މިހާރު ބޯޅަ އޮތީ ހޫތީ ކޯޓުގައި: ސައޫދީ
މިހާރު ބޯޅަ އޮތީ ހޫތީ ކޯޓުގައި: ސައޫދީ

ޔަމަންގައި މިހާރު ހިނގަމުންދާ ހަނގުރާމަ ހުއްޓުވުމަށް ސައޫދީން އިސް ނަގައިގެން ކުރަމުން އަންނަ މަސައްކަތް އިތުރަށް ކުރިއަށް ދާނީ، އީރާންގެ މަދަދާ އެކު ހަނގުރާމަކުރާ ހޫތީންގެ އެއްބާރުލުން ހުންނަ ގޮތެއްގެ މަތިން ކަމަށް ސައޫދީ އަރަބިއްޔާއިން ބުނެފި އެވެ.

ސައޫދީ ޚާރިޖީ ވަޒީރު ފައިސަލް ބިން ފަރުހާން ވިދާޅުވީ، ޔަމަންގެ ހަނގުރާމަ ހުއްޓުވަން ސަރަހައްދުގެ ހުރިހާ ގައުމުތަކުން މަސައްކަތް ކުރިޔަސް، އީރާނުން އެކަމަށް ފުރުސަތު ނުދޭ ނަމަ، ސުލްހަ ގާއިމުކުރުން އުނދަގޫ ވާނެ ކަމަށެވެ.

"އީރާންގެ އަމަލުތަކާ މެދު މި ސަރަހައްދުގެ ގައުމުތަކުގައި ހުރި ކަންބޮޑުވުންތަކަށް ހައްލެއް ނުހޯދޭ ހިނދަކު، މި ސަރަހައްދަށް ހަމަޖެހުމެއް ނާންނާނެ. އީރާންގެ ބެލިސްޓިކް މިސައިލްގެ މައްސަލަ އަށާއި، އީރާނުން ޔަމަންގެ ކަންކަމުގެ ތެރެއަށް ވަނުން ހުއްޓުވައިގެން ނޫނީ ހަމަޖެހުމެއް ނުލިބޭނެ. މިހާރު ބޯޅަ އޮތީ، އީރާންގެ މަދަދާ އެކު ހަނގުރާމަކުރާ ހޫތީންގެ ކޯޓުގައި."

އެތައް އަހަރަކަށް ދެމިގެން ގޮސްފައިވާ ޔަމަންގެ ހަނގުރާމަހުއްޓުވުމާ ގުޅޭ ސުލްހައިގެ މަގުޗާޓެއް، މިދިޔަ މާޗް މަހުގެ ތެރޭގައި، ސައޫދީން ވަނީ އިއުލާންކޮށްފަ އެވެ. ނަމަވެސް، ހޫތީން ވަނީ ސައޫދީގެ ހުށަހެޅުމާ އެއްގޮތަށް ހަނގުރާމަ ހުއްޓައިލުމަށް ދެކޮޅު ހަދައިފަ އެވެ.

ހޫތީން ބުނާ ގޮތުގައި ހަނގުރާމަ ހުއްޓައިލުމާ ބެހޭ ގޮތުން ވާހަކަ ދެކެވޭނީ، ޔަމަންގެ ސަންއާގެ ވައިގެ ބަނދަރާއި ހުދައިދާގެ ކަނޑުގެ ބަނދަރަށް ސައޫދީގެ ގުޅިފައިވާ އަސްކަރީ ކޯލިޝަނުން ކޮށްފައިވާ ހިސާރު ދޫކޮށްލުމުންނެވެ.

ޔަމަންގެ ދާހިލީ ހަނގުރާމަ ހިނގަމުން ދަނީ، ޔަމަންގެ ސަރުކާރު ސިފައިންނާއި، އީރާންގެ މަދަދާ އެކު ހަނގުރާމަކުރާ ހޫތީންގެ ހަނގުރާމަވެރިންނާ ދެމެދުގަ އެވެ. ސައޫދީން ތުހުމަތުކުރާ ގޮތުގައި ހޫތީ ހަނގުރާމަވެރިންނަށް، އީރާނުން އަސްކަރީ އެހީތެރިކަން ފޯރުވަނީ، ސަންއާގެ ވައިގެ ބަނދަރުންނާއި ހުދައިދާގެ ކަނޑުގެ ބަނދަރުންނެވެ.

މި ހަނގުރާމައިގައި، ޔަމަން ސަރުކާރަށް ވާގިވެރިވުމުގެ ގޮތުން، ހޫތީންނަށް ހަމަލާ ދިނުމުގައި ސައޫދީ އަރަބިއްޔާގެ އިތުރުން ގަލްފުގެ ބައެއް ގައުމުތައް ބައިވެރިވެ އެވެ. ޔަމަންގައި 2014 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ފެށުނު ދާހިލީ ހަނގުރާމައިގައި، ސައޫދީ އަރަބިއްޔާއިން އުފެއްދި އަސްކަރީ ކޯލިޝަން ބައިވެރިވަމުން އަންނަނީ 26 މާޗް 2015 އިން ފެށިގެންނެވެ.

ސައޫދީ އަރަބިއްޔާ އިން އުފެއްދި އަސްކަރީ ކޯލިޝަންގައި ހިމެނެނީ، މިސްރު، ޖޯޑަން، އެމިރޭޓްސް، ސޫދާން، ކުވައިތު، ގަތަރު އަދި ބަހްރައިން އެވެ. މި ކޯލިޝަންގެ ސިފައިންގެ ހަމަލާތައް ކުރިއަށް ދަނީ އެމެރިކާގެ އަސްކަރީ ފަންނީ މަދަދާ އެކުގަ އެވެ.