ކޮންމެ ދެ އަހަރަކުން ވޯލްޑް ކަޕް ބާއްވަން ސައުދީން ހުށަހަޅައިފި
ކޮންމެ ދެ އަހަރަކުން ވޯލްޑް ކަޕް ބާއްވަން ސައުދީން ހުށަހަޅައިފި

ރިޔާދު (20 މެއި) - ފީފާ ވޯލްޑް ކަޕް، ކޮންމެ ދެ އަހަރަކުން އެއް އަހަރު ބާއްވަން، ސައުދީ އަރަބިއާގެ ފުޓްބޯޅަ ފެޑްރޭޝަނުން ހުށަހަޅައިފި އެވެ.

ވާޗުއަލްކޮށް މާދަމާ ބާއްވާ ފީފާގެ ކޮންގްރެސްގައި ސައުދީގެ ހުށަހެޅުމާ ބެހޭގޮތުން ވާހަކަ ދައްކާނެ ކަމަށް މީޑީއާ ރިޕޯޓްތައް ބުނެ އެވެ.

ކޮންމެ ދެ އަހަރުން އެއް އަހަރު ވޯލްޑް ކަޕް ބާއްވާ ނަމަ، އެކަމުގެ އަސަރު ދެނެގަތުމަށް ފީސިބިލިޓީ ސްޓަޑީއެއް ހެދުމަށް ސައުދީން ވަނީ ހުށަހަޅައިފަ އެވެ.

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ތަކުރާރުކޮށް ވިދަޅުވަމުން ގެންދަވަނީ އަންހެނުންގެ ވޯލްޑް ކަޕް ކޮންމެ ދެ އަހަރަކުން އެއް އަހަރު ބޭއްވިދާނެ ކަމަށެވެ. ދެ އަހަރު ފަހުން ބާއްވާ އަންހެނުންގެ ވޯލްޑް ކަޕް ހޯސްޓް ކުރާނީ އޮސްޓްރޭލިއާ އާއި ނިއުޒިލެންޑްގަ އެވެ.

މާދަމާ ބާއްވާ ކޮންގްރެސްއަށް ޖެމެއިކާގެ ފުޓްބޯޅަ ފެޑްރޭޝަނުން ހުށަހަޅާފައި ވަނީ އަންހެނުންގެ ބައިނަލްއަގްވާމީ ފުޓްބޯޅަ މުބާރާތުގެ ކޮންސެޕްޓް ތައްޔާރު ކުރުމަށް ހުށަހަޅައިފަ އެެވެ.

ވޯލްޑް ކަޕް ކޮންމެ ދެ އަހަރަކުން ބޭއްވުމަށް، ފީފާގެ ކުރީގެ ރައީސް ޖޯސެފް ބްލެޓާ 20 އަހަރު ކުރިން ވިސްނުން ގެންގުޅުނެވެ. ވޯލްޑް ކަޕް މުބާރާތް އަންނަ އަހަރު ގަތަރުގައި ބާއްވާނެ އެވެ. އޭގެ ހަތަރު އަހަރު ފަހުން އެމެރިކާ އާއި ކެނެޑާ އަދި މެކްސިކޯގައި 2026 ގެ މުބާރާތް ބާއްވާނެ އެވެ.