21 މެއި 2021 - 08:26

އިޒްރޭލުން ހިސާރުކޮށްފައި އޮންނަ ގާޒާ އަށް ވަރުގަދަ ހަމަލާތައް ދެމުން ގެންދާތާ 11 ދުވަސް ފަހުން ހުކުރު ދުވަހު ފަތިހުން ފެށިގެން އިޒްރޭލުން ހަމަލާތައް ހުއްޓާލައިފި އެވެ.

އިޒްރޭލުން އިސްވެ ހަމަލާތައް ހުއްޓާލީ މިސްރުން މެދުވެރިއެއްގެ ބައި އަދާކޮށްގެން ފަލަސްތީނުގެ ޖަމާއަތްތަކާ އެކު ބޭއްވި ވާހަކަތަކަށް ފަހުގަ އެވެ. އިޒްރޭލުން ކާމިޔާބީ އިއުލާނުކުރިޔަސް ހަމާސް އިން ވެސް ވަނީ ކާމިޔާބީ އިއުލާނުކޮށްފަ އެވެ.
ހަމަލާތައް ހުއްޓާލިއިރު 250 މީހަކު ވަނީ މަރުވެފަ އެވެ. އޭގެ ތެރެއިން ގިނަ މީހުން މަރުވީ ގާޒާއިންނެވެ.
ފަތިހު ހަމަލާތައް ހުއްޓުމަކަށް އައުމާ އެކު ގާޒާގެ މަގުތަކަށް ފަލަސްތީނު ރައްޔިތުން ނުކުމެ ގެންދަނީ އުފާ ފާޅުކުރަމުންނެވެ. އަދި ހަރު އަޑުން "ﷲ އަކްބަރް" ގޮވަމުން ގެންގޮސްފައިވެ އެވެ.
ހަމަލާތައް ހުއްޓާލުމުގެ ކުރިން ބުރާސްތި ދުވަހު އެކަނި ވެސް އިޒްރޭލުން ވަނީ ގާޒާ އަށް 100 އަސް ވުރެ ގިނަ ބޮން އަޅައިފަ އެވެ. ރައްދުގައި ހަމާސް އިން ރޮކެޓުން ހަމަލާތައް ދީފައިވެ އެވެ.
ގާޒާގައި މިފަހަރު ހަމަލާތައް ފެށުނީ ރޯދަ މަހު މުސްލިމުން އަގްސާ ހަރަމްފުޅުގައި އަޅުކަމުގައި ތިއްބާ އެތަނަށް ގޮސް ހިންގި ހަމަނުޖެހުންތަކަށް ފަހު މި މަހުގެ 10 ވަނަ ދުވަހު އެވެ. އަގްސާ އަށް ވަދެ، އަޅުކަމުގައި ތިބި މީހުން އެތަނުން ނެރެ އަނިޔާކޮށް ފުރައްސާރަކުރި މައްސަލަ ހޫނުވެ ހަމާސް އިން އިޒްރޭލަށް ރޮކެޓުން ހަމަލާ ދިނެވެ.
މިފަހަރުގެ ހަމަލާތަކުގައި ގާޒާ އިން މަދުވެގެން 232 މީހަކު މަރުވި އެވެ. އޭގެ ތެރޭގައި 100 އަށް ވުރެ ގިނަ އަންހެނުންނާއި ކުޑަކުދިން ހިމެނޭ ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ވަނީ ބުނެފަ އެވެ. އިޒްރޭލުން ބުނާ ގޮތުން ހަމާސްގެ 150 ހަނގުރާމަވެރިޔަކު ވާނީ މަރާލައިފަ އެވެ. ނަމަވެސް ހަމާސް އިން އެ މީހުންގެ ހަނގުރާމަވެރިންނަށް ލިބުނު ގެއްލުންތަކެއް ހާމައެއް ނުކުރެ އެވެ.
ހަމާސް އިން އިޒްރޭލަށް ދިން ހަމަލާތަކުގައި 12 މީހަކު މަރުވި ކަމަށާއި އޭގެ ތެރޭގައި ކުޑަ ދެ ކުދިން ހިމެނޭ ކަމަށް އިޒްރޭލުން ބުންޏެވެ.
އިޒްރޭލުގެ ޕޮލިޓިކަލް ސެކިއުރިޓީ ކެބިނެޓުން ބުނީ ހަމަލާތައް ހުއްޓާލުމުގެ ލަފާ ކެބިނެޓުން ފާސްކޮށްފައިވާ ކަމަށެވެ. އަދި ކަންކަން ބަދަލުވަމުންދާ ގޮތަށް ބަލައި އަދިވެސް ހަމަލާތައް ދޭން ޖެހޭ ނަމަ އެކަން ކުރާނެ ކަމަށް ވެސް ބުންޏެވެ.
އިޒްރޭލުގެ ޑިފެންސް މިނިސްޓަރު ބެނީ ގަންޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާޒާ އަށް ދިން ހަމަލާތަކުން އަސްކަރީ ގޮތުން ބޮޑެތި ކާމިޔާބީތަކެއް ހޯދިއްޖެ ކަމަށެވެ. ނަމަވެސް ހަމާސްގެ އޮފިޝަލަކު އޭޕީ އަށް ވިދާޅުވި ގޮތުގައި އިޒްރޭލުން އިސްވެ ހަމަލާތައް ހުއްޓާލުމަކީ ފަލަސްތީނަށް ކާމިޔާބީއެއްގެ ގޮތުގައި ބެލޭނެ އެވެ. އަދި މިއީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ އަށް ބޮޑު ނާކާމިޔާބީއެއް ކަމަށް ވެސް ވިދާޅުވި އެވެ.
މެންދަމުން އަލިވެ 2:00 ހާއިރު ހަމަލާތައް ހުއްޓާލުމާ އެކު ގާޒާގެ މަގުތަކުން ފެންނަން ފެށީ އުފާ ފާޅުކުރުމުގެ ހަރަކާތްތަކެވެ. އަޅުވެތިކަމާއި އަނިޔާގެ ކުރިމަތީ ފަލަސްތީނު ރައްޔިތުން ފިނޑި ނުވާނެ ކަމަށާއި އަބަދުވެސް ނުކުމެ ކުރިމަތިލާނެ ކަމުގެ އަޒުމު އާކޮށް ތަކުބީރުގެ އަޑުން މުޅި ގާޒާ އޮތީ ގުގުމާލައިފަ އެވެ.