އިންޑިއާގެ ބައެއް ސްޓޭޓްތަކުގައި "ބްލެކް ފަންގަސް" އާންމުވެއްޖެ!
އިންޑިއާގެ ބައެއް ސްޓޭޓްތަކުގައި "ބްލެކް ފަންގަސް" އާންމުވެއްޖެ!

ފުރާނައަށް އަށް ބޮޑު ނުރަކަލެއް ކުރިމަތިކުރުވާ އަދި ލޯ ނަގަން ޖެހޭ ހާލަތެއް މެދުވެރިކުރުވާ މިއުކޯމައިކޯސިސް ނުވަތަ ބްލެކް ފަންގަސް ބަލި އިންޑިއާގެ ބައެއް ސްޓޭޓްތަކުގައި ގިނަވެ، މިއީ އެ ސްޓޭޓްތަކުގައި މިހާރު އާންމު ބައްޔެއް [އެޕިޑެމިކް] އެއް ކަމަށް ކަނޑައަޅަން އެ ގައުމުގެ މައި ސަރުކާރުން ގޮވާލައިފި އެވެ.

ރާއްޖޭން ވެސް މި ބައްޔަށް ޝައްކުވާ މީހަކު ވަނީ ފެނިފަ އެވެ.

މިއުކޯމައިކޯސިސް އަކީ ވަރަށް ނާދިރު ބައްޔެކެވެ. އެކަމަކު އިންޑިއާގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު އާދަޔާ ހިލާފަށް ގިނަވި ފަހުން މި ބަލި ދަނީ ވަރަށް ގިނަ މީހުންނަށް ޖެހެމުންނެވެ. މީގެ ތެރޭގައި ކޮވިޑް ޖެހިފައި ރަނގަޅުވެފައިވާ މީހުންނާއި ކޮވިޑަށް މިހާރު ވެސް ފަރުވާ ހޯދަމުން އަންނަ މީހުން ހިމެނެ އެވެ.

މި ބަލި ޖެހޭ މީހުންގެ ތެރެއިން 50 ޕަސެންޓް މީހުން މަރުވެ އެވެ. ބަލި ޖެހޭ ބައެއް މީހުންގެ ފުރާނަ ސަލާމަތްކުރަން އެ މީހުން ލޯ ނުވަތަ ކޯ ކަށިގަނޑު ނަގަންޖެހޭ ހާލަތަށްދެ އެވެ.

ޑޮކްޓަރުން ޝައްކުކުރައްވާ ގޮތުގައި އިންޑިއާގައި ބްލެކް ފަންގަސް މާ ގިނަވެގެން އުޅެނީ އެ ގައުމުގައި ކޮވިޑް ޖެހޭ މީހުންގެ ފަރުވާގައި ސްޓިރޮއިޑް ބޭނުންކުރާތީ އެވެ.

ޑޮކްޓަރުންނާ ހަވާލާދީ ބީބީސީން ބުނީ ބްލެކް ފަންގަސްގެ ނުރައްކާ ހަކުރު ބަލީގެ މީހުންނަށް ބޮޑު ކަމަށެވެ. އަދި މި ބަލި އާންމު ގޮތެއްގައި ޖެހެނީ ކޮވިޑުން ރަނގަޅުވާތާ 12-15 ދުވަސް ފަހުން ކަމަށް ޑޮކްޓަރުން ވިދާޅުވެފައިވެ އެވެ.

އިންޑިއާގެ ހެލްތު މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ ލާވް އަގަރްވާލް ބުރާސްފަތި ދުވަހު ވަނީ ބްލެކް ފަންގަސް އަކީ އާންމު ބައްޔެއް ކަމަށް ކަނޑައަޅަން ލަފާ ދެއްވައި 29 ސްޓޭޓަކަށް ސިޓީ ފޮނުއްވައިފަ އެވެ. މިގޮތަށް ކަނޑައެޅުމުން ބަލީގެ ހާލަތު ބެލުމުގައި މިނިސްޓްރީ އަށް އިތުރު ބާރު ލިބި ފަސޭހަވާނެ ކަމަށެވެ. މިގޮތަށް ކަނޑައަޅަން އެންގި ނަމަވެސް އެ ސްޓޭޓްތަކުގައި ބްލެކް ފަންގަސްގެ ކޭސްތަކުގެ އަދަދަކީ ކިހާ ވަރެއް ކަމެއް ހާމަކޮށްފައެއް ނުވެ އެވެ.

