21 މެއި 2021 - 08:35

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގެ ތަހުގީގަށާއި ރާއްޖޭގައި ހަރުކަށި ފިކުރު ފަތުރާ ކަމުގެ ތުހުމަތަށް ފުލުހުން ހައްޔަރުކުރި ބައެއް މީހުންނާއި އޮޕަރޭޝަންގައި ބައިވެރިވާ ބައެއް ފުލުހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ވާތީ ތަހުގީގަށް ހުރަސްތަކެއް ކުރިމަތިވެއްޖެ އެވެ.
ހަރުކަށި ފިކުރު ފަތުރާ ކަމަށް ތުހުމަތުކުރެވޭތީ މާލޭންނާއި ރަށްރަށުން ވެސް މީހުން ވަނީ ހައްޔަރުކޮށްފަ އެވެ. އަދި ނަޝީދަށް ދިން ހަމަލާގެ ތުހުމަތަށް ވެސް މާލޭންނާއި ބ. ދަރަވަންދޫން ވަނީ ހައްޔަރުކޮށްފަ އެވެ. މީގެ ތެރެއިން ބައެއް މީހުން ހައްޔަރުކުރި އިރު ކޮވިޑަށް ޕޮޒިޓިވް އެވެ. އަދި މި މީހުންނާ ކޮންޓެކްޓުވި ބައެއް ފުލުހުން އެކަހެރިކުރަން ޖެހިފައި ވާއިރު، އޮޕަރޭޝަންގައި ބައިވެރިވާ ބައެއް ފުލުހުން ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ.
މިކަމާ ގުޅިގެން އަދި ފުލުހުންގެ ބަހެއް ނުލިބެ އެވެ.
ނަމަވެސް ކަމުގެ މައުލޫމާތު އެނގޭ މީހަކު ބުނި ގޮތުގައި ހައްޔަރުކުރި މީހުންގެ ތެރެއިން ބައެއް މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައި ވާތީ އެ މީހުން އެކަހެރިކޮށްގެން ގެންގުޅުމުގަ އާއި ތަހުގީގަށް ސުވާލުކުރުމުގައި ވެސް ވަނީ ވަރަށް ބޮޑަށް ދަތިވެފަ އެވެ.
މީގެ އިތުރުން ފުލުހުންގެ ތެރެއިން ވެސް އެތައް ބަޔަކު ކޮވިޑަށް ޕޮޒިޓިވެ ވެފައި ވާތީ މަސައްކަތަށް ވަނީ އިތުރަށް ދަތިވެފަ އެވެ.
ނަޝީދަށް ދިން ހަމަލާގެ ތުހުމަތުގައި ދަރަވަންދޫން އަހްމަދު ފާތިހު ހައްޔަކުރި އިރު ވެސް އޭނާ ހުރީ މާލޭން ގޮސް ކަރަންޓީނުގައި ކަމަށްވެ އެވެ. ފުލުހުން އޭނާ ހައްޔަރުކުރުމުގެ އޮޕަރޭޝަން ކުރިއަށް ގެންދިޔައިރު ބައެއް ފުލުހުން ޕީޕީއީގައި ތިބި ތަން ފެނުނެވެ. އަދި މާލޭން ބައެއް މީހުން ހައްޔަރުކުރި ވެސް ބައެއް މީހުންނަށް އެޓެންޑުވީ ޕީޕީއީގައި ތިބެގެންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހަރާކޮށްލަން ދިން ބޮމުގެ ހަމަލާއަށްފަހު ހަރުކަށި ފިކުރާ ދެކޮޅަށް ސިފައިންނާއި ފުލުހުން ހިންގާ ހަރަކާތްތައް ވަނީ އިތުރުކޮށްފަ އެވެ. އަދި މި މައްސަލައިގެ ތަހުގީގު އަވަހަށް ނިންމަން ވަނީ އަމާޒު ހިފައިފަ އެވެ. ނަމަވެސް ކޮވިޑްގެ ސަބަބުން ތަހުގީގުގެ ސްޕީޑު ލަސްވުން އެކަށީގެންވެ އެވެ.