ކޮވިޑް-19: ރާއްޖޭގެ ހާލަތު ގޯސްވުމުން އެންމެ ފަހުން ބޭރުގެ އެހީއަށް
ކޮވިޑް-19: ރާއްޖޭގެ ހާލަތު ގޯސްވުމުން އެންމެ ފަހުން ބޭރުގެ އެހީއަށް

ކޮވިޑު-19 ގައި ރާއްޖޭގެ ހާލަތު ގޯސްވުމުން ބޭރުގެ އެހީ ލިބެން ހުރި ގޮތަކަށް ބޭނުން ކަމަށާއި އެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ރޭ ބުނެފި އެވެ.

އެ އިދާރާ އިން ބޭއްވި މީޑިއާ ބްރީފިންގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ބައިނަލްއަގުވާމީ އެހީ ހޯދުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

"އިންޓަނޭޝަނަލް އެއިޑް އަޅުގަނޑުމެން ބޭނުން. ހޯދެން އޮތް ހުރިހާ ގޮތަކުން މަސައްކަތްތަކެއް އެބަކުރަން. އަދި އެ އެހީ ދެއްވަން ތިބި ގައުމުތަކާ މަޝްވަރާ ކުރެވި އަޅުގަނޑުމެންނަށް އެ އެހީ ހޯދޭނެ ގޮތްތައް ވެސް ބަލަމުން ގެންދަން،" މަބްރޫކް ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، ކޮވިޑުގެ އޮޕަރޭޝަނަށް ރާއްޖެ އަށް މީގެ ކުރިން އެކި ގައުމުތަކުން ލިބުނު އެހީތައް މިހާރު ވެސް ބޭނުންކުރަމުން ދެ އެވެ.

ކޮވިޑުގެ ހާލަތު ކޮންޓްރޯލް ކުރަން ބޭރުގެ އެހީއަށް އެދޭއިރު، އެ ބަލީގައި ކޮންމެ ދުވަހަކު ވެސް އެތައް ބަޔަކު ރާއްޖޭގައި ފަހަކަށް އައިސް ދަނީ މަރުވަމުންނެވެ. މި މަހު އެކަނި ވެސް މިހާތަނަށް 39 މީހަކު މަރުވެފައި ވެ އެވެ. އަދި ސިއްހީ ދާއިރާއަށް ނުކަތާ ވަރަށް އެ ބަލި ޖެހޭ މީހުންގެ އަދަދު ވަނީ އިތުރުވެފަ އެވެ.

ކޮވިޑް ކޭސްތައް ރާއްޖޭގައި ގިނަވުމުގެ ނަތީޖާއަކީ އެހެން ބަލިތަކަށް ފަރުވާދޭނެ ސިއްހީ ހިދުމަތްތެރިން ނެތުމާއި ހޮސްޕިޓަލްތައް ފުރި، ހިދުމަތް ދޭނެ ގޮތް ހުސްވުމެވެ. މި މައްސަލަ މިހާރު ވެސް ކުރިމަތިވެ، ދެން ހަދާނެ ގޮތަކާ މެދު އޮތީ ސުވާލު އުފެދިފަ އެވެ.