21 މެއި 2021 - 10:29

ވޯލްޑް ކަޕް ކޮލިފިކޭޝަންގެ މެޗުތަކަށް ތައްޔާރުވާ ގައުމީ ފުޓްބޯޅަ ޓީމަށް ދަނޑުގައި ޕްރެކްޓިސް ކުރުމުގެ ހުއްދަ ނެތުމުން، ބޯޅަ ބޭނުންކޮށްގެން ކުރިއަށްގެންދާ ޓްރޭނިންތައް ވެސް ހޮޓެލް ޖެންގެ އެތެރޭގައި ކުރަން ފަށައިފި އެވެ.
އަންނަ މަހު ޗައިނާގައި ކުޅޭ ކޮލިފައިން މެޗުތަކަށް ފުރުމުގެ ކުރިން ހޮޓެލް ޖެންގައި، މިދިޔަ ހަފުތާގައި ކޭމްޕް ކުރި ގައުމީ ޓީމުން ހޮޓެލްގައި އެންމެ ފުރަތަމަ ކުުރިއަށް ގެންދިޔައީ ފިޓްނަސް އަދި ފިޒިކަލް ޓްރޭނިންތަކެވެ. އެ ޓްރޭނިންތައް ކުރިއަށް ގެންދިޔައީ ޖިމްގެ އިތުރުން ހޮޓެލްގެ ބޯލް ރޫމްގަ އެވެ.
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް، ސޯޝަލް މީޑިއާގައި ރޭ ހިއްސާ ކުރެއްވި ވީޑިއޯތަކުގައި، ޓީމުގެ ކުޅުންތެރިން ހޮޓެލްގެ ބޯލް ރޫމްގައި ރޮންޑޯ ޓްރޭނިން އާއި ބޯޅަ ބޭނުން ކޮށްގެން ކުރިއަށް ގެންދާ ޓެކްނިކަލް ވޯމްއަޕް ޓްރޭނިންތައް ކުރިއަށް ގެންދާ މަންޒަރު ފެނެ އެވެ.
"ހޮޓަލެއްގެ ބޯލްރޫމް ގައި ތިބެގެން ވޯލްޑް ކަޕް ކޮލިފިކޭޝަނަށް ތައްޔާރުވާން ޖެހިފައިވާ ފުރަތަމަ ޓީމޭ ބުނެވިދާނެ،" ޓްވިޓާގައި ބައްސާމް ލިޔެފައި ވެއެވެ.
ކޮވިޑް-19 ގެ ބިރުވެރިކަން ރާއްޖޭގައި ބޮޑުވުމުން، އެޗްޕީއޭގެ އެންގުމަށް ކުޅިވަރު ކުޅޭ ތަންތަން ވަނީ ބަންދު ކޮށްފަ އެވެ. މި މަހު ރާއްޖޭގައި ބާއްވަން މަސައްކަތްކުރި އޭއެފްސީ ކަޕް ވެސް އޭއެފްސީން ވަނީ ފަސްކޮށްފަ އެވެ.
ދަނޑުގައި ޓްރޭނިން ކުރިއަށް ގެންދިއުމުގެ ފުރުސަތު ނެތުމުން، ގައުމީ ކޯޗް މާޓީން ކޫޕްމަން ވެސް ވަނީ ކަންބޮޑުވުން ފާޅު ކޮށްފަ އެވެ. ކޫޕްމަން "މިހާރު" އަށް ބުނީ މިދިޔަ މަހު ލީގު މެދުކަނޑާލި ހިސާބުން ގިނަ ކުޅުންތެރިންނަށް ޕްރެކްޓިސް ކުރެވޭނެ ހާލަތެއް ނެތުމުން، ކުޅުންތެރިންގެ ފިޓްނަސްއަށް އަސަރު ކޮށްފައިވާ ކަމަށެވެ.
"އަހަންނަށް ހީވަނީ އަހަރެމެންނަށް ދަނޑުގައި ޓްރޭނިން ހަދަން ލިބޭނީ އެންމެ ހަ ދުވަސްހެން. މިވަރުގެ މެޗުތަކަކަށް ތައްޔާރުވާއިރު އެއީ އެކަށީގެންވާ ވަރުގެ މުއްދަތެއް ނޫން،" ގޮތްހުސްވެފައި ހުރި ކޯޗް ބުންޏެވެ.
