ފްރެންޗް ކަޕް ޕީއެސްޖީން ކާމިޔާބު ކޮށްފި
ފްރެންޗް ކަޕް ޕީއެސްޖީން ކާމިޔާބު ކޮށްފި

ޕެރިސް (20 މެއި) - މޮނާކޯގެ މައްޗަށް 2-1 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި، ފްރެންޗް ކަޕްގެ ޗެމްޕިއަންކަން ޕީއެސްޖީން ހޯދައިފި އެވެ.

ފްރާންސްގެ ސެއިންޓް ޑެނިސްގައި ކުޅުނު މެޗުގައި، ޕީއެސްޖީގެ ލަނޑުތައް ކާމިޔާބުކުރީ މައުރޯ އިކާޑީ އާއި ކިލިއަން އެމްބާޕޭ އެވެ. ފުރަތަމަ ލަނޑު އިކާޑީ ކާމިޔާބު ކުރި މެޗުގެ 19 ވަނަ މިނެޓްގައި އެމްބާޕޭ ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ. މެޗުގެ ފަހު ކޮޅުގައި ދެ ވަނަ ލަނޑު އެމްބާޕޭ ކާމިޔާބު ކުރީ އެންހަލް ޑީ މާރިއާ ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ.

ފްރާންސް ކަޕް އެންމެ ކާމިޔާބު ޓީމު ޕީއެސްޖީން މުބާރާތް ކާމިޔާބުކުރީ 14 ވަނަ ފަހަރަށެވެ. މޮނާކޯ އިން ވަނީ ފަސް ފަހަރު މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. އެކަމަކު އަދި މި ގަރުނުގައި ފްރެންޗް ކަޕް އެ ޓީމަށް ހޯދިފައެއް ނުވެ އެވެ. އެ މުބާރާތް އެންމެ ފަހުން އެ ޓީމުން ކާމިޔާބުކުރީ 1991 ގަ އެވެ. މީގެ ކުރިން އެ ޓީމުން ފައިނަލުގައި ކުޅުނީ 2010 ވަނަ އަހަރު އެވެ. އެ ފަހަރުވެސް އެ ޓީމު ބަލިވީ ޕީއެސްޖީ އަތުންނެވެ.

ޓީމުގެ ތަރި ނޭމާ، މެޗަށް ސަސްޕެންޑް ކޮށްފައި ވުމުން އޭނާ މެޗު ބެލީ ހުސްކޮށް އޮތް ސްޓޭޑިއަމްގެ ސްޓޭންޑްގައި ހުރެގެންނެވެ. މެޗުގައި ވިދާލީ އެމްބާޕޭ އެވެ.

"އަހަރެމެން ކޮންމެ ދުވަހަކު މިކުރާ މަސައްކަތަކީ މިފަދަ ކާމިޔާބުތައް ތަޖުރިބާ ކުރުމަށްޓަކައި ކުރާ މަސައްކަތެއް. މުޅި ސްކޮޑްގެ އެއްބާރުލުން ނެތި އަހަރެމެންނަކަށް މިކަން ހާސިލެއް ނުވާނެ،" މެޗަށް ފަހު އެމްބާޕޭ ބުންޏެވެ.

"ދުނިޔޭގެ އެންމެ ބޮޑު އެއް ކްލަބު ޕީއެސްޖީއަށް ކުޅޭއިރު އަދި ގައުމުގެ އެންމެ ބޮޑު ކުލަބަށް ވާއިރު ކޮންމެ ވަގުތެއް ތާރީހްގެ ތެރެއަށް ދާން ބޭނުންވާނެ. އަހަރެމެން ބޭނުން ވަނީ މި ތާރީހް ކާމިޔާބުގައި ހިމެނެން. އެ ފިޔަވަޅު މިއަދު އެޅިގެން މިދިޔައީ."