21 މެއި 2021 - 00:00

ކޮވިޑު-19 ގައި މި މަހު މަރުވި މީހުންގެ އަދަދު 42 އަށް އަރައިފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އެޑްމިޓުކޮށްގެން ފަރުވާ ދެމުންދިޔަ 72 އަހަރުގެ ފިރިހެނަކު މަރުވެފައިވާ ކަމަށެވެ. އެއީ އެ ބަލީގައި މަރުވި 115 ވަނަ މީހާގެ ގޮތުގައި ވަނީ ކަނޑައަޅައިފަ އެވެ.
މިއަދު އެންމެ ފުރަތަމަ މަރުވީ ލާމު ކޮވިޑް ފެސިލިޓީގައި އެޑްމިޓުކޮށްފައި އޮތް 36 އަހަރުގެ ނޭޕާލް ފިރިހެނެކެވެ. އޭނާ މަރުވީ ރޭ 2:00 ގަ އެވެ. އޭގެ ފަހުން އޭޑީކޭ އިމަޖެންސީއަށް ގެންދިޔަ 62 އަހަރުގެ ދިވެހި ފިރިހެނަކު ވެސް އިރުއޮއްސި 6:52 ގައި ވަނީ ކޮވިޑުގައި މަރުވެފައި ވެ އެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި ރޭ ބޭއްވި ނިއުސް ކޮންފަރެންސްގައި ޕީޑިއޮޓްރިކް އިންފެކްޝަސް ކޮންޓްރޯލްގެ އެކްސްޕާޓް، ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ ކޮވިޑުގައި މި މަހުގެ ތެރޭގައި މަރުވި 39 މީހުންގެ ތެރެއިން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވަނީ 12 ޕަސެންޓް މީހުން ކަމަށެވެ.
ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާ މީހުންގެ އަދަދު 64 ޕަސެންޓުގައި ހުރިއިރު 20 ޕަސެންޓް މީހުންނަކީ ވެކްސިންގެ އެއް ޑޯޒު ފުރިހަމަކޮށްފައި ތިބި މީހުންނެވެ.
މަރުވި މީހުންގެ 80 ޕަސެންޓަކީ އުމުރުން 60 އަހަރުން މަތީގެ މީހުންނެވެ. ތަފާސްހިސާބުތައް ދައްކާ ގޮތުން 17 ޕަސެންޓަކީ އެ އަށް ވުރެ ހަގު މީހުންކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.