ޝްރީދޭވީގެ ދަރިފުޅު ފިލްމީ ދުނިޔެއަށް ނެރޭނީ ކަރަން
ޝްރީދޭވީގެ ދަރިފުޅު ފިލްމީ ދުނިޔެއަށް ނެރޭނީ ކަރަން

ކުޅަދާނަ ބަތަލާ ޝްރީދޭވީގެ ދޮށީ ދަރިފުޅު ޖާންވީ ކަޕޫރު، 19، ފިލްމީ ކެރިއަރަށް ތައްޔާރުވަމުންދާ ވާހަކަ މީޑިއާގައި ދެކެވެމުންދާތާ ވަރަށް ގިނަ ދުވަސް ވެއްޖެ އެވެ. ޖާންވީގެ ފުރަތަމަ ފިލްމަކީ މަރާޓީ ބްލޮކްބަސްޓާ "ސައިރަތު"ގެ ހިންދީ ރިމޭކް ކަމަށާއި މިއީ ކަރަން ޖޯހަރްގެ ޕްރޮޑަކްޝަން ހައުސް އިން އުފައްދާ ފިލްމެއް ކަމަށް ވެސް ދާދިފަހުން އިންޑިއާގެ ނޫސްތަކުން ބުނެފައިވެ އެވެ.

މި ޚަބަރުތަކަކީ ހަގީގަތެއްކަން މަޝްހޫރު ޕްރޮޑިއުސަރު އަދި ޖާންވީގެ ބައްޕަ ބޯނީ ކަޕޫރު ވަނީ ޔަގީންކޮށްދީފަ އެވެ.

ބޯނީ ބުނި ގޮތުގައި ޖާންވީ ތައާރަފްކުރާނެ ފިލްމަކާ ބެހޭ ގޮތުން ކަރަން އާއި ބޯނީއާ ދަނީ މަޝްވަރާ ކުރަމުންނެވެ. އަދި ޖާންވީ އެ ފިލްމުގައި ބައިވެރިވުމަށް އެމީހުންގެ ރުހުން ދީފައިވާ ކަމަށް ވެސް ބޯނީ ބުންޏެވެ. ނަމަވެސް އޭނާ ބުނީ ޖާންވީ އަށް ކަރަން ދޭން ގަސްތުކުރާ ޕްރޮޖެކްޓެއް ނޭނގޭ ކަމަށެވެ.

ބޯނީ ބުނި ގޮތުގައި "ސައިރަތު" ހިންދީ ބަހުން އުފެއްދުމުގެ ރައިޓްސް ކަރަން ގަނެފައިވާތީ ޖާންވީ ތައާރަފްކުރާނީ އެ ފިލްމުން ކަމަށް ލަފާ ކުރެވެ އެވެ.

ޖާންވީ ފިލްމީ ދުނިޔެއަށް ވަންނަ ވާހަކަ ދެކެވޭތާ ތިން އަހަރު ވަރު ވެއްޖެ އެވެ. ނަމަވެސް މީގެ ކުރިން ޝްރީދޭވީ ބުނަމުން އައީ ޖާންވީ ވަކި ކެރިއަރެއް ޚިޔާރުކުރަން އަދި މާ އަވަސް ކަމަށެވެ.

"އޭނާ ކިޔަވައި ދިރިއުޅުމުގެ އުފާ ހާސިލުކޮށްލަން ވަގުތު ދީ. އަހަރެން މާ ޅަ އުމުރުގައި ފިލްމު ކުޅެން ފެށުމުގެ ސަބަބުން އަހަންނަށް އެފަދަ އުފަލެއް ހާސިލު ކުރެވޭ ގޮތެއް ނުވި. އެހެން އަހަރެން ބޭނުމީ ދަރިންގެ ޅަ ދުވަސް އުފަލާއި މަޖަލުގައި ހޭދަކުރަން،" ތަންކޮޅެއް ކުރިން ޝްރީދޭވީ ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވެ އެވެ.

ނަމަވެސް މިހާރު ޖާންވީގެ ބައްޕަ މިވަނީ ޖާންވީ ބޮލީވުޑް ކެރިއަރަށް ތައްޔާރުވެފައިވާކަން ޔަގީންކޮށްދީފަ އެވެ.
ބޯނީ ބުނި ގޮތުގައި ޝްރީދޭވީ ފިލްމު ކުޅެން ފެށި ދުވަސްވަރު އޭނާގެ ހުރި ފޯކަސް އާއި ވިސްނުން ޖާންވީގެ ކިބައިން ވެސް ފެނެ އެވެ. އޭނާ ބުނީ ފިލްމީ ތަރިންގެ ދަރިންނަށް ފިލްމު ކުޅުމަކީ ފަސޭހަ ކަމެއް ނޫން ކަމަށާއި އެކުދިންނަށް އަބަދުވެސް އެކުދިންގެ މައިންބަފައިންނާ އަޅާކިޔާ މައްސަލަ ކުރިމަތިވާ ކަމަށެވެ. ނަމަވެސް ޖާންވީ އާއި ޝްރީދޭވީ އަޅާ ނުކިޔާނެ ކަމަށް އުންމީދުކުރާ ކަމަށް ބޯނީ ބުންޏެވެ.