ޓެރަރިސްޓް ހަމަލާއެއް ދޭން ރާވަމުންދާ ކަމުގެ ތުހުމަތު އަބްދުﷲ އަލިމަނިކަށް
ޓެރަރިސްޓް ހަމަލާއެއް ދޭން ރާވަމުންދާ ކަމުގެ ތުހުމަތު އަބްދުﷲ އަލިމަނިކަށް

ހަރުކަށި ފިކުރު ފެތުރުމުގައި އިސްކޮށް ހަރަކާތްތެރިވާކަމުގެ ތުހުމަތަށް އަބްދުﷲ އަލިމަނިކު ރޭ ހައްޔަރުކުރީ ޓެރަރިޒަމް ހަމަލާއެއް ރާވަމުންދާ ކަމަށް ތުހުމަތުކުރެވޭ މީހަކަށް ވާތީ ކަމަށް، އޭނާ ހައްޔަރުކުރަން ރޭ ނެރުނު ކޯޓު އަމުރުގައި ބުނެފި އެވެ.

އެ އަމުރުގައި ބުނީ، 49 އަހަރުގެ އަބްދުﷲ އަލިމަނިކަކީ ރާއްޖޭގައި ހަރަކާތްތެރިވާ ހަރުކަށި ފިކުރުގެ މީހުންނާ އެކު ރާއްޖޭގައި ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ޓެރަރިޒަމްގެ ހަމަލާއެއް ރާވަމުންދާ ކަމަށް ތުހުމަތުކުރެވޭ މީހެއް ކަމަށެވެ.

އޭގެ އިތުރުން ހަރުކަށި ފިކުރު ކުރިއެރުވުމަށްޓަކައި ވަކިން ޖަމާއަތް ހަދައިގެން ނަމާދުކުރުމާއި ހަރުކަށި ފިކުރަށް ހިތްވަރުދޭ ކްލާސްތައް ބޭއްވުމާއި ޖިހާދުގެ ނަމުގައި ބޭރުގައި ހިނގާ ދާހިލީ ހަނގުރާމަ އަށް މީހުން ފޮނުވުމާއި އެކަމަށް ރެކްރޫޓްކުރުމަކީ ވެސް އޭނާގެ މައްޗަށް ފުލުހުން ކުރާ ތުހުމަތެވެ.

އެކަމުގެ ހެއްކަކަށް އޮތީ ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓެވެ.

އެ ތުހުމަތުތަކަށް ރޭ އޭނާ ހައްޔަރުކޮށް ބަންދަށް 15 ދުވަސް ޖަހާފައި ވެ އެވެ.

އއ. ހިމަންދޫގައި ހަރުކަށި ފިކުރު ފަތުރައި ސަލާމަތީ ބާރުތަކާ ދެކޮޅަށް 2007 ވަނަ އަހަރު ހަމަލާ ދިނުމުގައި އިސްކޮށް އުޅުނު އަބްދުﷲ އަލިމަނިކަކީ އެ މައްސަލައިގައި ހައްޔަރުކޮށް 10 އަހަރަށް ޖަލަށް ވެސް ލި މީހެކެވެ.

އެ މައްސަލައިގައި ހުކުމްކޮށް ޖަލަށް ލާފައި ވަނިކޮށް 2010 ވަނަ އަހަރު ޖަލުން ފިލައިގެން އުޅޭތާ އަހަރެއް ފަހުން ތިލަފުށިން އޭނާ ހައްޔަރުކުރި އެވެ. މާފުށީ ޖަލުގައި ހުކުމް ތަންފީޒްކުރަމުން ދަނިކޮށް ދެ ފަހަރެއްގެ މަތިން އޭނާ ޖަލުން ފިލި އެވެ. އަދި 2009 ވަނަ އަހަރު ގދ. ތިނަދޫގައި ފިލައިގެން އުޅެނިކޮށް ހައްޔަރުކޮށް އެ ރަށު ބޯޓެއްގައި އޭނާ ގޮވައިގެން މާލެ އަންނަނިކޮށް ކަނޑަށް ފުންމާލައިގެން ފިލަން ވެސް އަބްދުﷲ އަލިމަނިކު މަސައްކަތްކުރި އެވެ.

އޭނާ ހައްޔަރުކޮށްފައި މި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހަރާކޮށްލަން ދިން ބޮމުގެ ހަމަލާއަށްފަހު ހަރުކަށި ފިކުރާ ދެކޮޅަށް ސިފައިންނާއި ފުލުހުން ހިންގާ ހަރަކާތްތައް އިތުރުކޮށްފައި ވަނިކޮށެވެ. އެކަމަކު އަބްދުﷲ އަލިމަނިކު ހައްޔަރުކުރީ ހަމަލާއާ ގުޅުން ހުރި މައްސަލައެއްގައި ކަމެއް ނޭނގެ އެވެ.