20 މެއި 2021 - 13:47

ސަރުކާރުން ހިންގާ ޕަބްލިކް ސެކްޓާ އިންވެސްޓްމެންޓް ޕްރޮގްރާމް (ޕީއެސްއައިޕީ)ގެ ދަށުން މިހާތަނަށް އެންމެ ބޮޑު ހޭދައެއް ކުރީ ބަނދަރު ހެދުމުގެ ޕްރޮޖެކްޓްތަކަށް ކަން ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން އެނގިއްޖެ އެވެ.
ފިނޭންސް މިނިސްޓްރީ ކޮންމެ ހަފްތާއަކު އާންމުކުރާ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް ބަނދަރުގެ ޕްރޮޖެކްޓްތަކަށް 176 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. ޕީއެސްއައިޕީ ޕްރޮޖެކްޓްތަކުގެ ތެރެއިން ދަތުރުފަތުރުގެ ނިޒާމުގެ ޕްރޮޖެކްޓްތަކަށް މިހާތަނަށް 298 މިލިއަން ހޭދަކޮށްފައިވެ އެވެ. ދަތުރުފަތުރުގެ ނިޒާމްގެ ތެރެއިން ބަނދަރުގެ އިތުރުން ހިމެނެނީ އެއާޕޯޓް ތަރައްގީ ކުރުމާއި ބްރިޖާއި ޕޯޓުތައް ހެދުމުގެ ޕްރޮޖެކްޓްތަކެވެ.
ދެ ވަނައަށް އެންމެ ބޮޑު ހޭދައެއްކޮށްފައި ވަނީ ފެނާއި ނަރުދަމާގެ ޕްރޮޖެކްޓްތަކަށެވެ. މި އަހަރުގެ މިހާތަނަށް ނަރުދަމާގެ ޕްރޮޖެކްޓްތަކަށް 244 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.
ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރެއިން ސިއްހީ ދާއިރާ އަށް 155 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އަދި ތައުލީމީ ދާއިރާ އަށް 66 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.
މި އަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫއުތަކަށް 8.4 ބިލިއަން ރުފިޔާ ހަރަދުކުރަން ކަނޑައަޅާފައިވެ އެވެ. މިދިޔަ ހަތަރު މަސް ދުވަހު އެއް ބިލިއަން ރުފިޔާގެ ހަރަދުކޮށްފައިވެ އެވެ. ޕީއެސްއައިޕީގެ ތެރެއިން 46 ޕަސެންޓް ޕްރޮޖެކްޓް ހިންގަނީ ބޭރުގެ ލޯނު ފައިސާއިންނެވެ. އަދި 40 ޕަސެންޓް ޕްރޮޖެކްޓަކީ ދައުލަތުގެ ފައިސާއިން ހިންގާ ޕްރޮޖެކްޓްތަކެވެ. ބާކީ ޕްރޮޖެކްޓްތަކަކީ ޓްރަސްޓް ފަންޑާއި ހިލޭ އެހީގެ ދަށުން ހިންގާ ޕްރޮޖެކްޓްތަކެވެ.