ހުޅުމާލޭ މެޑިކަލް ފެސިލިޓީ ފުރެނީ
ހުޅުމާލޭ މެޑިކަލް ފެސިލިޓީ ފުރެނީ

ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންނަށް ފަރުވާ ދޭން ހެދި ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ އެނދުތައް ފުރުމަކާ ގާތްވެއްޖެ އެވެ.

ހުޅުމާލޭ މެޑިކަލް ފެސިލިޓީ ހިންގަމުންް އަންނަ އައިޖީއެމްއެޗް ހޮސްޕިޓަލުން ބުނި ގޮތުގައި އެތަނުގައި ހުންނަ ޖުމްލަ 272 އެނދުގެ ތެރެއިން 226 އެނދެއްގައި މީހުން އެބަ ތިއްބެވެ. އޭގެ ތެރެއިން 208 މީހުންނަކީ ބަލި މީހުންނެވެ. އަދި ބާކީ ހުރި އެނދުތައް އެހެން ގޮތުން އަންނަނީ ބޭނުންކުރަމުންނެވެ.

އެ ފެސިލިޓީގައި ފަރުވާދެމުން އަންނަ ގިނަ މީހުންނަކީ ދިވެހިންނެވެ. އެގޮތުން ފަރުވާ ހޯދަމުން އަންނަ މީހުންގެ ތެރެއިން ބިދޭސީންގެ އަދަދު އުޅެނީ 19 ގަ އެވެ.

އައިޖީއެމްއެޗުން ބުނި ގޮތުގައި ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ އައިސީޔޫ އޮތީ ފުރިފަ އެވެ. އެތަނުގެ އައިސީޔޫގެ ޖާގައަކީ 11 އެވެ. އެ މީހުންގެ ތެރެއިން ފަސް މީހަކަށް ފަރުވާދެނީ ވެންޓިލޭޓަރުގަ އެވެ. އަދި ހައި ޑިޕެންޑެންސީ ޔުނިޓް (އެޗްޑީޔޫ) ގައި 18 މީހަކަށް ފަރުވާ ދޭ ކަމަށް ވެސް ބުނެފައިވެ އެވެ.

މި ވަގުތު މުޅި ފެސިލިޓީގައި ވެސް ބާކީ ހުރީ އެެންމެ 48 އެނދެވެ.

އެތަނުގައި ފަރުވާދެމުންދާ މީހުންގެ ތެރެއިން 70 މީހަކަށް އޮކްސިޖަން ދެމުން އަންނައިރު 50 މީހެއްގެ ހާލަތު ގާތުން މޮނިޓާ ކުރަމުން އަންނަ ކަމަށް އައިޖީއެމްއެޗުން ބުނެ އެވެ.

ހުޅުމާލޭ މެޑިކަލް ފެސިލިޓީ ފުރެން ގާތްވެފައިވާއިރު މާލޭ ސަރަހައްދުގެ ކޮވިޑްގެ ބަލިމަޑުން ގޯސްވާތީ ފިޔަަވަޅުތައް ވެސް ވަރުގަދަކޮށްފައިވެ އެވެ. އަދި ހޮސްޕިޓަލުތަކުގައި އެޑްމިޓްކުރާ މީހުން ވެސް ގިނަވާތީ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ސަރުކާރުން ބުނެ އެވެ.