20 މެއި 2021 - 10:34

މެންޗެސްޓާ (20 މެއި) - މެންޗެސްޓާ ޔުނައިޓެޑްގެ ސަޕޯޓަރުންނާ ފުރަތަމަ ފަހަރަށް ބައްދަލުކުރަން، އެ ކްލަބުގެ ކޯ ޗެއާމަން ޖޮއެލް ގްލޭޒާ ނިންމައިފި އެވެ.
އަންނަ މަހުގެ ހަތަރު ވަނަ ދުވަހު އޮންލަައިންކޮށް ސަޕޯޓަރުންނާ އޭނާ ބައްދަލުކުރާނެ އެވެ.
ސަޕޯޓަރުންނާ ބައްދަލުކުރަން، ގްލޭޒާ ނިންމީ އޭނާ އާ ދެކޮޅަށް ސަޕޯޓަރުން މުޒާހަރާކޮށް ލިވަޕޫލާ ދެކޮޅަށް އޮޅްޑްޓްރަފާޑްގައި ކުޅެން ހަމަޖެއްސި މެޗު ސަޕޯޓަރުން ހުއްޓުވުމުންނެވެ.
"ފޭންސް ފޯރަމްގައި ސަޕޯޓަރުންގެ ވާހަކަތަކާއި ހިޔާލުތައް އަހަން އަހަރެން މިހުރީ ތައްޔާރަށް،" ޔުނައިޓެޑްގެ ވެބްޒައިޓަށް ދިން އިންޓަވިއުގައި ގްލޭޒާ ވިދާޅުވި އެވެ. "އަހަރެން ވަރަށް ބޮޑަށް ގަބޫލު ކުރެވޭ މިކަމުގެ ސަބަބުން އާ ބާބެއް ހުޅުވޭނެކަމަށް ޕޮޒިޓިވް ހިޔާލުތަކަށް. އަދި ސަޕޯޓަރުންނާ ކްލަބާ ދެމެދު ރަނގަޅު ގުޅުމެއް އުފެދިގެންދާނެ ކަމަށް."
މި މަހުގެ ދެ ވަނަ ދުވަހު ޔުނައިޓެޑްގެ ސަޕޯޓަރުން ވަނީ އޯލްޑްޓްރަފާޑަށް ވަދެ މެޗު ކުޅުނަ ނުދީ ހަޅުތާލު ކުރިއަށް ގެންގޮސްފަ އެވެ. ސްޓޭޑިއަމްގެ އެތެރެއާ އާއި ބޭރުގައި ޔުނައިޓެޑްގެ ސަޕޯޓަރުން މުޒާހަރާ ކުރީ ގްލޭޒާގެ އާއިލާއާ ދެކޮޅަށެވެ. ޔުނައިޓެޑްގެ ސަޕޯޓަރުން ގޮވާލަމުން ދިޔައީ ގްލޭޒާގެ އާއިލާއިން ކްލަބު ދޫކޮށްލުމަށެވެ.
ހަޅުތާލު ކުރި ސަޕޯޓަރުން ވަނީ ޔުނައިޓެޑްގެ ޓީމު ކޭމްޕް ކުރި ހޮޓަލް ކައިރީގައިވެސް މުޒާހަރާ ކޮށްފަ އެވެ. ސަޕޯޓަރުންގެ ހަޅުތާލު ކުރަން ނުކުތީ، މިދިޔަ މަހު އިއުލާން ކުރި ޔޫރަޕިއަން ސުޕަ ލީގުގައި ބައިވެރިވާން ޔުނައިޓެޑުން ނިންމުމުންނެވެ. ޕްރެޝަރާ ހެދި ފަހުން ޔުނައިޓެޑް ސުޕަ ލީގުން ވަކި ވިޔަސް ސަޕޯޓަރުންގެ ރުޅި މައިތިރިއެއް ނުވި އެވެ. ގްލޭޒާ އަކީ ސުޕަ ލީގުގެ ވައިސް ޗެއާމަން އެވެ.
ޔުނައިޓެޑްގެ ސަޕޯޓަރުންގެ ގުރޫޕްތަކުން ވަނީ ކްލަބުގެ ވިޔަފާރީ ބްރޭންޑްތައް ބޮއިކޮޓް ކުރާނެ ކަމަށްވެސް ބުނެފަ އެވެ. އެހެންވެއްޖެނަމަ 200 މިލިއަން ޕައުންޑްގެ އަގުހުރި ޓްރެއިނިން ކިޓްގެ ޑިލްވެސް ޔުނައިޓެޑަށް ގެއްލުމަކީ ގާތުގައިވާ ކަމެކެވެ.