޕްރޭޝަނަކަށް އިންޑިއާގެ އަސްކަރިއްޔާގެ ޕައިލެޓަކު ކުރާ މަސައްކަތް ދައްކުވައިދޭނެ ފިލްމެކެވެ. މީގެ ޑައިރެކްޓަރު ހެންސަލް އަކީ މިހާތަނަށް ވަރަށް ކާމިޔާބު ވަރުގަދަ ފިލްމުތަކެއް ގެނެސްދީފައިވާ މީހެކެވެ. "ޝާހިދު" އާއި "އަލީގަޅް" އަދި "ސިޓީ ލައިޓްސް" ފަދަ ފިލްމުތައް ގެނެސްދިން ހެންސަލްގެ އެންމެ ފަހުގެ ފީޗާ ފިލްމަކީ މިދިޔަ އަހަރު އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރީމިއާކުރި ސޯޝަލް ކޮމެޑީ "ޝަލާންގް" އެވެ.

މިދިޔަ އަހަރު އޭނާ ސޮނީ ލިވް އެޕުން ގެނެސްދިން ވެބް ސީރީޒް "ސްކޭމް 1992" އަކީ ވެސް ވަރަށް ކާމިޔާބު އެއްޗެކެވެ.

ހެންސަލްއާ އެކު ކާތިކް މަސައްކަތްކުރާ ފުރަތަމަ ފިލްމު، ސާޖިދު ޕްރޮޑިއުސްކުރާ އިރު އޭނާގެ އެހެން ފިލްމަކުން ވެސް ކުރިއަރަމުން އަންނަ އުންމީދީ އެކްޓަރަށް ފުރުސަތު ލިބިފައިވެ އެވެ. އެއީ ސަމީރް ވިދުވަންސް ޑައިރެކްޓްކުރާ އަސަރު ގަދަ ލޯބީގެ ފިލްމެކެވެ.

ދާދި ފަހުން ކަރަން ޖޯހަރްގެ "ދޯސްތާނާ 2" އިން ވަކިކުރި ކާތިކްގެ އަތުގައި ހުރި އިތުރު ޕްރޮޖެކްޓްތަކުގެ ތެރޭގައި އަނީސް ބަޒްމީގެ "ބޫލް ބުލައްޔާ 2" އާއި ޝާހްރުކް ޚާންގެ "ފްރެޑީ" ގެ އިތުރުން އެކްޓަރު ވަރުން ދަވަންގެ ބޭބެ ރޯހިތު ދަވަން ޑައިރެކްޓްކުރާ ތެލެގޫ އެކްޝަން ފިލްމެއްގެ ރިމޭކެއް ހިމެނެ އެވެ.