ރަނގަޅަށް މަސައްކަތް ނުކުރެވޭތީ ޓިކްޓޮކްގެ ސީއީއޯ އިސްތިއުފާ ދީފި
ރަނގަޅަށް މަސައްކަތް ނުކުރެވޭތީ ޓިކްޓޮކްގެ ސީއީއޯ އިސްތިއުފާ ދީފި

މަޝްހޫރު ޓިކްޓޮކް ހިންގާ ކުންފުނި ޗައިނާގެ ބައިޓްޑާންސްގެ ސީއީއޯ ޒަންގް ޔިމިން މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

އޭނާ އާންމުކުރެއްވި ދިގު ސިޓީއެއްގައި ވިދާޅުވީ ސީއީއޯގެ މަގާމުން ވަކިވެވަޑައިގަތީ އެ މަގާމަށް މިހާރު ކުންފުނީގެ ތެރެއިން އެންމެ ގާބިލު މީހާއާ މަގާމު ހަވާލުކުރަން ނިންމާފައި ކަމަށެވެ. ބައިޓްޑާންސްގެ އާ ސީއީއޯގެ މަގާމު ހަވާލުކުރައްވަން ނިންމާފައި ވަނީ ކުންފުނީގެ ހިއުމަން ރިސޯސް (އެޗްއާރް) ޑިޕާޓްމަންޓްގެ އެންމެ އިސްކޮށް ހުންނެވި ލިއަންގް ރޫބޯއާ އެވެ.

ޔިމިން ވިދާޅުވި ގޮތުގައި ލިއަންގްއާ މަގާމު ހަވާލުކުރުމުގެ ވާހަކަ ދެކެވެން ފެށީ މިދިޔަ މާޗް މަހުން ފެށިގެންނެވެ. އޭނާ ސިފަކުރެއްވި ގޮތުގައި ލިއަންގް އަކީ ބައިޓްޑާންސާއި ޓިކްޓޮކް އެއްޗަކަށް ހަދައި ދިނުމުގައި ވަރަށް އަގުހުރި ބައިވެރިއެކެވެ. އޭނާ ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ރަސްމީކޮށް ސީއީއޯގެ މަގާމު ހަވާލުވާނެ އެވެ.

ޔިމިން ވިދާޅުވީ ކުންފުނީގެ ކުރިމަގާ މެދު އޭނާ ގެންގުޅުއްވާ ވަރަށް ގިނަ ހިޔާލުތަކާއި ތަސައްވުރުތައް އެބަހުރި ކަމަށެވެ. އެެކަމަކު މިހާތަނަށް މަސައްކަތްތައް ބައްޓަންކުރެވުނު ގޮތުން އަމިއްލަ އަށް އެންމެ ރަނގަޅަށް މަސައްކަތްނުކުރެއްވޭ ކަމަށް ވިދާޅުވި އެވެ.

"ސީއީއޯ ނުވަތަ މެނޭޖަރެއްގެ މަގާމަށް ބޭނުންވާ ކޮލިޓީ އަހަރެންގެ ކިބައިގައި މަދު ކަމަށް ފާހަގަކުރެވެނީ. އެހެންވެ ދެން ބޭނުން ވަނީ ކުންފުނީގެ ކުރިމަގާ މެދު އަހަރެންގެ ހުރި އައިޑިއާތަކާއި ކޮންސެޕްޓްތައް އަޑްޓޭޓްކުރެވޭ ކަހަލަ ހިސާބެއްގައި ހުންނަން،" އޭނާ ވިދާޅުވި އެވެ. "ދުވަހުން ދުވަހަށް މަަސައްކަތްތައް ނިންމަން ޖެހޭ ކަހަލަ މަގާމެއް އަހަންނަކާ ނުއެއް ގުޅޭ. މުވައްޒަފުންނަށް ޑީލްކުރަން ބަލާ އިރު އަހަންނަކީ އަހަންނަކީ އެހާ ސޯޝަލައިޒް މީހެއް ވެސް ނޫން."

ސީއީއޯގެ މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު، ފަހުން ކުންފުނީގެ އެހެން މަގާމެއް މި އަހަރުގެ ފަހުކޮޅުން ފެށިގެން ޔިމިން އަދާކުރައްވާނެ އެވެ. އެކަމަކު އޭގެ މާ ބޮޑު ތަފުސީލެއް ހާމަނުކުރި ނަމަވެސް ވިދާޅުވެފައި ވަނީ އާ މަގާމު ވެގެން ދާނީ ދިގު މުއްދަތުގެ ސްޓްރެޓެޖިކް ޕްލޭންތަކާ ގުޅުން ހުރި މަގާމަކަށް ކަމަށެވެ.

"އަހަރެން ބޮޑަށް ޝައުގުވެރިކަން ހުންނަނީ އޮގަނައިޒޭޝަނަލް އެނަލައިޒިން އާއި މާކެޓް ޕްރިންސިޕަލް ފަދަ ދާއިރާތަކަށް." އޭނާ ވިދާޅުވި އެވެ.

ބައިޓްޑާންސް އަކީ ޔިމިން މީގެ ނުވަ އަހަރު ކުރިން 2012 ގައި އުފެއްދެވި ކުންފުންޏެކެވެ. މިހާރު 60،000 އެއްހާ މުވައްޒަފުން މަސައްކަތްކުރާ ކުންފުންޏަކީ މިހާރުގެ އެންމެ ކާމިޔާބު ޓެކް ކުންފުނިތަކުގެ ތެރެއިން ކުންފުންޏެވެ. މިދިޔަ އަހަރު އެކަނި ވެސް ބައިޓްޑާންސަށް 37 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނެވެ.

އޭނާ ބައިޓްޑާންސްގެ ސީއީއޯގެ މަގާމު ދޫކޮށްލެއްވި އިރު ދާދި ފަހުން ވަނީ ޓިކްޓޮކްގެ ސީއީއޯގެ މަގާމަށް ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ގެ މަގާމުގައި ހުންނެވި ސިންގަޕޫރްގެ ޗިއު ޝޯ ޒީ ހަމަޖައްސައިފަ އެވެ.

ޓިކްޓޮކަކީ މިހާރު އެންމެ މަގުބޫލު ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގެ ތެރެއިން އެކައްޗެވެ. ޓިކްޓޮކް/ޑޯޔިންގެ އިތުރުން ބައިޓްޑާންސްގެ ޕްރޮޑަކްޓަކުގެ ތެރޭގައި ޓޯޓިއާއޯ، ބަޒް ވީޑިއޯ، ވީގޯ ވީޑިއޯ، ހެލޯ އަދި ރެޒޯ ހިމެނެ އެވެ. ޓިކްޓޮކަކީ އެމެރިކާގެ މިއުޒިކަލީ 2016 ގައި ގަނެގެން ބައިޓްޑާންސުން ތަރައްގީކުރި އެޕެކެވެ.