ދަރަވަންދޫން ހައްޔަރުކުރީ ވެސް ހަމަލާއާ ގުޅުން ހުރި މީހެއް؛ ތަފްސީލެއް ނުދެވޭނެ: ޕޮލިސް
ދަރަވަންދޫން ހައްޔަރުކުރީ ވެސް ހަމަލާއާ ގުޅުން ހުރި މީހެއް؛ ތަފްސީލެއް ނުދެވޭނެ: ޕޮލިސް

ބ. ދަރަވަންދޫން ރޭ ހައްޔަރުކުރީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ދިން ޓެރަރިސްޓް ހަމަލާގެ ތުހުމަތުކުރެވޭ މީހެއް ކަމަށް ފުލުހުން ރަސްމީކޮށް ހާމަކޮށްފި އެވެ.

އެ މީހަކީ ރޭ މީޑިއާގައި ވެސް ރިޕޯޓްކޮށްފައިވާ ގޮތަށް، އަހްމަދު ފާތިހް، ދުންފުނި އުފާ/ލ.ގަން އެވެ. އޭނާ އަކީ ނަޝީދަށް ހަމަލާދޭން އައިއީޑީ ހަރުކުރި ސައިކަލް އެތަނުގައި ބެހެއްޓި މީހާ ކަމަށްވެ އެވެ. ނަމަވެސް ފުލުހުން ބުނީ ހަމަލާގެ ތުހުމަތަށް ހައްޔަރުކޮށްފައިވާ މީހުންނާ ހަމަލާއާ ގުޅޭ ގޮތާއި ލިބިފައިވާ ހެކީގެ މައުލޫމާތު އަދި ހާމަ ނުކުރާނެ ކަމަށެވެ.

ފުލުހުން މިހާރު ކުރިއަށް ގެންދާ ޕްރެސް ކޮންފަރެންސްގައި ޗީފް ސުޕްރިންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވިދާޅުވީ ހަމަލާ އަށް ފަހު، ހަރުކަށި ފިކުރާ ދެކޮޅަށް ހިންގާ އޮޕަރޭޝަންތަކުގައި އައްޑޫން ނުވަ މީހަކު ހައްޔަރުކޮށް އަދި މާލޭން ފަސް ތަނެއް ފާސްކޮށް ބައެއް ތަކެތި ހޯދާފައިވާ ކަމަށެވެ. ފާސްކުރި ތަންތަނުން، ހަރުކަށި ފިކުރާ ގުޅޭ ލިޔެކިޔުމާއި ޑިޖިޓަލް ބައެއް އާލާތްތައް ވެސް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ހަރުކަށި ފިކުރު ފަތުރާ ކަމުގެ ތުހުމަތަށް ހައްޔަރުކުރި މީހުންނާ ނަޝީދަށް ދިން ހަމަލާއާ އެއްވެސް ގުޅުމެއް ވޭތޯ ސުވާލުކުރުމުން ފުލުހުން ބުނީ ތަހުގީގުގައި ދަނީ އެކަން ބަލަމުން ކަމަށެވެ.

ނަޝީދަށް ދިން ހަމަލާއާ ގުޅޭ ގޮތުން ނޫސްވެރިން ތަކުރާރުކޮށް ސުވާލުކުރުމުން ވެސް ތަފްސީލް އެއްވެސް މައުލޫމާތެއް ފުލުހުން ނުދެ އެވެ. ފުލުހުން ބުނީ ހަމަލާއާ ގުޅޭ ގޮތުން ވަރަށް ގިނަ ކަންކަން ސާފުވަމުން އަންނަ ކަމަށާއި އެކަމަކު ކުރިއަށް ހުރި ކަންކަމަށް ބަލާފައި އަދި މައުލޫމާތު ހާމަކުރެވެން ނެތީ ކަމަށެވެ.