20 މެއި 2021 - 11:57

އއ. ހިމަންދޫގައި މީގެ 14 އަހަރު ކުރިން ސަލާމަތީ ބާރުތަކާ ދެކޮޅަށް ނުކުމެ ތިބި 150 އެއްހާ މީހުންގެ ތެރެއިން، އެންމެ ކުރީގައި ހުރި އެކަކު ރޭ ބުންޏެވެ:

"ކަލޭމެން ނޫހުގައި ތި ލިޔާ އެއްޗިއްސާ ހެދި މި ރަށަކަށް މިހާރު ޓޫރިސްޓުންނެއް ނާދެއޭ. ހެޔޮ ނުވާނެ އެއީ 14 އަހަރު ކުރީގެ ކަމެކޭ."

ހަރުކަށި ފިކުރުގެ ވާހަކަތަކާ އެކު ހިމަންދޫގެ ނަން އަނެއްކާ ވެސް މި ވަނީ ގަދަވެފަ އެވެ. އެކަމަކު، އޭނާ ވެސް ބުނާހެން އެއީ މީގެ 14-15 އަހަރު ކުރި އެވެ. އޭނާ ވެސް، އަދި އެހެން ވަރަށް ގިނަ މީހުން ވެސް މިހާރު ވަނީ ވަރަށް ބޮޑަށް ބަދަލުވެފަ އެވެ. ބައެއް މީހުން ހަރުކަށި ފިކުރު ހަމައެކަނި "ދޫކޮށްލީއެއް ނޫނެ"ވެ. އެ ފިކުރާ ދެކޮޅަށް ވެސް އެބަ މަސައްކަތް ކުރެ އެވެ. އަދި ކުރިން ހުރި ދިގު ތުނބުޅިތައް ވެސް ވަރަށް ގިނަ މީހުން މިހާރު ވަނީ ތުނިކޮށް، ސްޓައިލްކޮށްލައިފަ އެވެ.

ކަރުކަށި ފިކުރުގެ ވާހަކަތައް ދައްކާ ކޮންމެ ފަހަރަކު އެ ރަށުގެ ނަން މި އަންނަނީ ސަބަބުތަކެއް ވެސް އޮވެގެންނެވެ. މީގެ 14 އަހަރު ކުރިން، އެ ރަށަކީ އެ ފިކުރުގައި ހައްދުފަހަނައަޅާފައި އޮތް ރަށެކެވެ. ހަރުކަށި ފިކުރުގެ ހުރިހާ ސިފަތަކެއް އެ ރަށުގެ އެއް އަވަށުން އެއްކޮށް ދިޔައީ ފެންނަމުންނެވެ. ބިދޭސީ ޓީޗަރުން ކިޔަވައިދޭތީ ސްކޫލަށް ނުފޮނުވުމާއި، ސްކޫލުގެ އެސެމްބްްލީގައި ސްކޫލުގެ ލަވަ ކިޔާތީ އޭގައި ބައިވެރި ނުވާތީ އާއި، މަޚްރަޖަށް ނުކިޔަވާތީ މުދިމުގެ ފަހަތުންް ނަމާދު ނުކުރުމާއި، އެ ފިކުރު ނޫން އެންމެން އެއީ ކާފަރުންް ކަމަށް އެ ރަށުގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުން ގަބޫލުކުރި އެވެ. އަދި އޭރު ރާއްޖޭގައި ހަރުކަށި ފިކުރު ފަތުރާ އެންމެ ބޮޑެތި މީހުން ގޮސް ވަޒަންވެރިވެ ދިރިއުޅޭ ރަށަކަށް އެ ރަށް ބަދަލުވި އެވެ. ހަމައެހެންމެ އެ ރަށުގެ ހަތަރު ފަސް އަހަރުގެ ކުޑަކުޑަކުދިން ވެސް މޫނުބުރުގާ އަޅުވައި، ފިރިހެން ކުދިންގެ ފަޓުލޫނުގެ ފައިކުރި ވެސް ބުރި ކުރި އެވެ. ގެއެއްގައި ވަކިން މިސްކިތެއް ހަދައި ޖަމާއަތް ވަކިކޮށްލި އެވެ. ޓޫރިޒަމްގެ މައި ހަބެއްގެ ތެރޭގައި ރަށް އޮތަސް، ޓޫރިޒަމްގެ ވިޔަފާރިއަކީ ހަލާލު މަސައްކަތެއް ނޫނެވެ. -- މިހެން ގޮސް ލިޔެވިދާނެ ލިސްޓު ވަރަށް ދިގެވެ.

