20 މެއި 2021 - 14:48

ދީބާޖާ އިންވެސްޓްމަންޓަށް ބަދަލު ދޭން ނުޖެހޭ ކަމަށް ހައި ކޯޓުން ކުރި ހުކުމުގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިނުގަންނަން ނިންމައިފި އެވެ.
އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދޭން ދީބާޖާއާ އެކު 2010 ގައި ސަރުކާރުން ހެދި އެއްބަސްވުން 2013 ގައި ސަރުކާރުން ވަނީ ބާތިލްކޮށްފަ އެވެ. އެ މައްސަލާގައި ސިވިލް ކޯޓުން 2016 ގައި ނިންމާފައި އޮތީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ ދައުލަތުން ދީބާޖާއަށް ދޭންޖެހޭނެ ކަމަށެވެ.
ސިވިލް ކޯޓުގެ އެ ހުކުމް ހައި ކޯޓުން 2018 ގައި ބާތިލްކުރި އެވެ. އެކަމަކު ސުޕްރީމް ކޯޓުން 2019 ގައި ހައި ކޯޓުގެ ހުކުމް ބާތިލްކޮށް، ދީބާޖާއަށް ބަދަލު ދޭންޖެހޭ ކަމަށް ނިންމި އެވެ. އެއީ އިސްތިއުނާފް މުއްދަތު ހަމަވި ފަހުން ހައި ކޯޓުން މައްސަލަަ ބަލައިގެންފައިވާތީ އެވެ. ސުޕްރީމް ކޯޓުގެ އެ ނިންމުން ރިވިއުކުރަން ދައުލަތުން ހުށަހެޅުމުން އެ ކޯޓުން މިދިޔަ މަހު ނިންމާފައިވަނީ އެ ކޯޓުގެ ކުރީގެ ހުކުމް ބާތިލް ކަމަށެވެ. އަދި ހައި ކޯޓުގެ ހުކުމް އިސްތިއުނާފް ކުރަން ދީބާޖާއަށް އަލުން ސުޕްރީމް ކޯޓަށް ހުށަހެޅިދާނެ ކަމަށް އެ ކޯޓުން އޭރު ނިންމި އެވެ.
ހައި ކޯޓުގެ ހުކުމް އިސްތިއުނާފް ކުރަން ދީބާޖާއިން ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ކޯޓުގެ ރަޖިސްޓްރާ މިއަދު ނިންމެވި ނިންމެވުމުގައިވަނީ ހައި ކޯޓުގެ ހުކުމް ރަނގަޅު ނޫން ކަމަށް ބަލަންޖެހޭ ޝަރުއީ އަދި ގާނޫނީ ސަބަބެއް ހުށަހަޅާފައިނުވާ ކަމަށެވެ. އެހެންވެ، އެ މައްސަލަ ސުޕްރީމް ކޯޓަށް ބަލައިގަނެވެން ނެތް ކަމަށް އެ ނިންމުމުގައިވެ އެވެ.
ރަޖިސްޓްރާ އެގޮތަށް ނިންމެވިޔަސް، އެ ނިންމުން ފަނޑިޔާރުންގެ މަޖިލީހުގައި އިސްތިއުނާފް ކުރުމުގެ ފުރުސަތު ދީބާޖާއަށް އޮންނާނެ އެވެ.
ދީބާޖާއަށް ބަދަލު ދޭންޖެހޭ ކަމަށް 2019 ގައި ސުޕްރީމް ކޯޓުން ނިންމުމުން ސަރުކާރުން އެ ކުންފުންޏާ މަޝްވަރާކޮށްގެން ބަދަލުގެ މިންވަރު 174 މިލިއަން ރުފިޔާއަށް ކުޑަކުރަން ދެ ފަރާތުން އެއްބަސްވި އެވެ. އެކަމަކު ފަހުުން ސަރުކާރުން ނިންމީ ސުޕްރީމް ކޯޓުގެ ނިންމުން ރިވިއު ކުރަން އަލުން އެ ކޯޓަށް ހުށަހެޅުމަށެވެ.