19 މެއި 2021 - 23:33

ޓީވީއެމުން މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ފޮނުވި ޕްރޮގްރާމެއްގައި ގއ. ވިލިނގިލީގެ މީހުންނަށް ނިސްބަތްކޮށް، "ގަންބަނެ ބުދާ" ކިޔައި އެކަމާ ގުޅޭ ގޮތުން އެ ޕްރޮގްރާމްގެ ބައިވެރިއަކާ ސުވާލު ކުރުމަކީ ފުރައްސާރަކޮށް، މަލާމާތު ކުރުން ކަމަށާއި އެއީ އެ ރަށުގެ މީހުންގެ ކަރާމާތަށް އުނިކަން ލިބޭ ފަދަ އަމަލަކަށް ވާތީ، އެކަމަށް މާފަށް އެދުމަށް ވިލިނގިލީ ކައުންސިލުން މިއަދު ގޮވާލައިފި އެވެ.
ޓީވީއެމްގެ "960" ޝޯގެ ޕްރެޒެންޓަރު، އެ ޝޯގެ ބައިވެރިއަކާ ސުވާލުކުރީ ވިލިނގިލީގެ މީހުން "ގަންބަނެ ބުދާ" ކިޔަނީ ކޮން އެއްޗަކަށްތޯ އެވެ. ޖަވާބުގައި، އެއީ "ދާނި" ކަމަށް ބުނުމުން އެ ޖަވާބު ރަނގަޅު ކަމަށް ޕްރެޒެންޓަރު ބުންޏެވެ.
އެކަމުގެ ކަންބޮޑުވުން ފާޅުކޮށް، ވިލިނގިލީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ، އެއީ އެއްވެސް އިރެއްގައި ވިލިނގިލީގެ މީހުން ބޭނުންކުރި ބަހެއް ނޫން ކަމަށާއި އެއީ ޖެއްސުން ކުރުމާއި ދިމާކުރުމުގެ ގޮތުން ބަޔަކު އަމިއްލަ އަށް އުފައްދައިގެން ކިޔާ އެއްޗެއް ކަމަށެވެ.
އެތައް ހާސް ބަޔަކު ބަލަމުންދިޔަ ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި އެ ސުވާލު ކުރުމަކީ ވިލިނގިލީގެ ރައްޔިތުންނަށް ފުރައްސާރަކޮށް، އެ މީހުންނާ ދިމާކޮށް މަލާމާތްކުރުން ކަމަށް އެ ރަށުގެ ހަތް ކައުންސިލަރުން ސޮއިކުރައްވާފައިވާ ބަޔާނުގައި ވެ އެވެ.
ޓީވީއެމްގެ އެ ޝޯގައި ވިލިނގިލީގެ މީހުންނަށް ނިސްބަތްކޮށް "ގަންބަނެ ބުދާ" ކިޔުމާ ގުޅިގެން އެ ރަށުގެ މީހުން ޓެގްކޮށް ސޯޝަލް މީޑިއާގައި ވެސް ފުރައްސާރަ ކުރަމުންދާ ކަމަށް ކައުންސިލުން ބުނެ އެވެ. އެކަމުގެ ސަބަބުން ވިލިނގިލީގެ މީހުންނަށް ނަފުސާނީ ގޮތުން އަސަރު ކުރަމުން ދާތީ، އޭގެ ބަދަލު ޓީވީއެމުން ރައްޔިތުންނަށް ދިނުމަށާއި ރައްޔިތުންނަށް ކުރިމަތިވަމުންދާ ނޭދެވޭ އަސަރުތަކުގެ ޒިންމާ ނެގުމާ އެކު، މާފަށް އެދުމަށް ވެސް ކައުންސިލުން ގޮވައިލި އެވެ.
"ވިލިނގިލީ ރައްޔިތުންނާއި ކުޑަކުދިންނަށް މިކަމުގެ ނޭދެވޭ އަސަރުކޮށް، ނަފްސާނީ ގޮތުން އެތައް ބަޔަކަށް ދަނީ ގެއްލުންތައް ލިބެމުންނެވެ. މިހެން ކަމުން، މިކަމުގެ ޝަކުވާ ވިލިނގިލީ ރައްޔިތުންނާއި ރާއްޖޭގެ އެކި ހިސާބުތަކުން މި ކައުންސިލަށް ދަނީ ލިބެމުންނެވެ،" ބަޔާނުގައިވެ އެވެ.
