"ސާޔާ"ގެ ޝޫޓިންގައި ޖޯން މަރުނުވީ ކިރިޔާ
"ސާޔާ"ގެ ޝޫޓިންގައި ޖޯން މަރުނުވީ ކިރިޔާ

ޖޯން އެބްރަހަމްގެ ދެ ވަނަ ފިލްމު "ސާޔާ"ގެ ޝޫޓިންގައި ގެނބުނު ކަމަށާއި ފުރާނަ ސަލާމަތްވީ ކިރިޔާ ކަމަށް އޭނާ ބުނެފި އެވެ.

ޖޯން މި ވާހަކަތައް ކިޔައިދީފައި ވަނީ ކަންނާޑާ ފިލްމެއްގެ މަންޒަރެއް ނަގަނިކޮށް ދެ މީހަކު ގެނބިގެން މަރުވި ހާދިސާއާ މެދު ހިތާމަ ފާޅުކޮށް ދެއްކި ވާހަކަތަކެއްގަ އެވެ.

އަނުރާގް ބާސޫ ޑައިރެކްޓްކުރި "ސާޔާ"ގެ ނިމޭ މަންޒަރުތައް ޝޫޓްކުރި އިރު ޖޯންއަށް މޫދަށް ފުންމާލަން ޖެހުނެވެ. އަދި ފެންމަތީގައި ފްލޯޓްވާ ގޮތަށް އޮންނަން ޖެހުނެވެ. ޖޯން ބުނީ އެ މަންޒަރު ޝޫޓްކުރީ ވޯޓާ ފޯލް އަކާ 10 ވަރަކަށް ފޫޓު ދުރުގައި ކަމަށާއި އެ ވޯޓާ ފޯލުން 100 ވަރަކަށް ފޫޓު ތިރިއަށް ފެން ފައިބާ ކަމަށެވެ.

ޖޯން އާއި އޭނާއާ އެކު އެ ފިލްމުގައި މަސައްކަތްކުރި އެހެން އެކްޓަރެއް ކަމަށްވާ ރާޖް ޒުޓްޝީއާ ދެ މީހުން ފެންގަނޑަށް ފުންމާލުމުން އެހެން މީހަކު އެމީހުން ފެންގަނޑުން ނަގާ ގޮތަށް އޮތީ ހަމަޖެހިފަ އެވެ. ނަމަވެސް ސްޓަންޓްމޭނުންގެ ތެރެއިން އެއްވެސް މީހަކަށް ވެސް އަދި ރާޖް އަކަށް ވެސް ފަތާކަށް ނޭނގެ އެވެ. އަދި އެންމެންގެ ފައިގައި ވާ ޖަހާފައި ހުރިކަމެއް ވެސް ޖޯން ނުދެނެހުއްޓެވެ.

ފެންގަނޑު ތެރެއަށް ވެއްޓުމާ އެކު ރާޖް ވަނީ ފަތަން ނޭނގޭ ކަމަށް ބުނެ ޖޯންގެ ގައިގައި ބައްދައިފަ އެވެ. އެއާ އެކު ޖޯން ވެސް އަޑިއަށް ދިޔައީ އެވެ. އަދި ފައިގައި ޖަހައިފައި ހުރި ވަލަށް ވާންވެ މައްޗަށް އެރޭ ގޮތް ނުވެ ހާސްވެގެން ޖޯން އަނބުރައިގަތީ އެވެ.

ޖޯން ބުނި ގޮތުގައި އެއްގަމުގައި ތިބި މީހުން ވަލަށް ދަމައިގެން އޭނާ އެއްގަމަށް އަރުވައި ނޭވާ ލެއްވީ ވަރަށް މަސައްކަތުންނެވެ.