19 މެއި 2021 - 18:51

ކޮވިޑް-19 ގައި ރާއްޖެއިން މިއަދު މަރުވި މީހުންގެ އަދަދު ހަތަކަށް އަރައިފި އެވެ. މިއީ އެއް ދުވަސް ތެރޭގައި ކޮވިޑް ބަލީގައި އެންމެ ގިނަ މީހުން މަރުވި ދުވަހެވެ.
އެންމެ ފަހުން މަރުވެފައި ވަނީ 62 އަހަރުގެ އަންހެނެކެވެ. އެނގިފައިވާ ގޮތުގައި އޭނާ މަރުވީ އައިޖީއެމްއެޗްގަ އެވެ.
ރޭ 12:00 ގެ ފަހުން އެންމެ ފުރަތަމަ މަރުވީ ލ. ގަމު ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން އައި ދެ މީހަކެވެ. އޭގެ ތެރެއިން، 87 އަހަރުގެ ފިރިހެން މީހާ ރޭ ދަންވަރު 1:00 ހާއިރު މަރުވިއިރު 66 އަހަރުގެ އަންހެން މީހާ މަރުވީ އޭގެ ދެ ގަޑިއިރު ފަހުން ދަންވަރު 3:00 ހާއިރު އެވެ.
ބާކީތިބި ފަސް މީހުން މަރުވީ މާލެ ސަރަހައްދުންނެވެ. އެ ތަނުން އެންމެ ފުރަތަމަ މަރުވީ އައިޖީއެމްއެޗުގެ އިމަޖަންސީ ރޫމަށް ގެންދިޔަ 73 އަހަރުގެ ފިރިހެނެކެވެ. ހެނދުނު 7:25 ހާއިރު އެ މީހާ މަރުވެފައިވާއިރު އޭގެ ފަހުން، ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ 63 އަހަރުގެ ދިވެހި އަންހެނަކު 8:30 ގައި އަދި އޭގެ 14 މިނެޓު ފަހުން ހަމަ އެ ފެސިލިޓީގައި 51 އަހަރުގެ އިންޑިއާ ފިރިހެނަކު ވެސް ކޮވިޑުގައި މަރުވެފައި ވެ އެވެ.
ދެން މަރުވެފައިވާ މީހާއަކީ ވެސް ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން އައި އުމުރުން 66 އަހަރުގެ އަންހެނެކެވެ.
ކޮވިޑަށް ޕޮޒިޓިވްވާ މީހުންނާއެކު އެ ބަލީގައި މަރުވާ މީހުންގެ އަދަދު ވެސް ދަނީ އިތުރުވަމުންނެވެ. ކޮވިޑުގައި މިހާތަނަށް 111 މީހަކު ވަނީ މަރުވެފަ އެވެ.