19 މެއި 2021 - 16:37

ހަރުކަށި ފިކުރު ފެތުރުމުގައި އިސްކޮށް ހަރަކާތްތެރިވާކަމުގެ ތުހުމަތަށް ރޭ މާލެއިން ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.
ފުލުހުން ކުރި ޓްވީޓެއްގައި ބުނީ މާލޭން ހައްޔަރުކުރި 49 އަހަރުގެ މީހާގެ ބަންދުގެ އިތުރުކޮށްފައިވާ ވާހަކަ އެކަންޏެވެ.
ނަމަވެސް "މިހާރު" އަށް އެނގިފައިވާ ގޮތުގައި އެ މީހަކީ 2007 ވަނަ އަހަރު އއ. ހިމަންދޫގައި ހަރުކަށި ފިކުރު ފަތުރައި ސަލާމަތީ ބާރުތަކާ ދެކޮޅަށް ހަމަލާ ދިނުމުގައި އިސްކޮށް އުޅުނު މައްސަލާގައި ހައްޔަރުކޮށް 10 އަހަރަށް ޖަލަށް ލާފައިވާ އަބްދުﷲ އަލިމަނިކެވެ.
ހިމަންދޫގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން އަލިމަނިކަށް ހުކުމްކޮށް ޖަލަށްލާފައި ވަނިކޮށް 2010 ވަނަ އަހަރު ޖަލުން ފިލައިގެން އުޅޭތާ އަހަރެއް ފަހުން ތިލަފުށިން އޭނާ ހައްޔަރުކުރި އެވެ. މާފުށީ ޖަލުގައި ހުކުމް ތަންފީޒްކުރަމުން ދަނިކޮށް ދެ ފަހަރެއްގެ މަތިން އޭނާ ޖަލުން ފިލި އެވެ. އަދި 2009 ވަނަ އަހަރު ގދ.ތިނަދޫގައި ފިލައިގެން އުޅެނިކޮށް ހައްޔަރުކޮށް އެ ރަށު ބޯޓެއްގައި އޭނާ ގޮވައިގެން މާލެ އަންނަނިކޮށް ކަނޑަށް ފުންމާލައިގެން ފިލަން ވެސް އަބްދުﷲ އަލިމަނިކު މަސައްކަތްކުރި އެވެ.
ފުލުހުން އޭނާއަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި މާލެ ސަރަހައްދުގައި ވަކިން ޖަމާއަތް ހަދައިގެން ނަމާދުކުރުމާއި ހަރުކަށި ފިކުރު ފެތުރުމަށް ހިތްވަރުދޭ ކްލާސްތައް ބޭއްވުމާއި ޖިހާދުގެ ނަމުގައި ބޭރުގައި ހިނގާ ދާހިލީ ހަނގުރާމައަށް މީހުން ފޮނުވުމާއި އެކަމަށް ރެކްރޫޓްކުރުން އަދި ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ޓެރަރިޒަމް ހަމަލާއެއް ރާވަމުންދާ ކަމަށް ތުހުމަތުކުރެވުން ހިމެނެ އެވެ.
އެހެންވެ، އަބްދުﷲ އަލިމަނިކު ހައްޔަރުކުރަނީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށް ކްރިމިނަލް ކޯޓުގެ އަމުރުގައި ބުނެފައި ވެ އެވެ.
އޭނާ ހައްޔަރު ހައްޔަރުކޮށްފައި މި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާ އަށް ފަހު، ހަރުކަށި ފިކުރާ ދެކޮަޅަށް ސިފައިންނާއި ފުލުހުން ހިންގާ ހަރަކާތްތައް އިތުރުކޮށްފައި ވަނިކޮށެވެ. އެކަމަކު އަބްދުﷲ އަލިމަނިކު ހައްޔަރުކުރީ ހަމަލާއާ ގުޅުން ހުރި މައްސަލައެއްގައި ކަމެއް ނޭނގެ އެވެ.