މާލޭގައި ދެން ކޮންޓެކްޓް ޓްރޭސިންގައި ބަލާނީ ހައި ރިސްކު މީހުން
މާލޭގައި ދެން ކޮންޓެކްޓް ޓްރޭސިންގައި ބަލާނީ ހައި ރިސްކު މީހުން

ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެ، ކޮންޓެކްޓުން ޓްރޭސް ކުރުމުގައި ލަސްވަމުން ދިއުމުގެ ސަބަބުން، ހައި ރިސްކު މީހުންނަށް އެޓެންޑުވުން ލަސްވާތީ ދެން ހަމައެކަނި ހައި ރިސްކު މީހުން އެކަނި ދެނެގަންނަ ގޮތަށް ހަމަޖައްސައިފި އެވެ.

ހެލްތު އިމަަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮންޓެކްޓް ޓްރޭސިން ޓީމުގެ ފަރާތުން ވާހަކަ ދެއްކެވި އައިމިނަތު އަރޫޝާ ވިދާޅުވީ، ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ލަސްވެފައިވާތީ ޕޮޒިޓިވްވެފައިވާ މީހުންނާއި އެއްތަންވެފައިވާ ހައި ރިސްކް މީހުންނަށް ދެނެގަނެ އެ މީހުންނަށް ބޭނުންވާ ހިދުމަތް ދޭން ވެސް ލަސްވެފައިވާ ކަމަށެވެ.

އެހެންވެ، ކޮންޓެކްޓް ޓްރޭސިންގެ އުސޫލަށް ގެނެސްފައިވާ ބަދަލުގެ ދަށުން މާލޭ ސަރަހައްދުގައި ކޮންޓެކްޓް ޓްރޭސްކުރާއިރު އެއްކުރާނީ ޕޮޒިޓިވްވެފައިވާ މީހުންނާ ދިމާވެފައިވާ ހައި ރިސްކް މީހުންގެ މައުލޫމާތު ކަމަށް އަރޫޝާ ވިދާޅުވި އެވެ.

"މީގެ ބޭނުމަކީ ހައި ރިސްކް މީހުން ވީހާވެސް އަވަހަކަށް ދެނެގަނެ އެ ބޭފުޅުންނަށް ބޭނުންވާ ފުރިހަމަ ހިދުމަތްތައް ވީހާވެސް އަވަހަކަށް ފޯރުކޮށްދިނުން،" އަރޫޝާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ހައި ރިސްކް މީހުންގެ ގޮތުގައި ބަލާނީ 60 އަހަރުން މަތީގެ މީހުންނާއި އެއް އަހަރުން ދަށުގެ ކުޑަކުދިންނާއި މާބަނޑު މީހުންނާއި ދާއިމީ ބޭހަކަށް ބޭސްކުރާ މީހުން އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އިތުރުން ނޭވާއަށް އުނދަގޫވާ މީހުންނެވެ.

އަރޫޝާ ވިދާޅުވީ އެގޮތަށް އަމަލުކުރާނީ މާލޭ ސަރަހައްދުގައި އެކަނި ކަމަށާއި ރަށްރަށާއި ރިސޯޓުތަކުގައި ކޮންޓެކްޓް ޓްރޭސް ކުރާނީ ކުރިން ވެސް ކުރަމުން އަންނަ ގޮތަށް ކަމަށެވެ.

މާލޭ ސަރަހައްދުގައި ހައި ރިސްކް މީހުންގެ މައުލޫމާތު އެކަނި އެއްކުރިޔަސް، ޕޮޒިޓިވްވެފައިވާ މީހުންނާއި އެއް ތަނެއްގައި އުޅޭ މީހެއް ނަމަ، އެމީހަކު އަމިއްލައަށް ރިޕޯޓްކުރުމުގެ ފުރުސަތު އޮންނާނެ އެވެ. އެގޮތުން 1676 އަށް ގުޅައިގެން އެ މައުލޫމާތު ހިއްސާކުރެވޭނެ އެވެ.

މާލޭ ސަރަހައްދުގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް އިތުރުވަމުން ދާއިރު ކޮންމެ ދުވަހަކު ނަގާ ސާމްޕަލްތަކުގެ ނަތީޖާއެއް ވެސް އެ ދުވަހުން އެ ދުވަހަށް މިހާރު ނުލިބެ އެވެ. އެހެންވެ، މިހާރު ކޮވިޑްގެ ތަފާސްހިސާބުތައް ވެސް ހިއްސާކުރަނީ ތިން ހަތަރު ދުވަހުގެ ސާމްޕަލްތަކުގެ ނަތީޖާއާ އެކު އެވެ.