ކޮވިޑްގެ 15 އަހަރު ކުރިން ފެށިގެން ވެސް ގާޒާ އޮތީ އެކަހެރިކޮށްފައި: ޝާހިދު
ކޮވިޑްގެ 15 އަހަރު ކުރިން ފެށިގެން ވެސް ގާޒާ އޮތީ އެކަހެރިކޮށްފައި: ޝާހިދު

މިހާރު ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން، "އެކަހެރިކަން" މިއީ މިހާރު އާއްމު ބަހަކަށް ވެފައިވާ ކަމަށާއި އެކަމަކު މީގެ 15 އަހަރު ކުރިން ފެށިގެން ގާޒާގެ ރައްޔިތުން ތިބީ ގަދަކަމުން އެކަހެރިކުރުވާފައި ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

އދ.ގެ އާއްމު މަޖިލީހުގައި މިރޭ ކުރިއަށްދާ ޖަލްސާގައި ޝާހިދު ވިދާޅުވީ ގާޒާގެ ދެ މިލިޔަން މީހުން އެގޮތަށް އެކަހެރިކޮށް ބަންދުކޮށްފައި ތިބީ ދިގުމިނުގައި 41 ކިލޯމީޓަރު އަދި ފުޅާމިނުގައި އެންމެ 12 ކިލޯމީޓަރު ހުންނަ ސަރަހައްދެއްގައި ކަމަށާއި އެ ސަރަހަައްދުގެ އެންމެ ތަންކޮޅެއް ވެސް އެ މީހުންނަށް ރައްކާތެރި ނޫން ކަމަށެވެ.

"އެތަނަކީ [ގާޒާއަކީ] ދުނިޔޭގެ އެންމެ ބޮޑު އޯޕަން އެއާ ޖަލު، ގާޒާގައި އެއްވެސް ރައްކާތެރިކަމެއް ނެތް،" ޝާހިދު ވިދާޅުވި އެވެ.

އިޒްރޭލުން މިހާރު ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓައިނުލައިފި ނަމަ ގާޒާގައި ބާކީ އޮންނާނީ ހަލާކުވެފައިވާ އިމާރާތްތަކުން އުފެދިފައިވާ ގާފުންޏެއް ކަމަށާއި ގާޒާގެ ރައްޔިތުން ހިމާޔަތްކުރުމަކީ ގައުމުތަކުގެ ވާޖިބެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ފަލަސްތީނުމީހުންނަށް ކުރިމަތިކޮށްފައިވާ އެ ހާލަތަކީ ބައިނަލްއަގުވާމީ މުޖުތަމައުން އަޅާނުލައި ދޫކޮށްލައިގެން ވާނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ގާޒާގެ ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީ ދިނުމަށް ޓަކައި އދ.ގެ ރެފިއުޖީންނާ ބެހޭ އެޖެންސީ އަށް އެއްބާރުލުން ދޭން ވެސް ރާއްޖޭން ގޮވައިލި އެވެ. އިޒްރޭލުގެ އުދުވާނާ ހެދި ގާޒާގެ ގިނަ ބަޔަކު ކެއިން ބުއިމާއި އަސާސީ އެހެން ގިނަ ކަންތައްތަކެއްގައި ބަރޯސާ ކުރަނީ އެ އެޖެންސީއަށެވެ. އެ މީހުން އިތުރަށް ހާލުގައި ޖެއްސުމަށް ޓަކައި އިޒްރޭލުން ދަނީ އދ. އިން ހިންގާ ފެސިލިޓީތަކަށް ވެސް ހަމަލާދެމުންނެވެ. މިހާރު ކުރިއަށްދާ ޖަލްސާގައި ޔޫއެންގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރެސް ވެސް އެކަން ކުށްވެރިކުރެއްވި އެވެ.

މެދުއިރުމައްޗަށް ދާއިމީ ހަމަޖެހުމެއް ލިބޭނީ ފަލަސްތީނު މީހުންނަށް މިނިވަން ދައުލަތެއް އުފައްދައިދޭން ވެސް ފޮރިން މިނިސްޓަރު ގޮވައިލެއްވި އެވެ.

"1960 ވަނަ އަހަރު އޮތް ބޯޑަރުގެ ތެރޭގައި، އަދި ވެރިރަށުގެ ގޮތުގައި އިރުމަތީ ގުދުސް އޮންނަ ގޮތަށް، ފަލަސްތީނުގެ ދައުލަތް އުފައްދަން އަޅުގަނޑުމެން ގޮވައިލަން،" ޝާހިދު ވިދާޅުވި އެވެ.

މުސްލިމުންގެ އެއް ވެރިކަމެއްގެ ގޮތުގައި އެންމެ ފަހުން އޮތް އުސްމާނީ ވެރިކަމުގެ ބާރު ދަށުގައި އޮއްވައި އިނގިރޭސިން ފަލަސްތީނު ހިފީ 1918 ވަނަ އަހަރު އެވެ. އޭގެ ޔޫރަޕްގެ ގައުމުތަކުން ގެނައި ޔަހޫދީން ފަލަސްތީނުގައި އާބާދުކޮށް، އެމީހުންނަށް ދައުލަތެއް އުފައްދައިދިނީ 1948 ވަނަ އަހަރު އެވެ. އޭގެ ފަހުން 1967 ވަަނަ އަހަރު އެ ދައުލަތުން ފަލަސްތީނުގެ އިތުރު ބިންތައް ހިިފި އެވެ. ފަލަސްތީނަށް ދައުލަތެއް އުފައްދަން ރާއްޖެ އާއި އެހެން ބައެއް ގައުުމުތަކުން ވެސް ހުށަހަޅަމުން އެދަނީ އޭރު ހިިފި ސަރަަހައްދު އިޒްރޭލަށް އޮންނަ ގޮތަށް، އަދި ބާކީ އޮންނަ ބައި ފަލަސްތީނު މީހުންނަށް ލިބޭ ގޮތަށް ދައުލަތެއް އުފައްދައި ދިނުމަށެވެ. އޭރުން ވެސް ފަލަސްތީނު މީހުންނަށްް މިހާރު އޮތް ޖާގައަށް ވުރެ އެތައް ގުނައެއް ބޮޑު ޖާގަ ލިބޭނެ އެވެ.

އިޒްރޭލު އުފެއްދީއްސުރެ އެ ދައުލަތުން ކުރިއަށް ގެންދިޔަ ޖަރީމާތަކުގެ ސަބަބުން ފަލަސްތީނު މީހުންނަށް މިހާރު އޮތީ ހުޅަނގު އައްސޭރިގެ ކުޑަ ތަންކޮޅަކާއި ގާޒާ އެކަންޏެވެ. ހުޅަނގު އައްސޭރީގައި ފަލަސްތީނު މީހުން ދިރިއުޅޭ ސަރަހައްދުގެ ވަށައިގެން ވަރުގަދަ ފާރެއް ލައި ބަންދުކޮށްފައި ވާއިރު، ގާޒާ އޮންނަނީ އެއްގަމާއި ކަނޑުމަގުން ވެސް ހިސާރުކޮށްފަ އެވެ.