މިފަދަ ކަމެއް ކުރިމަގުގައި ތަކުރާރުވުމުގެ ކުރިން ތަހުގީގީ އިދާރާތަކުން އެކަމުގައި ފިޔަވަޅު އެޅުމަށް ވެސް ކައުންސިލުން ގޮވައިލި އެވެ.
"މި މައްސަލާގައި ޓީވީ މޯލްޑިވްސް އާއި ކަމާއި ބެހޭ މުވައްސަސާތަކުން އަމަލުކުރާ ގޮތެއްގެ މައްޗަށް އިތުރު ފިޔަވަޅެއް އަޅަން ޖެހިއްޖެ ނަމަ އެފަދަ ފިޔަވަޅެއް އެޅުމަށް ވެސް މި ކައުންސިލް ފަސްނުޖެހޭނެ ވާހަކަ ދަންނަވަމެވެ،" ބަޔާނުގައި ބުންޏެވެ.
ޓީވީއެމްގެ މި އަމަލު ވިލިނގިލީ ކައުންސިލުން ވަނީ ކުށްވެރިކޮށްފަ އެވެ.
ހުވަދޫ ބަސް ދިރާސާ ކުރާ އަދި ވިލިނގިލީގެ ރައްޔިތެއް ކަމަށްވާ އަދުނާން ހަލީމް، "މިހާރު" އަށް ކިޔައިދިން ގޮތުގައި "ގަންބަނެ ބުދާ" އަކީ އެއް އިރެއްގައި ވެސް ވިލިނގިލީގެ ރައްޔިތުން ބޭނުންކުރަމުން އައި ބަހެއް ނޫނެވެ. އެއީ ވިލިނގިއްޔަށް ހިޖުރަކުރި އެހެން ރަށެއްގެ ބަޔަކު ވިލިނގިލީ ރައްޔިތުންނަށް ފުރައްސާރަ ކުރަން ބޭނުންކުރި ބަހެއް ކަމަށް އޭނާ ބުނެ އެވެ.
އަދުނާން ބުނީ، އެ ބަސް އުފެދިގެން އައީ އިހުގައި ވިލިނގިލީ މީހުންގެ ވާހަކަ ދެއްކުމުގެ ބަހުރުވައިގައި "ބުދާ" ބޭނުންކުރާތީ އެވެ.
"ކުދަ ބުދާ ކަހަލަ އެއްޗެހި ކިޔާތީވެ، ތަންކޮޅެއް ކުރީ ޒަމާނުގަ ރަށެއްގެ ބަޔަކު ޖެއްސުން ކުރުމުގެ ގޮތުން ކީ ނަމެއް އެއީ، ދާންޏަށް އެެހެންވީމަ ކިޔާނީ ގަންބަނެ ބުދާ ނޫންހޭ ކިޔައިގެން. ވިލިނގިލީ މީހުން ރުޅި އަރުވާލަން ވެގެން، ދިމާކުރަން ވެގެން މި ކިޔަނީ،" އަދުނާން ބުންޏެވެ.
ޓީވީއެމްގެ ލައިވް ޕްރޮގްރާމެއްގައި އެއީ ވިލިނގިލީ މީހުން ބޭނުންކުރާ ބަހެއް ކަމަށް ބުނުމުން އެކަމުގެ ނުރުހުން ފާޅުކޮށް އަދުނާން ވަނީ ޝޯގެ ޕްރެޒެންޓަރު އެ ނިންމުން ނިންމީ ކޮން ހަމައަކުންތޯ ސުވާލު އުފައްދައިފަ އެވެ. އަދި އެ ރަށުގެ މީހުންނާ ބައްދަލުވެ، ދިމާކުރަން އެ ގޮތަށް ބަސް ބޭނުންކުރިޔަސް، ލައިވް ޕްރޮގްރާމެއްގައި އެގޮތަށް ބުނުމަކީ ރަށުގެ ރައްޔިތުންނަށް ކުރި ފުރައްސާރައެއް ކަމަށާއި ސޯޝަލް މީޑިއާގައި ވެސް އޭގެ ވީޑިއޯތައް ދައުރުވެ، ވިލިނިގިލީގެ މީހުންނަށް ދިމާކުރަމުންދާ ކަމަށް އޭނާ ބުންޏެވެ.
"ވިލިނގިލީ މީހުން ވެސް ވިލިނގިލީ މީހުންނަށް ނުކިޔާނެ އެހެން. އެއީ އެހެން ރަށްރަށުގެ މީހުން ވިލިނގިލީ މީހުންނަށް ކިޔާ އެއްޗެއް،" އަދުނާން ބުންޏެވެ.