އުރްދުގާންގެ ވާހަކަތައް އެމެރިކާއަށް ކަމަކުނުދިޔަ
އުރްދުގާންގެ ވާހަކަތައް އެމެރިކާއަށް ކަމަކުނުދިޔަ

ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލު ސިފައިން މިހާރު ފަށައިގެން އުޅޭ ގަތުލުއާންމާ ބެހޭ ގޮތުން އިޒްރޭލު ކުށްވެރިކޮށް، ތުރުކީ ވިލާތުގެ ރައީސް ރަޖަބް ތައްޔިބު އުރްދުގާން ދެއްކެވި ވާހަކަތައް އެމެރިކާއަށް ހަޖަމުވާ ގޮތެއް ނުވި އެވެ.

އެމެރިކާގެ ހާރިޖިއްޔާއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، އިޒްރޭލު ކުށްވެރިކޮށް ޔަހޫދީންނަށް ކުޑައިމީސްވާ ގޮތަށް، އުރުދުގާން ދެއްކެވި ވާހަކަތަކަކީ އެއްވެސް ހަމައަކުން ބަލައިގަނެވޭނެ ވާހަކަތަކެއް ނޫން ކަމަށެވެ. އަދި އުރްދުގާންގެ އެ ވާހަކަތައް ކުށްވެރިކުރާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

"ރައީސް އުރުދުގާން އަށާއި ތުރުކީ ވިލާތުގެ އެހެން ވެރިންނަށް އަހަރެމެން މި ގޮވައިލަނީ، މީހުންގެ މެދުގައި ނަފްރަތާއި ދެކޮޅުވެރިކަން އުފެދޭނެ އަދި އޭގެ ސަބަބުން އިތުރު ހަރުކަށި އަމަލުތަކަށް މަގުފަހިވާ ފަދަ ވާހަކަތައް ދެއްކެވުމުން ދުރުހެލިވުމަށް،" އެމެރިކާގެ ހާރިޖިއްޔާއިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

އިޒްރޭލުގެ އުދުވާނާ ދެކޮޅަށް މިހަފުތާގައި އުރުދުގާން ދެއްކެވި ވާހަކަފުޅުގައި، އިޒްރޭލުން ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ހިންގަނީ ޓެރަރިޒަމްގެ އަމަލުތަކެއް ކަމަށާއި، އެއީ އިޒްރޭލު މީހުންގެ ތަބީއަތުގައި ހަރުލާފައި ހުންނަ ސިފައެއް ކަމަށް ވިދާޅުވި އެވެ. އަދި އެއީ އެއްވެސް އަހުލާގެއް ނެތް ޓެރަރިސްޓް ދައުލަތެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެމީހުންނަކީ ގާތިލުން. އެމީހުން އެދަނީ، އެންމެ ފަސް އަހަރު، ހަ އަހަރުގެ ތުއްތު ކުދިންވެސް މަރަމުން. އެމީހުންނަށް ހަމައެކަނި ހިތްހަމަޖެހުމެއް ލިބެނީ، ފަލަސްތީނު މީހުންގެ ލޭ ބޮއެގެން،" އުރުދުގާން ވިދާޅުވެފައިވެ އެވެ.

މީގެ އިތުރުން، އިޒްރޭލުގެ އުދުވާނީ ހަމަލާތަކަށް އެމެރިކާއިން ކުރާ ތާއީދަށް ވެސް އުރުދުގާން ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެމެރިކާގެ ރައީސް ޖޯ ބައިޑަން އޭނާގެ ތާރީޚު ލިޔުއްވަމުން އެގެންދަވަނީ، ކުށެއް ނެތް ބައެއްގެ ލެއިން ކަޅިވެފައިވާ އަތަކުން ކަމަށެވެ.

ވިލާތުގެ ގައުމުތަކުން އިޒްރޭލުގެ ހަމަލާތައް ހުއްޓައިލުމަށް ގޮވައިލަމުންދާ ދަނޑިވަޅެއްގައި، އޮސްޓްރީއާގެ ޗާންސެލަރގެ އޮފީހުގެ ދިދަދަނޑިއަށް އިޒްރޭލުގެ ދިދަ ނަގާފައިވާތީ، އެކަމަށްވެސް އުރުދުގާން ފާޑުވިދާޅުވި އެވެ. އުރުދުގާން ވިދާޅުވީ ޔަހޫދީންނާ ދެކޮޅަށް ޔޫރަޕްގައި ހިންގި ގަތުލުއާންމުގައި އޮސްޓްރިއާއިން އަދާކުރި ދައުރުގެ އަގު، މުސްލިމުން ލައްވައި އަދާކުރަން އޮސްޓްރިއާއިން މަސައްކަތްކުރަމުންދާހެން ހީވާ ކަމަށެވެ.