19 މެއި 2021 - 21:22

ޓެރަރިޒަމްގެ ތުހުމަތުގައި ދަރަވަންދޫން ދެންމެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ދަރަވަންދޫގައި ހިންގި ހާއްސަ އޮޕަރޭޝަނުގައި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އިތުރު ތަފުސީލެއް ފުލުހުން ނުދިން ނަމަވެސް "މިހާރު" އަށް އެނގިފައިވާ ގޮތުގައި އެއީ ދީނީގޮތުން ހަރުކަށި ފިކުރުގެ ވިސްނުމުގެ މީހެކެވެ.
އޭނާ އަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން މި މަހުގެ ހަ ވަނަ ދުވަހުގެ ރޭ މާލޭގައި ބޮމެއް ގޮއްވައިލި މައްސަލައިގައި ތުހުމަތު ކުރެވޭ މީހެއް ކަމަށް ބުނެ ދަރަވަންދޫގައި ވާހަކަ ދެއްކިޔަސް އަދި އެކަން ކަށަވަރެއް ނުވެ އެވެ.
ދަރަވަންދޫން ހައްޔަރުކުރި މި މީހާ އަކީ އެ ރަށުގެ މީހަކާ އިނދެގެން އުޅޭ ލ. ގަމުގެ މީހެކެވެ. އޭނާ ދިރިއުޅޭ ގޭގައި އެއްޗެއް ގޮއްވައިލި ކަމަށް ވެސް ރަށުތެރޭގައި ވާހަކަަތައް ދެއްކެވެ އެވެ. އެކަމަކު، ފުލުހުން އަދި މި މައްސަލައިގައި ވާހަކަ ނުދައްކާތީ ހަގީގަތެއް ނޭނގެ އެވެ.
ނަޝީދު އަވަހާރަ ކޮށްލަން ދިން ޓެރަރިސްޓް ހަމަލައަށް ފަހު، ދީނީގޮތުން ހަރުކަށި ފިކުރު ކުރިއަރުވާ މީހުން ހޯދައި، އެ މީހުންނާ މެދު ފިޔަވަޅު އެޅުމުގެ ޚާއްސަ އޮޕަރޭޝަނެއް ސަލާމަތީ ބާރުތަކުން ވަނީ ފަށައިފަ އެވެ. އެގޮތުން، ހަރުކަށި ފިކުރު ފެތުރުމުގައި އިސްކޮށް ހަރަކާތްތެރިވާކަމުގެ ތުހުމަތަށް މާލެ އިން ވެސް ރޭ ވަނީ މީހަކު ހައްޔަރުކޮށްފަ އެވެ.
އއ. ހިމަންދޫގައި ހަރުކަށި ފިކުރު ފަތުރައި ސަލާމަތީ ބާރުތަކާ ދެކޮޅަށް ހަމަލާ ދިނުމުގައި އިސްކޮށް އުޅުނު މައްސަލާގައި 2007 ވަނަ އަހަރު ހައްޔަރުކޮށް 10 އަހަރަށް ޖަލަށް ލި، އަބްދުﷲ އަލިމަނިކު ރޭ އަލުން ހައްޔަރުކޮށް، ތަހުގީގުގެ ބޭނުމަށް 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ފުލުހުންނަށް މިއަދު ވަނީ އަންގައިފަ އެވެ.
ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލައިގެ ތުހުމަތަށް ތިން މީހަކު މިހާތަނަށް ވަނީ ހައްޔަރުކޮށްފަ އެވެ.