މިދިޔަ ހަފުތާގައި މަހާރަޝްތުރާގެ ހެލްތު މިނިސްޓަރު ރާޖޭޝް ޓޯޕޭ ވިދާޅުވި ގޮތުގައި އެ ސްޓޭޓުން ވަނީ ބްލެކް ފަންގަސްގެ 1،500 ކޭސް ފެނިފަ އެވެ. މިއީ އިންޑިއާގައި ކޮވިޑްގެ ދެ ވަނަ ރާޅުގެ ނުރައްކާ އެންމެ ބޮޑު އެއް ސްޓޭޓެވެ. މުމްބާއީގެ ހޮސްޕިޓަލަކުން ބީބީސީ އަށް ބުނެފައިވާ ގޮތުގައި މީގެ 24 ކޭސް މިދިޔަ ދެ މަސް ތެރޭ ވަނީ ފެނިފަ އެވެ. އެކަމަކު މިދިޔަ ކުރިން އެއް އަހަރު ތެރޭ ފެނިފައިވަނީ އެންމެ ހަ ކޭސް ކަމަށް ބުންޏެވެ.

ޑޮކްޓަރުން ވިދާޅުވި ގޮތުގައި ބްލެކް ފަންގަސްގެ އަސަރު ސިކުނޑި އަށް ކޮށްފާނެ ހާލަތަކަށް ދިއުމުގެ ކުރިން ބައެއް މީހުން ލޯ އަދި ކޯ ކަށިގަނޑު ނަގަންޖެހެ އެވެ. މިހެންވުމުން މުޅި މީހާ އުމުރަށް އައިބުވެ އެވެ.

އިންޑިއާގައި ބްލެކް ފަންގަސް އާންމުވުމުން، މި ބައްޔަށް ދޭ އާންމު ބޭހެއް ކަމަށްވާ އެމްފޮޓެރެސިން ބީ ވެސް ވަނީ ލިބުން ދަތިވެފަ އެވެ. މިއީ އިންޑިއާގައި އުފައްދާ ބޭހަކަށް ވިޔަސް މިހާރު އާންމުކޮށް މި ބޭސް ގަންނަން ނުލިބި ހޯދަން ޖެހިފައިވަނީ ބްލެކްމާކެޓުން ބޮޑު އަގުގައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

މިއުކޯމައިކޯސިސް އަކީ އާއްމުގޮތެއްގައި ބިިންމަތީގަ އާއި ކުނިވެ ހަލާކުވަމުންދާ މޭވާ އާއި ތަރުކާރީގައި ޖަހާ ފެއްސެއްގައި އެކުލެވޭ ފަންގަސް އަކުން ޖެހޭ ނާދިރު ބައްޔަކެވެ. މިއީ ވަރަށް ނުރައްކާތެރި އިންފެކްޝަނެކެވެ. މިއުކޯ މޫލްޑް ނަަމަކަށް ކިޔާ މި ފަންގަސް، ސިއްހަތު ރަނގަޅު މީހެއްގެ ނޭފަތުގެ ތެރޭގައި ވެސް ހުރެދާނެ އެވެ. އަދި އެއީ ވައިގެ ތެރޭގައިި ވެސް އުޅެފާނެ އެއްޗެކެވެ. ސައިނަސް އާއި ސިކުނޑި އާއި ފުއްޕާމެޔަށް މި ފަންގަސްގެ އިންފެކްޝަން ފޯރަ އެވެ.

އެ ފަންގަސް ގެއްލުންދެނީ ސައިނަސް އާއި ސިކުނޑި އާއި ފުއްޕާމެއަށެވެ.

ނޭވާލާ ނިޒާމާއި ހަންގަނޑުން ވަދެ ސައިނަސް، ފުއްޕާމޭ ސިކުނޑި، ގޮހޮރު އަދި އެހެން ގުނަވަންތަކުގައި މި ފަންގަސް ފެތުރި އެތަން ހަލާކުކޮށް މަރާލާ އެވެ. އެހެންވެ މިއިން ސަލާމަތްވާން، އިންފެކްޝަން ޖެހޭ ތަނެއް ނަގަން ޖެހޭ ހިސާބަށްދެ އެވެ. ހަކުރުބައްޔާއި ކެންސަރު ބަލީގެ މީހުންނާއި ބޯންމެރޯހަދާފައި ހުންނަ މީހުންނާއި ސުޓެރޮއިޑް ފަދަ ބޭހުން ދިފާއީ ނިޒާމު ދަށްވުމުން މި ބަލިޖެހުމަށް ބޮޑަށް މަގު ފަހިވެ އެވެ.