ރަށު ކައުންސިލުން ވެސް، އަދި އެ ރަށުގައި އޭރު ހަރުކަށި ފިކުރުގައި އިސްކޮށް ތިބި ވަރަށް ގިނަ މީހުން ވެސް ގަބޫލުކުރާ ގޮތުގައި އެއީ މާޒީން ނަގައިދިން ވަރަށް ވޭންދެނިވި ފިލާވަޅެކެވެ.

"އެއީ ރަށުގެ މޫނުމަތީގައި ޖެހުނު ވަރަށް ކަޅު ލައްގަނޑެއް،" ރަށު ކައުންސިލްގެ ރައީސް ހުޝާމް އިސްމާއިލް ރޭ ވިދާޅުވި އެވެ.
އޮކްޓޫބަރު 6، 2007 ގައި ހިމަންދޫގައި ފުލުހުންނާއި ސިފައިންނާ ކުރިމަތިލައި ބޮޑު ހަމަނުޖެހުމަަކަށް މުޅި ރަށް ވެއްޓުމާ އެކު، މުޅި ދުނިޔޭގެ ސުރުހީތަކަށް އެ ރަށް އެރި އެވެ. އެ މީހުން ތިބި ގޮތާއި ކުރިމަތިލި ގޮތް އެއީ އޭގެ ކުރިން އެއްވެސް ދިވެއްސަކު ދުށް މަންޒަރެއް ނޫނެވެ. އެންމެންނަށް ވެސް ހީވީ، އެ މީހުން އެ ތިބީ އަތުނުވާ ހިސާބަށް ގޮސްފައި ކަމަށެވެ. އެހެން ނަމަވެސް، އެ ހާދިސާ އަށް ފަހު، މުޅި ރަށް ބަދަލުކުރަން ގިނަ މަސައްކަތްތަކެއް ކޮށް، މިހާރު ވަނީ، ކައުންސިލުން ބުނާ ގޮތުގައި އެކަން ކާމިޔާބު ވެސް ކޮށްފަ އެވެ.
"އެ ހާދިސާ ހިނގިތާ ހަމަ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރައީސް މައުމޫންގެ ވެރިކަން ނިމުނީ. ދެން ރައީސް ނަޝީދުގެ ވެރިކަން ފެށުނީ. އިސްލާމިކް މިނިސްޓަރަކަށް ވަޑައިގަތީ ޑރ. މުހަންމަދު ޝަހީމް. ޝަހީމް ވަރަށް މަސައްކަތް ކުރެއްވި އެއް ކަމެއް އެއީ މި ރަށުގައި އަލުން ޖަމާއަތުގައި މީހުން ނަމާދުކުރުވުން. އަދާލަތު ޕާޓީގެ ދީނީ އިލްމުވެރިން ވެސް މި ރަށަށް ފޮނުއްވައިގެން ނަސޭހަތް ދެއްވި ވަރަށް ގިނަ ފަހަރު،" ހުޝާމް ވިދާޅުވި އެވެ. "އޭގެ ވަރަށް ރަނގަޅު އަސަރުކުރި."
