19 ނޮވެމްބަރ 2016 - 21:01

މޫނު ނިވާކޮށްގެން ތިބި ތިން މީހަކު ފްރާންސްގެ ޕެރިހުގައި ބޮލީވުޑްގެ ތަރި މަލިކާ ޝެރާވަތުގެ މޫނަށް ކަރުނަގޭސް ޖަހައި އޭނާއަށާއި އޭނާގެ ލޯބިވެރިޔާއަށް އަނިޔާ ކޮށްފި އެވެ.
ސީއެންއެން އިން ބުނެފައިވާ ގޮތުގައި މަލިކާ ޝެރާވަތު، 40، އާއި އޭނާގެ ފްރާންސް ލޯބިވެރިޔާ ސިރިލް އޮކްސެންފޭންސް އަށް ހަމަލަދިނީ އެމީހުންގެ އެޕާޓްމަންޓަށް ވަންނަނިކޮށް ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ.
މަލިކާގެ އެކުވެރިޔަކު ސީއެންއެން އަށް ކިޔައިދީފައިވާ ގޮތުގައި މި ހަމަލާގެ ސަބަބުން މަލިކާއަށް ޝޮކެއް ލިބިފައިވިޔަސް ހާލު ރަނގަޅެވެ. މަލިކާ ދިރިއުޅޭ އެޕާޓްމަންޓް ހުންނަ ހިސާބަކީ ފްރާންސްގެ މަޝްހޫރު ވިޔަފާރިވެރިން ދިރިއުޅޭ ސަރަހައްދެކެވެ. މަލިކާގެ ލޯބިވެރިޔާ އަކީ ފްރާންސްގެ ވިޔާފާރިވެރިއެކެވެ.
މަލިކާ އާއި އޮކްސެންފޭންސް އުޅޭ އެޕާޓްމަންޓަށް ވަންނަން ހުންނަ ދޮރަކީ އޮޓަމެޓިކުން ލެއްޕޭ ދޮރަކަށް ވާތީ ދޮރު ލެއްޕެން ނެގި ކުޑަ ވަގުތުކޮޅުގެ ތެރޭގައި، ހަމަލާ ދިން މީހުން އެތަނަށް ވަދެގަތީ ކަމަށްވެ އެވެ.
އެމީހުން މަލިކާ އާއި އޮކްސެންފޭންސް މޫނަށް ކަރުނަ ގޭސް ޖެހުމަށްފަހު އޮކްސެންފޭންސް ބިންމައްޗަށް ވައްޓާލައި އަނިޔާކުރަން ފެށީ ކަމަށާއި އެތަނުން އެކަކު މަލިކާގެ އަތްދަބަސް ދަމައިގަންނަން ވެސް މަސައްކަތް ކުރިކަމަށް އޭނާގެ އެކުވެރިޔާ ބުނެފައިވެ އެވެ.
ހަމަލާދީ ފޭރެން އުޅުނު މީހުން ފިލައިގެން ދިޔައީ މަލިކާ އެ މީހުން ކޮއްޕާ ދުރަށް ލުމަށް ފަހު ކޮއްޕާ ދުރަށް ލަމުން ހަޅޭއްލަވަން ފެށުމުންނެވެ. ހަމަލާ ދިނީ ކޮން ބައެއް ކަމެއް ނޭނގެ އެވެ.
މި ހާދިސާ ހިނގާފައި މި ވަނީ ރިއަލިޓީ ޓީވީ ތަރި ކިމް ކާޑޭޝަންގެ އަތުން ވެސް ޕެރިހުގައި އެތައް މިލިއަން ޑޮލަރެއްގެ ގަހަނާ ފޭރިގެންފައި ވަނިކޮށެވެ. ބައެއް މީހުން ބުނަނީ މިއީ މަލިކާ މަޝްހޫރުވާން ވެގެން އަމިއްލަ އަށް ރާވައިގެން ކުރި ކަމަކަށް ވެދާނެ ކަމަށެވެ. އެހެން ބުނަނީ މިކަމެއް ހިނގި ކަމަށް ބުނާ ދުވަހުގެ އަނެއް ދުވަހު ލޯބިވެރިޔާއާ އެކު ޖެނީވާގައި މަޖާކުރަނިކޮށް ނަގާފައިވާ ފޮޓޯތަކެއް ވެސް އާންމުކޮށްފައި ވާތީ އެވެ.
ނަމަވެސް މަލިކާ ބުނަނީ އޭނާ އަށް ހަމަލާދީ ފޭރެން އުޅުނު ކަމަށާއި އެކަން ކުރަން އުޅުނު މީހުންނަށް އޭނާ ކައިރީގައި ގޮތެއް ނުހެދިގެން ފިލީ ކަމަށެވެ.