"ދަނޑުގައި ޓްރޭނިން ހެދުމުގެ ހުއްދަ ލިބޭތޯ އެފްއޭއެމުން ވަރަށް މަސައްކަތް ކޮށްފި. ރާއްޖެ ނޫން ހުރިހާ ޓީމުތަކެއް ދަނީ މެޗުތަކަށް ރަނގަޅަށް ތައްޔާރު ވަމުން."
އެފްއޭއެމުން އެންމެ ފުރަތަމަ ހަމަޖެއްސީ މިދިޔަ ބުދަ ދުވަހު ގައުމީ ޓީމު ޗައިނާއަށް ފުރާ ގޮތަށެވެ. ނަމަވެސް މިހާރު ޕްލޭން ބަދަލުކޮށް ޓްރޭނިން ހެދުމަށް ޔޫއޭއީ އަށް ދިއުމަށް އެފްއޭއެމުން ވަނީ ނިންމައިފަ އެވެ. އެ ގައުމަށް ދިއުމަށް ޓީމު ފުރާނީ އަންނަ ބުދަ ދުވަހު އެވެ. ގައުމީ ޓީމުގެ މެނޭޖަރު ޔާމީން އިބްރާހިމް ބުނީ އެއަށްވުރެ އަވަހަށްވެސް ފުރޭތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އުނދަގޫ ހާލަތުގެ ތެރެއިންވެސް ކޯޗް ކޫޕްމަން އަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ކޮވިޑް ޖެހިގެން ރަނގަޅުވި ބައެއް ކުޅުންތެރިން ޓީމުގެ ކޭމްޕާ ގުޅިފައި ވުމެވެ. ހަމްޒާ މުހައްމަދު (ހަމްޕް) އާއި ހުސައިން ނިހާން (ނިހާޓް) ބަލިން ރަނގަޅު ވެގެން ވަނީ ޓީމާ ގުޅިފަ އެވެ.
ކޮލިފައިންގެ ގުރޫޕް ސްޓޭޖުގައި ރާއްޖެ އަށް ބާކީ އޮތް ތިން މެޗުގެ ތެރެއިން ޗައިނާ އާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ އަންނަ މަހުގެ ތިން ވަނަ ދުވަހު އެވެ. ސިރިއާ އާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ އަންނަ މަހުގެ ހަތް ވަނަ ދުވަހު އެވެ. އަދި ފިލިޕީންސާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ އަންނަ މަހުގެ 15 ވަނަ ދުވަހު އެވެ.
މި ގުރޫޕްގެ އެއް ވަނައިގައި ސީރިއާ އޮތީ ކުޅުނު ފަސް މެޗުން ވެސް މޮޅުވެ 15 ޕޮއިންޓް ހޯދައިގެނެވެ. ދެ ވަނައިގައި އޮތް ޗައިނާއިން ހަތަރު މެޗު ކުޅުނު އިރު އެ ޓީމަށް ލިބިފައި ވަނީ ހަތް ޕޮއިންޓެވެ. ތިން ވަނައިގައި އޮތް ފިލިޕީންސަށް ވެސް ހަތް ޕޮއިންޓެވެ. ގުއާމް އާ ދެކޮޅަށް ކުޅުނު ދެމެޗުން ވެސް މޮޅުވެ ރާއްޖެއަށް ލިބިފައި ވަނީ ހަ ޕޮއިންޓެވެ. ގުއާމަށް ޕޮއިންޓެއް ނުލިބެ އެވެ.
ވޯލްޑް ކަޕް ކޮލިފިކޭޝަން އަދި އޭޝިއަން ކަޕް ކޮލިފިކޭޝަން ވިދިވިދިގެން ކުރިއަށްގެންދާ ސިލްސިލާ ކޮލިފިކޭޝަން މަރުހަލާގައި ރާއްޖޭގެ ޓާގެޓަކީ 2023 ވަނަ އަހަރު ޗައިނާގައި ބާއްވާ އޭޝިއަން ކަޕަށް ކޮލިފައި ވުމެވެ.