އެކަމަކު، ދީނީ އިލްމުވެރިންގެ ވާހަކަތައް ގަބޫލު ނުކުރަން ވެސް ބަޔަކު އޭރު އުޅުނެވެ. އޭގެ ތެރެއިން ބައެއް މީސްމީހުން ދުރުދުރުން އުޅުނެވެ. އެކަމަކު އާޚިރު ނަތީޖާ އަކަށް ވީ، މުޖުތަމައުންް އެކަހެރިވެގެން ތިބުމުގެ މާނައެއް ނެތް ކަމެވެ. ހުޝާމް ވިދާޅުވި ގޮތުގައި އޭރު ޖަމާއަތް ދޫކޮށްލި އެންމެންހެން މިހާރު ފެންނާނީ މިސްކިތަށް އަރައި ނަމާދުކުރާ ތަނެެވެ.
"ކުރިން ނުކުރާ ހުއްދަ ނޫން ކަމަށް ބުނި އެތައް ވިޔަފާރިއެއްގެ ތެރޭގައި ވެސް މިހާރު މި ރަށު މީހުން އުޅޭ. ކުރިންް ޓޫރިޒަމްގެ ވިޔަފާރީގެ ތެރޭގައި އެ މީހުންނެއް ނޫޅޭނެ. މިހާރު މި ރަށުގައި ތިން ގެސްޓް ހައުސް ހަދައިގެން އެބަ ހިންގާ،" ހުޝާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ހިމަންދު އަކީ ޓޫރިޒަމްގެ މައި ހަބެއްގެ ތެރޭގައި އޮތް ވަރަށް ރީތި މޫދަކާއި ދޮންވެލިގަނޑެއް އޮތް ރަށަކަށް ވާތީ، ޓޫރިޒަމްގެ ފައިދާ އެ ރަށަށް ލިބިދާނެ ކަން އެންމެން ވެސް ގަބޫލުކުރެ އެވެ. އެހެންވެ، އިތުރު ދެ ގެސްޓް ހައުސްއެއް ވެސް އެ ރަށުގައި ތައްޔާރުވަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"މަސްވެރިކަމާއި ޓޫރިޒަމްގައި ވެސް މި ރަށުގައި އެންމެންހެން އެބަ އުޅޭ. ރަށް މިއޮތީ މިހާރު މުޅިން ބަދަލުވެފައި. އަޅުގަނޑުމެން ބޭނުން ވަނީ ކުރިން ވެދިޔަ ކަންތައް މުޅިންހެން ހަނދާން ނައްތާލަން،" ހުޝާމް ވިދާޅުވި އެވެ.
"ތިޔަ ބޭފުޅުން ވެސް މިހާރު މި ރަށަށް އަރާލީމަ ފެންނާނީ މި ރަށް ބަދަލުވެފައި އޮތް ވަރު،" ހިމަންދޫގައި ކުރިން ހަރުކަށި ފިކުރަށް ތަބާވި މީހަކު ބުންޏެވެ.
ހުޝާމް ވިދާޅުވި ގޮތަށް، އެ ރަށުގެ އެންމެންހެން ވެސް ބުނަނީ ހިމަންދޫގެ ކުރިއަށް "ހަރުކަށި ފިކުރު" ލުމުގެ ބޭނުމެއް މިހާރަކު ނެތެވެ. އެކަމަކު ކުރިން ވެސް މޫނުބުރުގާ އަޅާ ގޮތަށް އަޅައި، ދީނަށް ދިން ލޯބި އެ ރަށުގައި އަދިވެސް ގަދަ އެވެ.
"ކުރިން ރަށުގެ އެއްފަޅި އެއްކޮށްހެން އަންހެނުން ނުދާނެ މިސްކިތަކަށް. އެކަމަކު މިހާރު މިސްކިތަށް ގޮސް ނަމާދުކޮށް ހަދާނެ. ސްކޫލަށް ފޮނުވާނެ. ތައުލީމަކީ މުހިންމު އެއްޗެއްކަން ގަބޫލުކުރާނެ. ހަރުކަށި ފިކުރަކަށް ތަބައެއް ނުވާނެ،" އޭނާ ބުންޏެވެ.
