19 މެއި 2021 - 16:07

އުރީދޫގެ އެމްފައިސާގައި ރަޖިސްޓްރީކޮށްފައިވާ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް އުރީދޫ އިން މިއަދު ފަށައިފި އެވެ.
މި ޕްރޮމޯޝަންގައި އެމްފައިސާގެ ރެޖިސްޓްރޭޝަން ފުރިހަމަކޮށް، 500ރ. ކޭޝް އިން ކުރުމުން އެމްފައިސާ ވޮލެޓަށް 50ރ. ޖަމާވަނެ އެވެ. އަދި އަލަށް ރެޖިސްޓްރޭޝަން ފުރިހަމަކުރާ ކަސްޓަމަރުންގެ ތެރެއިން އެމްފައިސާ މެދުވެރިކޮށް 500ރ. އަށްވުރެ މަތިން ޔުޓިލިޓީ ބިލްދެއްކުމުން ވޮލެޓަށް 25ރ. ޖަމާވާނެ އެވެ.
އެމްފައިސާ އަކީ ޑިޖިޓަލް ވޮލެޓެއް މެދުވެރިކޮށް ފައިސާ ޖަމާކޮށް، ފައިސާ ނަގައި، އެއް އެކައުންޓުން އަނެއް އެކައުންޓަށް ފައިސާ ފޮނުވައި، ތަފާތު ހިދުމަތްތަކަށް ފައިސާ ދެއްކުމަށް މަގުފަހިކޮށްދޭ ޑިޖިޓަލް ޕޭމަންޓް ސޮލިއުޝަނެކެވެ. މިއީ ކަރަންޓާއި ފެން ފަދަ އެންމެ ގިނަ ޔޫޓިލިޓީ ބިލުތަކަށް އެއްތަނަކުން ފައިސާ ދެއްކެވުމަށް ރާއްޖޭގައި ބޭނުންކުރެވޭ ޑިޖިޓަލް ޕްލެޓްފޯމެވެ. މީގެ ތެރޭގައި އުރީދޫ އާއި ސްޓެލްކޯ އާއި އެމްޑަބްލިއުއެސްސީ އާއި މީޑިއާނެޓާއި މޯލްޑިވް ގޭސް އަދި ވިލާ ގޭސް ފަދަ ގިނަ ކުންފުނިތައް ހިމެނެ އެވެ.
މި އެޕްލިކޭޝަނުގައި ރަޖިސްޓްރީ ކުރަން ބޭނުންވާ ކަސްޓަމަރުންނަށް މައި އުރީދޫ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެ އެވެ. އެގޮތުން، އެމްފައިސާގައި ރަޖިސްޓްރީ ކުރުމަށް މައުލޫމާތު ފުރިހަމަކޮށް އައިޑީ ކާޑު ނުވަތަ ޕާސްޕޯޓު ނުވަތަ ވޯކް ޕާމިޓުގެ ފޮޓޯ ކޮޕީ ހުށަހެޅުމުން ރަޖިސްޓްރީ ކުރެވޭނެ އެވެ.
އުރީދޫ އިން މި ޕްރޮމޯޝަން ފެށީ މިި ދަނޑިވަޅު އެ ކުންފުނީގެ ކަސްޓަމަރުން ހިދުމަތް ހޯދުމުގައި ޑިޖިޓަލް ޕްލެޓްފޯމުތައް ބޭނުން ކުރަން ބާރު އެޅުމަށެވެ. އެ ކުންފުނިން ވަނީ ރާއްޖޭގައި ކޮވިޑް-19 ފެތުރޭތީ ކަސްޓަމަރުންނާއި މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ޑިޖިޓަލް ޕްލެޓްފޯމުތައް މެދުވެރިކޮށް ހިދުމަތް ހޯދަން އެދިފަ އެވެ.