20 މެއި 2021 - 19:36

ރާއްޖެ އިން މިއުކޯމައިކޯސިސް ނުވަތަ ލޯ އަނދިރިވާ ބައްޔަށް ޝަައްކުކުރެވޭ މީހަކު ފެނިގެން، ސާމްޕަލް ނަގައި ޓެސްޓް ކުރަން ފޮނުވާފައިވާކަން "މިހާރު" އަށް އެނގިއްޖެ އެވެ.
އައިޖީއެމްއެޗަށް ޑޮކްޓަރަށް ދެއްކި އެ މީހާގެ ފަރާތުން އެ ބައްޔަށް ޝައްކު ކުރެވިގެން ޓެސްޓް ކުރަން ފޮނުވިއިރު، އެއީ ކުރިން ކޮވިޑް ޖެހިގެން ރަނގަޅު ވެފައިވާ މީހެއް ކަމަށް ވެ އެވެ.
ސާމްޕަލް ޓެސްޓް ކުރަން ފޮނުވާފައިވީ ނަމަވެސް މިހާތަނަށް ޓެސްޓްގެ ނަތީޖާ ނުލިބެ އެވެ. އެހެންވެ، މިއީ ސީދާ އެ ބަލިކަން އަދި ކަށަވަރެއް ނުކުރެވެ ނުވެ އެވެ. މިއީ އާދައިގެ ފަންގަލް އިންފެކްޝަނަކަށް ވުމުގެ ފުރުސަތު ވެސް އެބަ އޮތެވެ.
މިހާތަނަށް ރާއްޖޭގެ ކަމާ ބެހޭ އެއްވެސް އިދާރާއަކުން މިކަމުގައި ވަކި އެއްޗެއް ނުބުނެ އެވެ އެ އިދާރާތަކުގެ ބަހެއް ހޯދުމަށް "މިހާރު" އިން މަސައްކަތް ކުރި ނަމަވެސް އަދި ކާމިޔާބެއް ނުވެ އެވެ.
ދުނިޔޭގައި އެންމެ ހަލުވި ސްޕީޑުގައި ކޮވިޑް ފެތުރެމުންދާ އިންޑިއާ އިން ވެސް މިއުކޯމައިކޯސިސް ފެނިފައިވާއިރު އެ ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވެފައިވާ ކަަމަށް ޑޮކްޓަރުން ބުނެ އެވެ.
"ބްލެކް ފަންގަސް" ގެ ނަމުން މަޝްހޫރުވެފައިވާ މި ބަލި މިހާރު އާއްމުކޮށް ޖެހެނީ ކޮވިޑް ޖެހުމަށް ފަހު ބަލިފަސޭހަވަމުން އަންނަ މީހުންނާއި މުޅިން ފަސޭހަވެފައިވާ މީހުންނަށެވެ.
މިއީ އާއްމު ގޮތެއްގައި ބިިންމަތީގަ އާއި ކުނިވެ ހަލާކުވަމުންދާ މޭވާ އާއި ތަރުކާރީގައި ޖަހާ ފެއްސެއްގައި އެކުލެވޭ ފަންގަސް އަކުން ޖެހޭ ވަރަށް މަދުން ފެންނަ، ވަރަށް ނުރައްކާތެރި އިންފެކްޝަނެކެވެ. މިއުކޯ މޫލްޑް ނަަމަކަށް ކިޔާ އެ ބާވަތުގެ ފަންގަސް، ސިއްހަތު ރަނގަޅު މީހެއްގެ ނޭފަތުގެ ތެރޭގައި ވެސް ހުރެދާނެ އެވެ. އަދި އެއީ ވައިގެ ތެރޭގައިި ވެސް އުޅެފާނެ އެއްޗެކެވެ.
އެ ފަންގަސް ގެއްލުންދެނީ ސައިނަސް އާއި ސިކުނޑި އާއި ފުއްޕާމެއަށެވެ.
އިންޑިއާގެ ލޮލުގެ ޑޮކްޓަރެއް ކަމަށްވާ ޑރ. އަކްޝޭ ނައިރު ވިދާޅުވެފައިވާ ގޮތުގައި އެއީ ހަކުރު ބަލީގެ މީހުންނާއި ކެންސަރާއި އެއިޑްސް ފަދަ ބަލިތަކުގެ ސަބަބުން ދިފާއީ ނިޒާމު ބަލިކަށިވެފައިވާ މީހުންގެ ފުރާނައަށް ނުރައްކާވާ ބައްޔެއްކެވެ. އެ ބަލި ޖެހޭ މީހުންގެ ދެބައިކުޅަ އެއްބައި މީހުން މަރުވާ، ނުވަތަ މޯޓަލިޓީ ރޭޓް 50 ޕަސެންޓްގައި އުޅޭ ބައްޔެކެވެ.