އެ ރަށުން ވާހަކަ ދެއްކި ބައެއް މީހުންް އެދެނީ، ވޭތުވެދިޔަ މާޒީގައި ދިމާވި ކަންކަމުގެ ވާހަކަތައް އަލުން ނުދެއްކުމަށެވެ. އަދި އެއީ، އޭރު އެ ރަށަށް ހިޖުރަކުރި ބަޔަކު އެ ރަށުގައި ވަޒަންވެރިވެ އަމިއްލަ ބޭނުމަކަށް ބައެއްގެ ސިކުނޑި ދޮވެލީ ކަމަށް މިހާރު ގަބޫލުކުރެ އެވެ.
"އަޅުގަނޑުމެން މިހާރު ހަމަ ވަރަށް ސީރިއަސްކޮށް ވިޔަފާރީގެ ތެރޭގައި މި އުޅެނީ. ކުރީގެ ވާހަކަތަކާ ގުޅިގެން އަޅުގަނޑުމެންނަށް ވަރަށް ބޮޑެތި ގެއްލުންތައް ލިބެމުން މިދަނީ. މި ރަށަށް ވަރަށް ރަނގަޅަށް ޓޫރިސްޓުން އަންނަމުން ދަނިކޮށް މިހާރު އަނެއްކާ ވެސް މި ރަށުގެ ވާހަކަތައް ދީނާ ގުޅުވައިގެން ދެއްކީމަ އެއީ ވަރަށް ބޮޑު ދެރައެއް،" އެކަކު ބުންޏެވެ.
ހުޝާމް ވިދާޅުވީ އެ ހާދިސާ އަށް ފަހު އެ ރަށުގައި ހަރުކަށި ފިކުރުގެ އެއްވެސް އަމަލެއް ހިނގާފައި ނުވާ ކަމަށެވެ. އޭނާ ވިދާޅުވީ އެކަން ދެން ތަކުރާރު ވެސް ވުމަކީ ނާދިރު ކަމެއް ކަމަށެވެ.
"މިހާރު ޕޮލިސް ސްޓޭޝަނެއް ވެސް އެބަހުރި. އަނެއްކާ އެކަހަލަ ކަމެއް ކިރިޔާ ވެސް ހިނގާ ކަމަށް ވަންޏާ ކައުންސިލުން އެކަމަށް ފިޔަވަޅު ނާޅައެއް ނޯންނާނެ،" ހުޝާމް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ރަށުގެ މީހުން ކިތަންމެ ހެވަސް، މިހާރު ހަމަ އެހެން މީސްމީހުންނަށް އައިސް އެކަހަލަ ކަންކަން ކުރާކަށް ވަޒަންވެރިއެއް ވެސް ނުވެވޭނެ."
ހިމަންދޫގައި ހިނގައިދިޔަ ބޮޑު ހަމަނުޖެހުމަކީ، ރަށުގެ ތަރައްގީ މުޅިން ހުއްޓުނު ކަމެކެވެ. ހަގީގަތަކީ، 14 އަހަރު ވަންދެން އެ ރަށުގެ ރައްޔިތުން ވަރަށް ބޮޑަށް އޭގެ ވޭނުގައި އުޅުނު ކަމެވެ. ބައެއް އާއިލާތަކުގެ ހުރިހާ ފިރިހެނުންހެން ޖަލަށް ލުމާ އެކު އާއިލާތައް މުޅިން ބިކަވި އެވެ. ބައެއް މީހުން ސިފަކުރާ ގޮތުގައި، އެއީ ގޭގޭގައި ތިބި އަންހެނުންނާއި ކުޑަކުދިންނަށް ލިބުނު ވަރަށް ބޮޑު އަނިޔާއެކެވެ.
އެ ތަޖުރިބާ އަލުން ކުރާކަށް އެކަކު ވެސް ބޭނުމެއް ނޫނެވެ. މިހާރު ބޭނުން ވަނީ އުފާވެރި ދިރިއުޅުމެކެވެ.