ހެނދުނުގެ ކަސްރަތުން މުޅި ދުވަސް ފުރިހަމަކޮށްލެވިދާނެ
ހެނދުނުގެ ކަސްރަތުން މުޅި ދުވަސް ފުރިހަމަކޮށްލެވިދާނެ

ކަސްރަތުކުރުމުން ލިބޭ ފައިދާ އެކަކަށް ވެސް އޮޅިފައެއް ނޯންނާނެ އެވެ. ނަމަވެސް ހެނދުނު ކަސްރަތުކުރުން ގިނަ ބަޔަކަށް ވަނީ ވަރަށް އުނދަގޫ ކަމަކަށެވެ. އެއްބަޔަކު ބަހަނާ އަކަށް ދައްކަނީ މާ ބުރަކޮށް އުޅެން ޖެހުމެވެ. އަނެއް ބަޔަކު ބުނަނީ ރޭގަނޑު ނިދެނީ މާ ލަހުން ކަމަށްވާތީ ފަތިހު ހޭލަން އުނދަގުލީ ކަމަށެވެ.

ނަމަވެސް ތަޖުރިބާކާރުން ބުނަނީ ހެނދުނު ކަސްރަތުގެ ފައިދާ އެހެން ވަގުތެއްގައި ކުރުމަށް ވުރެ ފައިދާ ބޮޑު ކަމަށެވެ.

ވީހާވެސް ހެނދުނަކާ ކަސްރަތުކުރުމުން ބަރުދަން ކޮންޓްރޯލްކުރަން ފަސޭހަވެ އެވެ. އަދި މޫޑު ރަނގަޅުވެ ސިއްހަތު ރަނގަޅުކޮށް ފިޓްކޮށް ހުރުމަށް އެހީތެރިކަން ލިބެ އެވެ. އަދި މީގެ އިތުރުން އެމީހުންގެ ކްރިއޭޓިވް ޖީން ހޯދުމަށް ވެސް އެހީތެރިކަން ލިބެ އެވެ. އެއީ އާޓިކަލެއް ލިޔުން ނުވަތަ ކެންވަސްގައި ރީތި މަންޒަރެއް ކުރަހާލުން ނުވަތަ އޮފީހުގައި އޮންނަ ބައްދަލުވުމަކަށް ހުށަހަޅާނެ މޮޅު ޚިޔާލުތަކެއް ވިސްނާލުން ފަދަ ކަމަކަށް ވިޔަސް ހެނދުނު ކަސްރަތުކުރުމަށް ވުރެ ބޮޑު އެހީތެރިކަމެއް ލިބޭ ކަމެއް ނެތެވެ.

ކަސްރަތު ލިބޭ އެކި ހަރަކާތްތަކުން އެމީހާގެ ކްރިއޭޓިވް ޖޫސް އުފެއްދި ހަށިގަނޑުގެ ތެރޭގައި ދައުރުވާން ފަށަ އެވެ. އޭރުން ތިމާގެ މަސައްކަތަށް ހުރަހެއް އެޅޭ އިހްސާސްތައް ކުޑަވާނެ އެވެ. ހެނދުނުގެ ކަސްރަތުން ޕޮޒިޓިވްކޮށް ވިސްނަން ފެށޭނެ އެވެ. އަދި ތާޒާކަމާއި ހަކަތައާއާ އެކު އާ ދުވަހެއް ފަށާނެ ފުރުސަތު ތަނަވަސް ވާނެ އެވެ.

ވީހާވެސް ހެނދުނަކާ ތެދުވެ ކަސްރަތުކޮށްގެން ތަފާތު ވަޒަންކޮށްލާށެވެ. ތިރީގައިމިވާ ކަންތައްތަކަށް ސަމާލުކަން ދޭށެވެ.

• ފަތިހު ހޭލާ ނަމަ ރޭގަނޑު އަވަހަށް ނިދަން ވެސް ވާނެ އެވެ. ރޭގަނޑު ނިދާނެ ވަގުތާއި ނިދުމުގައި ހޭދަކުރާނެ ވަގުތު ކަނޑައަޅާށެވެ. އޭރުން މުޅި ދުވަސް ތިމާ ބޭނުންވާ ގޮތަށް ރާވާލަން ފަސޭހަވާނެ އެވެ.

• ގެއިން ބޭރަށް ނުކުމެ ކުރެވޭ ކަހަލަ ކަސްރަތެއް ޚިޔާރު ކުރާށެވެ. ހިނގާލުން، ޖޮގިން ނުވަތަ ފެތުން ކަހަލަ ކަމެއް ރަނގަޅެވެ. އޭރުން ހަށިގަނޑަށް ކަސްރަތު ލިބޭއިރު ސިކުނޑިވެސް ތާޒާ ވާނެ އެވެ.

• ހަށިގަނޑު މާ ބޮޑަށް ވަރުބަލިވާ ކަހަލަ ކަސްރަތުތައް އެންމެ ފުރަތަމަ ކުރަން ނުފަށާށެވެ. ކަސްރަތު ކުރަން ފޫހިވާ ގޮތް ވެދާނެ އެވެ.

• ކަސްރަތުކޮށް ނިންމާލުމަށް ފަހު ވަރުބަލިފިލުވާލަން އިށީނދެ، ވަށައިގެންވާ މާހައުލުގެ ރީތިކަމުން ހިތްހަމަޖައްސާލާށެވެ.

• ކަސްރަތަށްފަހު އިށީނދެލައިގެން އިންނަ ވަގުތުކޮޅު ހިތަށް އަރާ ޚިޔާލުތައް ނޯޓްކުރެވޭނެ ގޮތެއް ހަމަޖައްސާށެވެ.

• ގެޔަށް ގޮސް ފެންވަރައިގެން ސިއްހަތަށް ފައިދާހުރި ރަނގަޅު ނާސްތާއެއް ކޮށްލާށެވެ. އަދި ސިކުނޑިއަށް އައި މޮޅެތި ޚިޔާލުތަކާ މެދު ވިސްނާލާށެވެ.

• އެކަނި ކަސްރަތުކުރުމުން ފައިދާ ލިބުނަސް އެހެން މީހަކާ އެކު އޮފީސް މަސައްކަތުގައި ޚިޔާލުބަދަލުކުރަން އޮތް ނަމަ އޭނާ ވެސް ގޮވައިގެން ކަސްރަތުކުރަން ދިއުން އަދި މާ ރަނގަޅެވެ.

• ދަންނަ މީހުންނާ އެކުގައި ކަސްރަތުކުރުމަކީ ވެސް ހިތްހަމަޖެހުމާއި އުފާވެރިކަން ލިބޭނެ ކަމެކެވެ.