21 މެއި 2021 - 11:04

ކޮވިޑް ބަލީގައި ރެ އާއި މިއަދު އިތުރު ދެ މީހަކު ނިޔާވެ، މިހާތަނަށް އެ ބަލީގައި ނިޔާވި މީހުންގެ ޖުމުލަ 117 އަށް އަރައިފި އެވެ.
އެޗްޕީއޭ އިން މިއަދު ބުނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން އައި އުމުރުން 77 އަހަރުގެ ދިވެހި ފިރިހެނަކު ރޭ ފަތިހު ނިޔާވެފައިވާ ކަމަށެވެ. އޭނާ ނިޔާވީ ފަތިހު ފަތިހު 4:06 ގަ އެވެ.
ރޭ އެންމެ ފަހުން ނިޔާވީ ވެސް ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން އައި މީހެކެވެ. އުމުރުން 93 އަހަރުގެ ދިވެހި އެ އަންހެންމީހާ ނިޔާވީ ރޭ 10:44 ގަ އެވެ.
އިއްޔެ އެންމެ ފުރަތަމަ ނިޔާވީ ލ. ކޮވިޑް ފެސިލިޓީގައި އެޑްމިޓުކޮށްފައި އޮތް އުމުރުން 36 އަހަރުގެ ނޭޕާލް ފިރިހެނެކެވެ. އޭނާ ނިޔާވީ އިއްޔެ ރޭ ދަންވަރު 2:00 ގަ އެވެ. އޭގެ ފަހުން އޭޑީކޭ އިމަޖެންސީ އަށް ގެންދިޔަ އުމުރުން 62 އަހަރުގެ ދިވެހި ފިރިހެނަކު ވެސް އިރުއޮއްސި 6:52 ގައި ކޮވިޑުގައި ނިޔާވެފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
މި އަދަދުތަކާއެކު ކޮވިޑް-19 ގައި މި މަހުގެ މިހާތަނަށް އެކަނިވެސް 44 މީހަކު ނިޔާވެއްޖެ އެވެ. މިއީ ރާއްޖޭގައި އެ ބަލީގައި އެންމެ ގިނަ މީހުން ނިޔާވި މަހަށް މިހާރު ވަނީ ވެފަ އެވެ.
ރާއްޖޭގައި ކޮވިޑްގެ ކޭސްތައް އިންތިހާއަށް އިތުރުވެ، އިއްޔެ ވެސް ވަނީ ރިކޯޑް އަދަދަކަށް އާ ކޭސްތައް ފެނިފަ އެވެ. ކުރީ ދުވަސްތަކުގެ ސާމްޕަލްތަކާއި އަދި އިއްޔެ ސާމްޕަލްތަކާ އެކު 2،000 ވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓީވްވެފައިވެ އެވެ.