20 މެއި 2021 - 11:02

އެހެން ގައުމުތަކުން އީޔޫގެ ގައުމުތަކަށް ދަތުރުކުރާ މީހުން، ކޮވިޑް ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ ނަމަ، އެ ގައުމުތަކަށް އެތެރެވުން ހުއްދަ ކުރުމަށް ޔޫރަޕިއަން ޔުނިއަން (އީޔޫ) އިން އެއްބަސްވެއްޖެ އެވެ.
ވިލާތުގެ އިއްތިހާދުގެ ތަރުޖަމާނު ކްރިސްޓިއަން ވިގާންޑް ވިދާޅުވީ އީޔޫގެ މަންދޫބުން އެކަމަށް އެއްބަސްވި ނަމަވެސް، އެކަން ތަންފީޒު ކުރަން ފެށޭނީ، ޔޫރަޕިއަން ކައުންސިލުން އެ ނިންމުން ތަސްދީގު ކުރުމުން ކަމަށެވެ. އަދި އެކަން ވަރަށް އަވަހަށް ފުރިހަމަވާނެ ކަމުގެ އުންމީދު އެބަ އޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިގޮތަށް އީޔޫ ނިންމި ނަމަވެސް، އެ ނިންމުމުގެ ދަށުން އީޔޫގެ ގައުމުތަކަށް އެތެރެވެވޭނީ، އެ ޖަމާއަތުން ހުއްދަކޮށްފައިވާ ބާވަތެއްގެ ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ މީހުންނަށެވެ. އެހެން ސަރަހައްދުތަކުން އަންނަ މީހުންނަށް އީޔޫގެ ގައުމުތަކުގެ ބޯޑަރުތައް ބަންދުކުރީ 2020 ވަނަ އަހަރުގެ މާޗް މަހުން ފެށިގެންނެވެ.
ނަމަވެސް މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން، ވިލާތުން ކަނޑައަޅަމުން އަންނަ ވަކި ގައުމުތަކެއްގެ މީހުންނަށް، ވެކްސިން ނުޖެހިޔަސް އީޔޫގައި ހިމެނޭ 27 ގައުމަށް ވެސް އެތެރެވެވެ އެވެ. އެކި ދުވަސްވަރަށް އެ ގައުމުތައް ކަނޑައަޅަނީ، އެ ގައުމެއްގައި ކޮވިޑްގެ ހާލަތު ހުންނަ ގޮތެއްގެ މައްޗަށް ބިނާކޮށެވެ.
އެގޮތުން މިހާރު ހުއްދަ ދީފައިވާ ގައުމުތަކަކީ، އޮސްޓްރޭލިޔާ، އިޒްރޭލު، ނިއު ޒީލޭންޑް، ރުވަންޑާ، ސިންގަޕޫރު، ދެކުނު ކޮރެއާ، ތައިލޭންޑް އަދި ޗައިނާ އެވެ. އަދި މި ލިސްޓުގައި އިތުރު ގައުމުތައް ހިމެނުމަށްޓަކައި، އެ ލިސްޓުގައި ހިމެނުމަށްޓަކައި ފުރިހަމަވާންޖެހޭ ޝަރުތުތައް މަދުކުރުމަށް ވެސް އީޔޫގެ އެމްބެސެޑަރުން މިހާރު ވަނީ ނިންމައިފަ އެވެ.