ކޮވިޑް ޖެހިގެން ގަމުން 36 އަހަރުގެ މީހަކު ނިޔާވެއްޖެ
ކޮވިޑް ޖެހިގެން ގަމުން 36 އަހަރުގެ މީހަކު ނިޔާވެއްޖެ

ލ. ގަަމު ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން އައި އުމުރުން 36 އަހަރުގެ ބިދޭސީ ފިރިހެނަކު މިއަދު ނިޔާވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، ނޭޕާލްގެ އެ ފިރިހެންމީހާ ކޮވިޑް ބަލީގައި ނިޔާވީ ރޭ ދަންވަރު ދޭއް ޖެހިއިރު ކަމަށެވެ. މިއީ ރާއްޖޭގައި ކޮވިޑް ބަލީގައި ނިޔާވީ 113 ވަނަ މީހާ އެވެ.

ގަމު ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން އައި އުމުރުން ދުވަސްވީ ދެ ދިވެއްސަކު އިއްޔެ ވެސް ވަނީ ނިޔާވެފަ އެވެ.

ރާއްޖެއިން ކޮވިޑްގައި ނިޔާވި އެންމެ ޒުވާން މީހާއަކީ 30 އަހަރުގެ ދިވެހި އަންހެނެކެވެ. އޭނާ ނިޔާވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށެވެ. އެއީ ރާއްޖޭގައި އެ ބަލީގައި މަރުވި 96 ވަނަ މީހާ އެވެ.

ކޮވިޑްގައި ނިޔާވާ މީހުން މިފަހުން ވަރަށް ބޮޑަށް އިތުރުވެފައިވާއިރު އިއްޔެ އަކީ މި ބަލީގައި އެންމެ ގިނަ ބަޔަކު އެއް ދުވަހެއްގައި ރާއްޖޭގައި ނިޔާވި ދުވަހެވެ. އިއްޔެ އެކަނި ވެސް ހަތް މީހަކު ނިޔާވި އެވެ. މި މަހުގެ މިހާތަނަށް ކޮވިޑްގައި ނިޔާބި މީހުންގެ އަދަދު ވެސް ވަނީ 40 އަށް އަރައިފަ އެވެ. އެ ރިކޯޑާއެކު މި މޭ މަހަކީ ކޮވިޑްގައި އެންމެ ގިނަ މީހުން ނިޔާވި މަހެވެ.